Advertisement

ޖެހިޖެހިގެން ދެ ވަނަ މެޗުގައި ރޮނާލްޑޯގެ ހެޓްރިކެއް

3 އޭޕްރީލް 2024 - 12:14 0


ޖެހިޖެހިގެން ދެ ވަނަ މެޗުގައި ރޮނާލްޑޯގެ ހެޓްރިކެއް

3 އޭޕްރީލް 2024 - 12:14 0

ރިޔާދު (އޭޕްރީލް 3) - ސައުދީ ޕްރޯ ލީގުގައި އަބާހާއާ ދެކޮޅަށް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ހެޓްރިކާ އެކު، އަލް ނަސްރު 8-0 އިން މޮޅުވެއްޖެ އެވެ.

ރޮނާލްޑޯ ވަނީ އަލް ނަސްރުން މި ހަފުތާގައި އަލް ތައި އާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް ހެޓްރިކް ހަދައިފަ އެވެ. އުމުރުން 39 އަހަރުގެ ރޮނާލްޑޯ މި ވަނީ، ކެރިއަރުގައި 65 ހެޓްރިކް ހަދައިފަ އެެވެ.

ރޭގެ މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ނަސްރުން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މިއީ އޭރިއާ ބޭރުން އަބާހާގެ މުހައްމަދު ނާޖީ ނަސްރުގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމަކުން ރޮނާލްޑޯ ކާމިޔާބުކުރި ގޯލެކެވެ. އަދި މެޗުގެ 21 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ އިތުރު ގޯލެއް ޖަހާ ނަސްރުގެ ލީޑު ފުޅާކޮށްފަ އެވެ. މިއީ ވެސް ހިލޭ ޖެހުމަކުން ރޮނާލްޑޯ ކާމިޔާބުކުރި ގޯލެކެވެ. އަދި އޭގެ 12 މިނެޓު ފަހުން އަލް ނަސްރުގެ ތިންވަނަ ގޯލު ޖެހީ ސަޑިއޯ މާނޭ އެވެ. މިއީ އޭރިއާ ތެރެއިން ރޮނާލްޑޯ ހުރަސްކުރި .ބޯޅަ އެއް މުޅިން ހުހަށްހުރެ މާނޭ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ 42 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ އިތުރު ގޯލެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އަކުން ރޮނާލްޑޯ ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަސްރުގެ ފަސްވަނަ ގޯލު އެ ޓީމަށް ޖަހާދިނީ އަލް ސުލައިހިމް އެވެ. މިއީ ރޮނާލްޑޯ މުޅިން ހުސްކޮށްލާފައި ދިން ބޯޅައަކުން ސުލައިހިމް ޖެހި ގޯލެކެވެ.

މެޗުގެ ދެ ވަނަ ހާފަށް ނަސްރުން ނުކުތީ ރޮނާލްޑޯ އާއި ނުލަ އެވެ. ނަސްރުން ކާމިޔާބުކުރި ހަވަނަ ލަނޑު ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ ގަރީބް އެވެ. މިއީ އޮޓާވިއޯގެ އެހީތެރިކަމާއެކު ގަރީބް ޖެހި ގޯލެކެވެ. ނަސްރުގެ ފަހު ދެ ގޯލު އެޓީމަށް ޖަހާދިނީ އަލް އަލްވާހް އެވެ.

މި ނަތީޖާއާއެކު ނަސްރުން ލީގުގެ ދެވަނައިގައި އޮތީ ކުޅުނު 26 މެޗުން ލިބުނު 62 ޕޮއިންޓާއެކުގަ އެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް އަލް ހިލާލަށް 26 މެޗުން 74 ޕޮއިންޓް ވަނީ ލިބިފަ އެވެ.