Advertisement

ސިޔާސީ މަގްސަދަށް ވަޒީފާއިން ވަކިކުރުމަކީ ކުށަކަށް ހަދާނަން: ފައްޔާޒު

17 އޭޕްރީލް 2024 - 22:40 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް : އޭނާ ވިދާޅުވީ ސިޔާސީ މަގްސަދަށް ވަޒީފާއިން ވަކިކުރުމަކީ ކުށަކަށް ހައްދަވާނެ ކަމަށް - ފޮޓޯ: އެމްޑީޕީ


ސިޔާސީ މަގްސަދަށް ވަޒީފާއިން ވަކިކުރުމަކީ ކުށަކަށް ހަދާނަން: ފައްޔާޒު

17 އޭޕްރީލް 2024 - 22:40 0

އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެނަމަ, ސިޔާސީ މަގްސަދަށް ވަޒީފާއިން ވަކިކުރުމަކީ ގާނޫނީ ކުށަކަށް ހަދާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ އެ ޕާޓީގެ ކެމްޕޭނުގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އާރުޑީސީގެ މުވައްޒަފަކަށް ވަޒީފާގެ ބިރު ދެއްކި ވާހަކަ އާއްމު މީހަކު ހިއްސާކުރާ މަންޒަރު ފެންނަ ވީޑިއޯ ހިއްސާކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

"އެމްޑީޕީ އަށް ތާއީދުކުރާ ރައްޔިތުންނަކީ ތިޔަހެން ދައްކަވާހާ ބިރަކަށް ސިހޭނެ ބައެއް ނޫންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އެނގިނުލައްވާތީ ހިތާމަކުރަން، މި ރައްޔިތުންނަކީ ތިޔަހެން ދައްކަވާހާ ބިރަކަށް ފަހަތަށްޖެހޭނެ ބައެއްނޫން،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.

އޭނާ އިތުރަށް ލިޔުއްވާފައިވާ ގޮތުގައި ރާއްޖޭގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އެމްޑީޕީއިން ހޯދައިދިނީ ބިރު ފަހަނައަޅާ ގޮސްގެނެވެ. ސަރުކާރުން ވަޒީފާގެ ބިރު ދެއްކުމަކީ ފިނޑި އަމަލެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"20ވަނަ މަޖިލީހަށް އެމްޑީޕީ އަށް މެޖޯރިޓީ ލިބިއްޖެނަމަ ސިޔާސީ މަގްސަދަށް ވަޒީފާއިން ވަކިކުރުމަކީ ގާނޫނީ ކުށެއް ކަމުގައި ކަނޑައަޅާ ސިވިލް ސާވިސް މުވައްޒަފުންނަށް ލިބިދީފައިވާފަދަ ގާނޫނީ ރައްކާތެރިކަން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށްވެސް ކަށަވަރުކޮށްދޭނަން،" އިތުރަށް ލިޔުއްވާފައިވެ އެވެ.

އިދިކޮޅު ފަރާތްތަކުން މި ސަރުކާރަށް ކުރާ އެންމެ ބޮޑު އެއް ތުހުމަތަކީ ވަޒީފާގެ ބިރު ދެއްކުމާއި ސަރުކާރާ ނުރުހޭ ފަރާތްތައް ވަޒީފާއިން ވަކިކުރުމެވެ. މިފަދަ ވާހަކަތަކެއް ވެރިކަންކުރާ ޕީއެންސީގެ އެކި ކެމްޕޭން ޖަލްސާތަކުގައި އެ ޕާޓީއަށް ނިސްބަތްވާ ބޭފުޅުން ވަނީ ދައްކަވާފަ އެވެ. ނަމަވެސް އެ ފަރާތްތަކަށް ވެރިކަންކުރާ ޕާޓީން ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.