Advertisement

ރައީސް މުއިއްޒު ހުވާ ކުރެއްވި ޖަލްސާއަށް ޔާމީންގެ އާއިލާއަށް ދައުވަތެއް ނުދޭ: ޒޭން

17 އޭޕްރީލް 2024 - 18:37 1

ނިމާ ހަސަން

ނިމާ ހަސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ދަރިކަލުން ޒޭން "އަދަދު"އަށް އިންޓަވިއުދެއްވަނީ. ފޮޓޯ:މިރާން ނާޝިމް/އަަދަދު


ރައީސް މުއިއްޒު ހުވާ ކުރެއްވި ޖަލްސާއަށް ޔާމީންގެ އާއިލާއަށް ދައުވަތެއް ނުދޭ: ޒޭން

17 އޭޕްރީލް 2024 - 18:37 1

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް އަބްދުالله ޔާމީންގެ އާއިލާ ބޭފުޅުންނަށް ދައުވަތު ނުދެއްވާ ކަމަށް އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުالله ޔާމީން ވިދާޅުވެއްޖެ އެވެ.

"އަދަދުއަށް" ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޒޭން ވިދާޅުވީ, އޭރު ކަންކަން ހުރި ގޮތުން ރައީސް މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ބައްޕާފުޅު ގެއަށް ވަޑައިގެންނެވުމަކީ ވަރަށް ބޮޑަށް ހިތްހަމަޖެހުން ގެނުވި ކަމެއް ކަމަށެވެ. އަދި އޭރު ސިޔާސީ ގޮތުން ހިނގަމުން ދިޔަ ކަންތައް އޭނާއަށް މުހިންމު ނޫން ކަމަށެވެ.

"އަޅުގަނޑުމެން އާއިލާގެ އިތުރު އެއްވެސް ބޭފުޅަކަށް ވެސް މުއިއްޒު ހުވާ ކުރެއްވި ތަނަށް ދައުވަތު ކާޑެއްހާ ހިސާބު ވެސް ނާދޭ. ނުވެސް ފެނޭ," ޒޭން ވިދާޅުވި އެވެ.

ޒޭން ވިދާޅުވި ގޮތުގައި ރައީސް ހުވާ ކުރެއްވި ތަނަށް ޔާމީން ގޮވައިގެން ވަޑައިގެންނެވުމަކީ އޭނާއަށް މުހިންމު ކަމެއް ނޫނެވެ.

ނޮވެމްބަރު 17, 2023, ގައި ރައީސް މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތަށް ޔާމީނަށް ދައުވަތު ފޮނުވި އެވެ. އެހެން ނަމަވެސް, ގައިދީއެއްގެ ގޮތުގައި ހުންނަވައިގެން އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ޔާމީން ބައިވެރިވެވަޑައިނުގަންނަވެ އެވެ.

ޔާމީން އޭރު ވިދާޅުވި ގޮތުގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު އެފަދަ ކަރާމާތްތެރި، އަދި ހައިބަތުބޮޑު ޖަލްސާއެއްގައި ބައިވެރިވުމަކީ، އެ ޖަލްސާގެ ކަރާމާތާއި ހައިބަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ސިފައިންގެ ކޯޕަރޭޓިވް ސިވެކާ 22.9 މިލިއަން ރުފިޔާގެ އަގަކަށް ހަވާލު ކޮށްގެން, ޖުމްހޫރީ މައިދާނުގައި ބޭއްވި އެ ރަސްމިއްޔާތުގެ ރަސްމީ ދައުވަތު 3،500 ފަރާތަކަށް ފޮނުވި އެވެ. އަދި އޭގެ އިތުރުން 1،000 އާންމުންނަށް ރަސްމިއްޔާތަށް ވަދެވޭނެ އިންތިޒާމު ވެސް ހަމަޖެއްސި އެވެ.