Advertisement

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް މިދިޔަ އަހަރު 183 ހާދިސާ ރިޕޯޓުކުރި، ގިނައީ އަލިފާނުގެ ހާދިސާ

17 އޭޕްރީލް 2024 - 19:27 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ގދ. ފިޔޯރީ ސްކޫލުގެ އިމާރާތުގައި ރޯވުން: މިދިޔަ އަހަރު -- ފޮޓޯ: އަހްމަދު އާސިފް


ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް މިދިޔަ އަހަރު 183 ހާދިސާ ރިޕޯޓުކުރި، ގިނައީ އަލިފާނުގެ ހާދިސާ

17 އޭޕްރީލް 2024 - 19:27 0

މިދިޔަ އަހަރު ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (އެންޑީއެމްއޭ) އަށް 183 ހާދިސާ ރިޕޯޓު ކޮށްފައިވާ ކަމަށާއި، އެންމެ ގިނައީ އަލިފާނުގެ ހާދިސާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

އެންޑީއެމްއޭއިން ނެރުނު އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު އެ އޮތޯރިޓީއަށް ރިޕޯޓުކުރި 183 ހާދިސާގެ ތެރެއިން 95 ހާދިސާއަކީ އަލިފާނުގެ ހާދިސާ ކަމަށާއި، އަދި ގޭސް އެކްސްޕްލޯޝަންގެ ނުވަ ހާދިސާ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ވާރޭވެހި ފެންބޮޑުވުމުގެ 54 ހާދިސާ އެންޑީއެމްއަށް މިދިޔަ އަހަރު ރިޕޯޓު ކުރިއިރު، ވައިގަދަވުމުގެ 14 ހާދިސާ ވަނީ ރިޕޯޓު ކޮށްފަ އެވެ. ކަނޑުމަތީގެ ދެ ހާދިސާ ރިޕޯޓް ކޮށްފައިވާއިރު، އޭވިއޭޝަން އިންސިޑެންޓުގެ އެއް ހާދިސާ ވެސް އެންޑީއެމްއޭއަށް މިދިޔަ އަހަރު ރިޕޯޓު ކުރި އެވެ.

މިދިޔަ އަހަރު އެންޑީއެމްއޭއަށް ކ. އަތޮޅުން 92 ހާދިސާ ރިޕޯޓުކުރި އެވެ. އައްޑޫން 20 ހާދިސާ ރިޕޯޓުކުރިއިރު، އއ. އަތޮޅުން ވަނީ 13 ހާދިސާއެއް ރިޕޯޓު ކޮށްފަ އެވެ.

"2023 ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް، އެހީގެ ގޮތުގައި 51 ހާދިސާއަކާއި ގުޅިގެން 281 ގޭބިސީއަކަށް އެހީގެ ގޮތުގައި 3،753،789.10ރ. ދެވިފައިވޭ. 2023 ވަނަ އަހަރު މި އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވާ ހާދިސާތަކުން 1450 މީހަކަށް އަސަރުކޮށްފައިވޭ،" އެންޑީއެމްއޭއިން ބުންޏެވެ.

ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު އެންޑީއެމްއޭއަށް ޖުމްލަ 12 އަތޮޅެއްގެ 295 ގޭބިސީއަކަށް ގެއްލުން ލިބިގެން އެ އޮތޯރިޓީއަށް ރިޕޯޓު ކުރި އެވެ.

އޭގެ ތެރެއިން ގިނައިން ގެއްލުމުގެ ރިޕޯޓު ކޮށްފައި 132 ގޭބިސީއާއެކު ސ. އަތޮޅުންނެވެ. އަދި ޅ. އަތޮޅުން 67 ގޭބިސީއަކުން ގެއްލުމުގެ ރިޕޯޓު ކުރިއިރު، ކ. އަތޮޅުން ވަނީ 25 ގޭބިސީއަކުން ރިޕޯޓު ކޮށްފަ އެވެ.

އެންޑީއެމްއޭއިން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ދީފައިވާއިރު، ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ ގޮތުގައި ހަތް ލައްކަ ރުފިޔާއާ ގާތްކުރާ އަދަދަކަށް ވަނީ ފައިސާ ދީފަ އެވެ. އަދި އިމާރާތަށް ލިބުނު ގެއްލުމަށް 2.66 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.

މިދިޔަ އަހަރު ހިނގި ހާދިސާތަކުގައި ކޮށްފައިވާ 183 ހާދިސާގެ ތެރެއިން 168 ހާދިސާގެ ކޭސް ނިމިފައިވާއިރު، މިހާރު ބަލަމުންދަނީ 15 ކޭސް އެވެ.