Advertisement

އައްޑޫއަށް 24 ގަޑިއިރު ތެރޭ ވެހުނު ވާރެއިން 40 ގެއަކަށް ގެއްލުންވި

27 އޭޕްރީލް 2024 - 10:46 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އައްޑޫއަށް ވާރޭވެހި ފެންބޮޑުވުން: މިދިޔަ 24 ގަޑިއިރު 167 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައި -- ފޮޓޯ: އެމްއެންޑީއެފް


އައްޑޫއަށް 24 ގަޑިއިރު ތެރޭ ވެހުނު ވާރެއިން 40 ގެއަކަށް ގެއްލުންވި

27 އޭޕްރީލް 2024 - 10:46 0

އައްޑުއަށް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން 40 ގެއަކަށް ގެއްލުންވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފި އެވެ.

އެންޑީއެމްއޭގެ އެކްސް އެކައުންޓުގައި އެ އޮތޯރިޓީން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން ވާރޭގެ ސަބަބުން ސ. ފޭދޫގެ 40 އަށްވުރެ ގިނަ ގޭގެއަށް އަސަރުކުރި އެވެ. ފެންބޮޑުވުމުގެ ސަބަބުން ފަސް ގެއަކުން މީހުން ހުސްކޮށް، ދެ ގެއެއްގެ މީހުން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައިވާކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

ހުސްކުރަންޖެހުނު އެހެން ގެތަކުގެ މީހުން ބަދަލުވީ އާއިލީ ގެތަކަކަށެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު "އަދަދު" އަށް ވިދާޅުވީ އިއްޔެ އައްޑޫއަށް ވަރަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށާއި، ފޭދޫގެ ގެތަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. ފޭދޫގައި ޖުމްލަ ހަތަރު ގެއެއްގައި މީހުންނަށް ނޫޅެވޭ ވަރަށް ފެންބޮޑުވެފައިވާއިރު، އޭގެ ތެރެއިން ދެ ގެއަކުން މީހުން ރޭ ވަނީ ބަދަލުކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ފޭދޫ ހަތަރު ވަރަކަށް ގޭގައި މީހުންނަށް ދިރިނޫޅެވޭ ވަރަށް ފެންބޮޑުވި. ދެ ގެއަކުން މީހުން ބަދަލުކުރެވުނުއިރު، ދެ ގެއަކުން މީހުން ބަދަލުވާން ބޭނުމެއް ނުވި،" ނިޒާރު ވިދާޅުވި އެވެ.

މިދިޔަ 24 ގަޑީއިރު އައްޑޫއަށް 167،7 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، މިއީ މިހާތަނަށް އައްޑޫއަށް މި އަހަރު އެންމެ ބޯކޮށް ވާރޭވެހުނު 24 ގަޑިއިރު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުންޏެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް އައްޑޫ އާއި ދެކުނުގެ އަތޮޅު ތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭއިރު، މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، އަދި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މީޓިއަރޮލޮޖިސްޓް މުހައްމަދު ޝަހުދު މިއަދު "އަދަދު" އަށް ވިދާޅުވި އެވެ.

އައްޑޫއަށް ފަހުގެ ތާރީހެއްގައި އެންމެ ބޯކޮށް ވާރޭވެހިފައި ވަނީ 2015 ވަނަ އަހަރު އެވެ. އެފަހަރު 228 މިލިމީޓަރުގެ ވާރޭ ވެހުނެވެ.