Advertisement

ސޯލިހު ވިދާޅުވަނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފިނަމަ ރައްޔިތުން އަޅުވެތިކުރާނެ ކަމަށް

16 އޭޕްރީލް 2024 - 17:14 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ކުރެންދޫގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ:އެމްޑީޕީ


ސޯލިހު ވިދާޅުވަނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފިނަމަ ރައްޔިތުން އަޅުވެތިކުރާނެ ކަމަށް

16 އޭޕްރީލް 2024 - 17:14 0

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފި ނަމަ ރައްޔިތުން އަޅުވެތިކުރާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތުހުމަތުކުރައްވައިފި އެވެ.

އެމްޑީޕީގެ ފަރާތުން ކުރެންދޫ ދާއިރާއަށް ވާދަކުރައްވާ، ހުޅުމާލެ ދާއިރާގެ މިހާރުގެ މެމްބަރު އަދި ސޯލިހުގެ ކޮއްކޮ އަލީ ނިޔާޒަށް ކެމްޕެއިންކުރަން ކުރެންދޫގައި އިއްޔެ ބޭއްވި ޖަލްސާއެއްގައި އެމަނިކުފާނު ވިދާޅުވީ މަޖިލީހަށް ކުރާ ކެމްޕެއިނުގައި ސަރުކާރުން ދަނީ ދައުލަތުގެ ވަސީލަތްތަކާއި ނުފޫޒު ބޭނުންކުރަމުން ކަމަށެވެ.

އޭގެ މިސާލުތަކުގެ ގޮތުގައި އެމަނިކުފާނު ދެއްކެވީ ސަރުކާރު ހިންގާ ޕީއެންސީއަށް ތާއީދުކުރާ މީހުންގެ ގޭގެެއަށް ނޫނީ ކަރަންޓް ނުދޭން އެޕާޓީގެ ޖަލްސާއެއްގައި ގޮވައިލި ގޮވައިލުމާއި ކުންފުނިތަކުން މީހުންނަށް ފިޔަވަޅު އަޅަން ގޮވައިލުމެވެ.

ސޯލިހު ވިދާޅުވި ގޮތުގައި އެހެން ނަމަވެސް ސަރުކާރުގެ އެ ނުފޫޒާ މީހުން ކުރިމަތިލައި، އެމްޑީޕީގެ ކެމްޕެއިނުގައި މީހުން އަންނަނީ ބައިވެރިވަމުންނެވެ.

"ވަރަށް ބޮޑު ގުރުބާނީއެއް އެވަނީ. މާދަމާ ވެސް ވަޒީފާއިން ވަކިކޮށްފާނެ، މަގުމަތިވެދާނެ ކަމުގެ ބިރު ވެސް އެބަ އޮތް، އެހެން ނަމަވެސް މި ރާއްޖެ ހަމަމަގަށް އެޅުވުމަށް [މީހުން] ބޭނުންވެފައި ތިބި މިންވަރު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ،" ސޯލިހު ވިދާޅުވި އެވެ.

ނުފޫޒަށް ބެލުމެއް ނެތި އެމްޑީޕީއާ އެކު ނުކުތުމަށް އެމަނިކުފާނު ކުރެންދޫ ރައްޔިތުންނަށް ގޮވައިލެއްވި އެވެ. އެއީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ މިހާރަށް ވުރެ ދަތި އުނދަގުލުގައި ރައްޔިތުން އުޅެން ޖެހޭނެތީ އެވެ.

"ވަޒީފާ އެއް ވެސް ސަރުކާރަށް ތާއީދުކުރާ މީހަކަށް [ނޫނީ] ނުލިބޭނެ. އަޅުންގެ ގޮތުގައި ތިބޭނީ، އަޅުވެތި ކުުރުމުގެ ދިމާޔަކަށް މިދަނީ،" ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީން 2،000ގެ ކުރީކޮޅު ނުކުތީ އެކަން ބަދަލުކުރަން ކަމަށާއި އަޅުވެތިކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށެވެ. ރާއްޖެ އެ މަގަށް ދިއުން އެމްޑީޕީގެ މަސައްކަތުން ހުއްޓުވަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.