Advertisement

ގަވާއިދުން ޝާއިއުކުރަމުންދިޔަ ދައުލަތުގެ މާލީ ހިސާބުތައް ހާމަނުކުރާތާ ތިން ހަފުތާ ވެއްޖެ

16 އޭޕްރީލް 2024 - 14:13 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ކެބިނެޓް ބައްދަލުވުމެއްގައި. ސަރުކާރުގެ މާލީ ހިސާބުތައް އާންމު ނުކުރާތީ އިދިކޮޅު ފަރާތްތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވޭ --- ފޮޓޯ: ރައީސް އޮފީސް


ގަވާއިދުން ޝާއިއުކުރަމުންދިޔަ ދައުލަތުގެ މާލީ ހިސާބުތައް ހާމަނުކުރާތާ ތިން ހަފުތާ ވެއްޖެ

16 އޭޕްރީލް 2024 - 14:13 0

ދައުލަތަށް ލިބޭ އާމްދަނީ އާއި ކުރާ ހަރަދުތަކުގެ ތަފްސީލުތައް ހިމެނޭ ގޮތަށް ކޮންމެ ހަފްތާއަކު ގަވާއިދުން ޝާއިއުކުރާ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓު އާންމުނުކުރާތާ ތިން ހަފުތާއަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓެއް އެންމެފަހުން ޝާއިއުކުރީ މާޗު 26, ގަ އެވެ. އެ ރިޕޯޓު އޭގެ ތިން ދުވަސް ފަހުން މުރާޖާ ކުރުމަށް ފަހު އަލުން ޝާއިއުކުރި އެވެ.

އެ ރިޕޯޓުގައި އޮތީ މާޗު 21, އާ ހަމައަށް ދައުލަތުގެ މާލީ ހިސާބުތަކުގެ ތަފްސީލެވެ. އެއަށްފަހު މިއަދާ ހަމައަށް 26 ދުވަސް ފާއިތުވެގެންދިޔައިރު ދައުލަތުގެ އާމްދަނީ އާއި ހަރަދަށް އެ މުއްދަތުގައި އައި ބަދަލުތަކެއް ނޭނގެ އެވެ.

މާލީ ހިސާބުތައް އާންމުނުކުރާތާ ގިނަ ދުވަސްވެފައިވާއިރު މިއީ އިންތިހާބު މޫސުމެކެވެ. އަންނަ އާދީއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބާ ދިމާކޮށް ގިނަ މަޝްރޫއުތަކެއްގައި ސޮއިކޮށް ހަރަދު ދަނީ ކުރަމުންނެވެ. އެކަންކަމާ ގުޅޭ މައުލޫމާތު އާންމު ނުކުރާތީ އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"މިއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް. ދައުލަތުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެ، ބަޖެޓު ފައިނޭންސް ކުރާނެ ގޮތެއް ނޭނގި، ބޮއްސުންލިޔަސް ރައްޔިތުންނަށް އެކަން އެނގެން ޖެހޭނެ," މިދިޔަ ސަރުކާރުގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީއަކަށް ހުންނެވި އަހްމަދު ހަމްދާން ވިދާޅުވެފައިވެ އެވެ.

އެންމެފަހުން ރިޕޯޓު ނިޔަލަށް އާމްދަނީއަށް 7.8 ބިލިއަން ރުފިޔާ ލިބުނުއިރު ހަރަދުކުރީ 8.9 ބިލިއަން ރުފިޔާ އެވެ.

ކެޕިޓަލް ހަރަދުތަކަށް ބަލާއިރު އުމްރާނީ ތަރައްގީއަށް ނުވަތަ އިންފްރާސްޓްރަކްޗާ އެސެޓްސްތަކަށް ހަރަދުކުރުން މަޑުޖެހިފައިވާ ކަމަށް އަދަދުތަކުން ދައްކަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 2.8 ބިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް މި އަހަރު ހަރަދުކުރީ 1.5 ބިލިއަން އެވެ.