16 އޭޕްރީލް 2024 - 12:38 0
މުހައްމަދު ނަސީމް
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާއި ގަލޮޅުދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް، "އަދަދު ޑިބޭޓް" ގައި ވާހަކަދައްކަވަނީ. ފޮޓޯ:މިރާޝް ނާޝިމް/އަދަދު
16 އޭޕްރީލް 2024 - 12:38 0
ރާއްޖޭގެ މިނިވަން މުއައްސަސާތައް ސަރުކާރުތައް ދެކެ ބިރުގަތުމުގެ ސަގާފަތް އަދިވެސްް އެބަ އޮތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު އިމްތިޔާޒް ފަހުމީ އާއި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
"އަދަދު" ނޫހުން ގެނެސްދޭ "އަދަދު ޑިބޭޓް"ގައި އިމްތިޔާޒް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ގާނޫނުތަކުން ދީފައިވަނީ ވަރުގަދަ ބާރުތަކަކާއި އިހުތިޔާރުތަކެއް ކަމަށާ އެ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރުމުގެ ސަބަބުން އެއިން މުުއައްސަސާއެއްގެ މެމްބަރެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށެވެ.
އެހެން ނަމަވެސް, ބޮޑެތި މައްސަލަތައް އެ ތަންތަނުން ނުބަލަނީ ސަރުކާރުތަކުން އަމިއްލަ ބޭނުމަކަށް މިނިވަން މުއައްސަސާއެއްގެ މެމްބަރަކު ވަކިކޮށްފާނެ ކަމުގެ ބިރު އަމިއްލަ ނަފުސަށް އޮންނަ ބިރަކުން ކަަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަމަ ވަރަށް ބޮޑަށް ބިރުގަންނަ ގޮތް ވެފައި، ވަރަށް ބޮޑަށް ބިރުގަންނަ ގޮތް ވެފައި [އެ ތިއްބަވަނީ]. ހާއްސަ ގޮތެއްގައި ސަރުކާރު ޕްލަސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރު ސަރުކާރަށް ލިބިފައި އޮތިއްޔާ މާ ބޮޑަށް ބިރުގަނެފައި ތިބެނީ،" އިމްތިޔާޒު ވިދާޅުވި އެވެ.
ގަލޮޅު އުތުރު މެމްބަރު މީކާއީލް ވިދާޅުވީ މިނިވަން މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުން އެހާ ބޮޑަށް ބިރުގަންނަ ސަބަބެއް ސާފު ނުވާ ކަމަށެވެ. އެއީ ބޭފުޅުން މަގާމުތަކަށް އައްޔަން ކުރަން ނަން ފޮނުއްވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވިޔަސް މަގާމަށް ވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކުގައި ކަމަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް ސަރުކާރު ހަމަ ބަދަލުވި އިރަށް، އެ ބޭފުޅުންގެ ބިހޭވިއާ، އެބޭފުޅުންގެ ރެސްޕޮންސް [ހުންނަ ގޮތުގެ] ވަރަށް ބޮޑު ތަފާތެއް ފެނިގެން ދޭ،" މީކާއީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަޑައިގެން ދެއްވާ ޖަވާބުތައް ވެސް އެ ހިސާބުން ބަދަލުވި އެވެ. މިނިވަން މުއައްސަސާއެއްގެ މަގާމަކަށް ދާ އިރު، އެ ދަނީ ސަރުކާރުގެ އިދާރީ ޑެސްކަކަށް ނޫންކަން ނޭނގެނީތޯ ސުވާލު އުފެދޭ ވަރަށް މުއައްސަސާތަކުގެ މެމްބަރުން މަސައްކަތް ކުރާ ގޮތް ބަދަލުވެފައިވާ ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.
Comment