Advertisement

ރަޖިސްޓްރީ ނުކޮށް ހިންގާ ނޫހަކަށް ރައީސް ހަރަދުކުރައްވާ ކަމަށް ހޯމް މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެއްޖެ

16 އޭޕްރީލް 2024 - 12:14 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު : ރަޖިސްޓްރީ ނުކޮށް ހިންގާ ނޫހަކަށް ރައީސް ހަރަދުކުރައްވާ ކަމަށް ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލު ބުނެފި - ފޮޓޯ: ރައީސް އޮފީސް


ރަޖިސްޓްރީ ނުކޮށް ހިންގާ ނޫހަކަށް ރައީސް ހަރަދުކުރައްވާ ކަމަށް ހޯމް މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެއްޖެ

16 އޭޕްރީލް 2024 - 12:14 0

ރަޖިސްޓްރީ ނުކޮށް ހިންގާ އޮންލައިން ނޫހެއް ކަމަށްވާ "ފަރުދުން" އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރަދު ކުރައްވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ތަރުޖަމާނު ފާތިމަތު ރިފާތު ވިދާޅުވެއްޖެ އެވެ.

ރިފާތު މިހެން ވިދާޅުވެފައިވަނީ އެ މިނިސްޓްރީން މީޑިއާތަކަށް މައުލޫމާތު ދޭ ވަަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ. އޭނާ ޖަވާބު ދެއްވީ އެ މިނިސްޓްރީގެ އެހެން އޮފިޝަލަކު އެ ނޫސް ހިންގަނީ ކޮން ބައެއްތޯ ސުވާލު ކުރުމުންނެވެ.

"ރައީސް ސްޕެންޑު ކުރާ ނޫހެއް" ރިފާތުގެ މެސެޖުގައި ވަނީ މިހެންނެވެ. ޖަވާބުގައި އެ މިނިސްޓްރީގެ އަނެއް އޮފިޝަލު ވިދާޅުވެފައިވަނީ އެ ނޫހުގެ އެޑިޓަރުގެ ނަމްބަރު ދިނުމަށާއި ނޫހުގައި ކުށެއް އޮތް ކަމަށެވެ.

ރިފާތު މިހާރު ވަނީ އޭނާގެ މެސެޖު ޑިލީޓުކުރައްވާފަ އެވެ. އެކަމާ ގުޅޭގޮތުން އޭނާގެ އިތުރު ބަހެއް ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތް ކާމިޔާބުވެފައެއް ނުވެ އެވެ. އޭނާ އެ މިނިސްޓްރީގެ ތަރުޖަމާނަކަށް އައްުޔަނުކުރީ ޖެނުއަރީ 17, 2024 ގަ އެވެ.

މި ނޫހަކީ މީޑިޔާ ކައުންސިލްގައި ރަޖިސްޓްރީ ކޮށްފައިވާ ނޫހެއް ނޫންކަން މީޑިޔާ ކައުންސިލްގެ އިންފޮމޭޝަން އޮފިސަރު ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ. މި ނޫހުގެ ނަމުގައި ވިޔަފާރިއެއްވެސް ރަޖިސްޓްރީކޮށްފައެއް ނުވެ އެވެ.

ރިފާތު ހޯމް މިނިސްޓްރީއަށް ފޮނުއްވި މެސެޖާއި ޑިލީޓު ކުރެއްވި ފަހުން ނަގާފައިވާ ސްކްރީންޝޮޓެއް


ފަރުދުން ނޫހުގެ ސޯޝަލް މީޑިއާ އެކައުންޓުތަކަށް ބަލާއިރު މި ނޫހުގައި ކޮންޓެންޓް ޝާއިއުކުރަން ފަށާފައިވަނީ ރައީސް މުއިއްޒު އިންތިހާބުވިތާ މަހެއްހާ ދުވަސް ފަހުން ނޮވެމްބަރު 2، 2023 ގަ އެވެ.

އެގޮތުން, "ފަރުދުން" ގެ ސޯޝަލް މީޑިއާ އެކައުންޓުތަކަށް ބަލާއިރު އެކްސްގައި 500 އަށްވުރެ ގިނަ ފޮލޯވަރުން، ފޭސްބުކުގައި 3،000 އަށްވުރެ ގިނަ ފޮލޯވަރުން، އިންސްޓަގްރާމުގައި 300 އެއްހާ ފޮލޯވަރުން އަދި ޓިކްޓޮކުގައި 1،400 ފޮލޯވަރުން އެބަތިއްބެވެ.

މި އެކައުންޓުތަކުގެ ތެރެއިން އިންސްޓަގްރާމް އަދި ޓިކްޓޮކުން ފޮލޯ ކޮށްފައިވަނީ ރައީސް މުއިއްޒުގެ އަމިއްލަ އެކައުންޓަށް އެކަންޏެވެ.

މި ނޫސް ފާހަގަ ވަނީ މިވަގުތު ސޯޝަލް މީޑިއާގައި ސަރުކާރު ޕްރޮމޯޓު ކުރުމާއި ރައީސް މުއިއްޒުއަށް ސަނާ ކިޔާ ގިނަ ލިޔުންތަކަކާއި އިސްތިހާރުތަކެއް ޖަހަމުންދާ ނޫހެއްގެ ގޮތުގަ އެވެ. ހާއްސަކޮށް ޓްވިޓާގައި މި ނޫހުން ފައިސާ ދީގެން ގިނަ އަދަދެއްގެ އިޝްތިހާރު ދަނީ ޖަހަމުންނެވެ.

ޓްވިޓާގައި ފަރުދުން އިން ރަން ކުރަމުންދާ އެޑެއް. މި ނޫހަށް ހަރަދު ކުރަނީ ރައީސް ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވޭ


މިއަދު އެ ނޫހުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ދަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކޮންމެ އަތޮޅަކަށް ވާދަކުރާ "ސަރުކާރު" ކެންޑިޑޭޓުންގެ ފޮޓޯ އާއްމުކުރަމުންނެވެ. މި ކެންޑިޑޭޓުންގެ ތެރޭގައި ޕީއެންސީގެ ޓިކެޓުގައި ވާދަނުކުރިޔަސް ރައީސްގެ ތާއީދު އޮތް ކަމަށް ބުނާ ކެންޑިޑޭޓުން ހިމަނާފައިވެ އެވެ.

އޭގެއިތުރުންވެސް މަޖިލިސް އިންތިހާބަށް، ޕީއެންސީން ތައްޔާރުކޮށްފައިވާ ކެމްޕޭން މެޓީރިއަލްތައް މި ނޫހުގެ އެކައުންޓުތަކުން ދަނީ ދައުރުކުރަމުންނެވެ.