Advertisement

އަންޗެލޮޓީގެ ދަރިފުޅުގެ އަމާޒަކީ ވެސް ރެއާލްގެ ކޯޗުކަން

16 އޭޕްރީލް 2024 - 08:41 0


އަންޗެލޮޓީގެ ދަރިފުޅުގެ އަމާޒަކީ ވެސް ރެއާލްގެ ކޯޗުކަން

16 އޭޕްރީލް 2024 - 08:41 0

މެޑްރިޑް (އޭޕްރީލް 16) - ޓީމެއްގެ ހެޑް ކޯޗެއްގެ މަގާމާ ހަވާލުވާން ޖެހިލުންވާން ޖެހޭ ސަބަބެއް ނެތް ކަމަށާއި އުންމީދަކީ ކޮންމެ ވެސް ދުވަހަކުން ރެއާލް މެޑްރިޑްގެ ހެޑް ކޯޗަކަށް މަސައްކަތް ކުރުން ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި، ޑާވިޑް އަންޗެލޮޓީ ބުނެފި އެވެ.

ޑާވިޑް އަންޗެލޮޓީ، 34، އަކީ ރެއާލްގެ ހެޑް ކޯޗު، އިޓަލީގެ ކާލޯ އަންޗެލޮޓީގެ ދަރިފުޅެވެ. ޑާވިޑް އަންނަނީ 2016 އިން ފެށިގެން އަންޗެލޮޓީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، އަންޗެލޮޓީ މި ފަހުން، ބަޔާން މިއުނިކް، ނަޕޯލީ، އެވަޓަން އަދި ރެއާލްގައި މަސައްކަތްކުރިއިރު، އެސިސްޓަންޓެއްގެ ޒިންމާ ނަގަމުން އަންނަނީ ޑާވިޑް އެވެ.

އޭނާ މިހާރު ވިސްނަނީ، ޓީމެއްގެ ހެޑް ކޯޗުކަމާ ހަވާލުވާށެވެ.

"އަހަރެެމެން ކޮންޓްރެކްޓެއް ސޮއިކުރީ 2026ގެ ސީޒަން ނިޔަލަށް. އަހަރެމެންގެ އެބަތިބި ވަރަށް ޒުވާން ރަނގަޅު ކުޅުންތެރިން، ކުރިއަށް އޮތް އަހަރުތަކުގައި މި ތަނުގައި ވަރަށް ރަނގަޅު ޓީމެއް އޮންނާނެ ކަމުގެ ކަންކަން އެ ހުރީ ފެންނަން. އަހަރެން ވަރަށް ބޭނުން، ހެޑް ކޯޗެއްގެ ގޮތުގައި ކެރިއަރު ފަށަން އަވަހަށް،" އުމުރުން 22 އަހަރުގައި ސްޕޯޓްސް ސައިންސް އިން ޑިގްރީ ހާސިލްކޮށްފައިވާ ޑާވިޑް ބުންޏެވެ.

ރެއާލުން މެޗެއް ފެށުމުގެ ކުރިން ވޯމް އަޕް ޖެހުމުގެ ތެރެއިން ޑާވިޑް.


"އަނެއްކޮޅުން ވިސްނަން ޖެހޭ ރެއާލަކީ ދުނިޔޭގެ އެއް ވަނަ ކްލަބް، މި ކްލަބްގައި ހުރެ ދަސްކުރަން ލިބުން ވެސް އެއީ ބޮޑު ފުރުސަތެއް،"

ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ފަށަން ސީދާ ތާރީހެއް ކަނޑައަޅާފައިނުވާ ކަމަށާއި ގޮތެއް ނިންމަނީ އަބަދުވެސް ލިބޭ އޮފާތަކަށް ބަލާފައި ކަމަށް ޑާވިޑް ވަނީ ބުނެފަ އެވެ.

"އެއްވެސް ޗެލެންޖަކާ މެދު އަހަރެން ކަންބޮޑުވެ ބިރެއް ނުގަނޭ. އެންމެ ބޮޑު އަމާޒަކީ މި ތަނުގައި (ރެއާލްގައި) ހެޑްކޯޗުކަން ކުރުން،" ޑާވިޑް ބުންޏެވެ.

މިދިޔަ އަހަރު ވޭލްސްގައި ކުރިއަށްދިޔަ ޓްރެއިނިންތަކަށް ފަހު، ޑާވިޑް ވަނީ ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކުރުމުގެ ކަންކަން ފުރިހަމަކޮށްފަ އެވެ.