Advertisement

ވަޒީފާގެ ބިރު ދައްކަން ގޮވާލި މެމްބަރަށް ޕީއެންސީން ދިނީ ނަސޭހަތް

15 އޭޕްރީލް 2024 - 20:41 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕީއެންސީގެ ކެމްޕެއިން ތަރުޖަމާނު ހީނާ ވަލީދު: އޭނާ ވިދާޅުވީ ވަޒީފާގެ ބިރު ދައްކަން ގޮވާލި މައްސަލާގައި މެންބަރަށް ނަސޭހަތް ދީފައިވާ ކަމަށް - ފޮޓޯ: އިޔާދު އަބްދުއްވައްހާބް / އަދަދު


ވަޒީފާގެ ބިރު ދައްކަން ގޮވާލި މެމްބަރަށް ޕީއެންސީން ދިނީ ނަސޭހަތް

15 އޭޕްރީލް 2024 - 20:41 0

މިފްކޯއިން ޅ. ފެލިވަރުގައި ހިންގާ މަސް ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ މީހުނަށް ވަޒީފާގެ ބިރު ދައްކަން ގޮވާލި މެންބަރަށް ނަސޭހަތް ދީފައިވާ ކަމަށް ވެރިކަންކުރާ ޕީއެންސީން ބުނެފި އެވެ.

ފެލިވަރު މުވައްޒަފުންނަށް ބިރު ދައްކަން، ޅ. އަތޮޅު ހިންނަވަރުގައި ބޭއްވި ޖަލްސާގައި ޕީއެންސީގެ ޕޯޑިއަމްގައި ވާހަކަ ދައްކަމުން އެ ޕާޓީގެ މެންބަރު އަހުމަދު އަބްދުއްރަހުމާން (ހަންޓާ އަހުމަދު) ގޮވާލީ މިދިޔަ ހުކުރު ދުވަހެވެ. މި މައްސަލަ މިހާރު ދަނީ އިލެކްޝަންސް ކޮމިޝަނުން ވެސް ބަލަމުންނެވެ.

އަހުމަދާއެމު އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ޕީއެންސީގެ މީޑިއާ ގްރޫޕްގައި ނޫސްވެރިން ސުވާލު ކުރަން ފެށުމުން ހީނާ އެ ގްރޫޕަށް ފޮނުވި މެސެޖަކީ މެންބަރަށް ފިޔަވަޅު އަޅާފައިވާ ކަމަށާއި އެފަދައިން "އަޅާހާ ފިޔަވަޅު" އެއީ މީޑިއާއަށް ހާމަކުރަން ޖެހޭ މައުލޫމަތެއް ނޫން ކަމަށެވެ. އެއީ މިއަދު ހެނދުނެވެ.

ނަމަވެސް، އޭގެ ފަހުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު އެ ސުވާލު އަނެއްކާ ވެސް ތަކުރާރު ކުރުމުން އޭނާ ވިދާޅުވީ އެ މެންބަރަށް އެފަދަ ކަންކަން ތަކުރާރު ނުކުރަން އަންގައި މިހާރު ނަސޭހަތް ދީފައިވާ ކަމަށެވެ.

"އާންމު މެންބަރަކު ދެން ޕޯޑިއަމެއްގައި ދެއްކި ވާހަކައެއް، އެ ވާހަކައަށް އެޅީ ކޮން ފިޔަވަޅެއްތޯ ސުވާލަކީ، އަޅުގަނޑުމެން ވާނެ އޭނައަށް ނަސޭހަތް ދީފައި، އިތުރަށް ތަކުރާރު ނުކުރުމަށް،" އޭނާ ވިދާޅުވި އެވެ.

ހއ. ދިއްދޫގައި ރޭގެ ވަގުތެއްގައި ބޭއްވި ޕީއެންސީގެ ކެމްޕެއިން އިވެންޓެއްގައި، އެ ރަށު ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ވަނީ އެ ރަށުގައި އުޅޭ އެމްޑީޕީއަށް ތާއީދު ކުރާ މީހުންގެ ގޭބިސީތަކަށް ކަރަންޓުގެ ހިދުމަތް ކަނޑާލަން ވެސް ގޮވާލައިފަ އެވެ.

އެ މައްސަލަ ޕީއެންސީ/ޕީޕީއެމްގެ ލީޑާޝިޕުން ބަލަމުން އަންނަ ކަމަށް ހީނާ މިއަދު ވިދާޅުވި އެވެ. މައްސަލަ ބެލުމަށް ފަހު އަޅާނެ ފިޔަވަޅެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ދެ ޕާޓީ ހިމެނޭ ކޯލިޝަނުން މިއަދު އެ ވާހަކަ ކުށްވެރިކޮށް ބަޔާނެއް ވެސް ނެރުނެވެ.

އަންނަ އާދީއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީން 90 ދާއިރާއަށް ވާދަކުރެ އެވެ. 93 ދާއިރާއަށް މެންބަރުން އިންތިހާބުކުރާއިރު އިންތިހާބުގައި ޕީއެންސީއާ ބޮޑު ވާދަވެރިކަމެއް އޮތީ އެމްޑީޕީއާ ދެމެދުގަ އެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީން 89 ދާއިރާއަށް ވާދަކުރެ އެވެ.