Advertisement

ވިހި އަހަރުގެ ތަޖުރިބާއާއެކު ސަބާގެ މިސްރާބު މަސްތުވާތަކެތީގެ ޖުމުލަ ހައްލަކާ ދިމާލަށް!

17 އޭޕްރީލް 2024 - 11:01 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އައްޑޫ މީދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓު، މުހައްމަދު ސަބްރީ (ސަބާ) --


ވިހި އަހަރުގެ ތަޖުރިބާއާއެކު ސަބާގެ މިސްރާބު މަސްތުވާތަކެތީގެ ޖުމުލަ ހައްލަކާ ދިމާލަށް!

17 އޭޕްރީލް 2024 - 11:01 1

އައްޑޫ މީދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް މުހައްމަދު ސަބްރީ (ސަބާ) ވާދަ ކުރައްވަނީ އެމްޑީޕީގެ ޓިކެޓުގައި ނަމަވެސް އޭނާ އަށް ތާއީދު ކުރާ މީހުން އެކި ޕާޓީތަކަށް ނިސްބަތްވެ އެވެ. ސަބަބުތައް ބައިވަރެވެ.

ސަބާއަކީ ރިކަވަރީ ކޯޗެކެވެ. މަސްތުވާތަކެތި ބޭނުންކުރުމުގެ ބައްޔަށް ފަރުވާ ދިނުމުގެ މަސައްކަތުގައި 20 އަހަރު މަސައްކަތްކޮށް ރާއްޖެއަށް އެ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ގެނައުމުގައި ސަބާގެ ހިއްސާ ބޮޑެވެ. ސަބާ ވަނީ އެ ރޮނގުން ތައުލީމާއި ތަމްރީނު ހޯދުމުގެ ގޮތުން އެމެރިކާގެ، އިންޓަނޭޝަނަލް ސޮސައިޓީ އޮފް ސަބްސްޓެންސް ޔޫސް ޕްރޮފެޝަނަލްސްގެ ހުރިހާ ޕްރޮގްރާމެއް ފުރިހަމަކޮށްފަ އެވެ.

އޭގެއިތުރުން ސަރުކާރުގެ ކަމާބެހޭ އިދާރާގައި މަސައްކަތް ކުރަން ލިބުނު ދުވަސްތަކުގައި ވެސް ސަބާ ވަނީ ގާބިލުކަމާ އެކު މަސްތުވާތަކެތީގެ ވަބާގެ މައްސަލައަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހަށް ސަބާ ހޮވަން އެތައް ބަޔަކު ފޫގަޅައިފައި ތިބި ސަބަބުގެ ލިސްޓު ނިންމައިލަން ޖެހެނީ އޭނާގެ ތަޖުރިބާ ހިފައިގެން ގޮސް މަޖިލީހުގައި ކުރާން ރާވާފައި ހުރި މަސައްކަތުގެ މުހިންމުކަމާ ހިސާބުންނެވެ.

ތަޖުރިބާގެ ފަހަތުގައި އެތައް މަސައްކަތެއް!

ދެހާހުގެ އަހަރުތަކަށް އަޅައިގެން އައިއިރު، ރާއްޖޭގައި މަސްތުވާތެކެތި ބޭނުން ކުރާ މީހުންގެ އަދަދު އިތުރުވަމުން ދިޔައީ ފަތު އަޑު ކިޔައިފަ އެވެ. ފުލުހުންގެ މުއައްސަސާގެ ތަފާސްހިސާބުތަކުން މިއަދު ވެސް އެކަން ފެންނާން އެބަ ހުއްޓެވެ. ނަމަވެސް އެ ބިރުވެރިކަމުގެ ތެރެއަށް ވަންނަމުންދިޔަ ޒުވާނުންނަށް އެކަށީގެންވާ ފަރުވާއެއް ދެވޭނެ މަގެއް އޭރު ރާއްޖެއަކު ނެތެވެ.

މަސްތުވާތަކެތީގެ ކަނޑަށް ގަރަގުވެފައި ތިބި އެތައް ބަޔަކު އެ ވަބާއިން ސަލާމަތް ކުރުމަށް ދުރު ރާސްތާ މަގުޗާޓެއް ހިފައިގެން ސަބާ ނުކުތީ އެ ޗާޓުގައި ޖައްސާނެ ކުލަޔާއި ޖަހާނެ ފޮޓޯ ވެސް ހިފައިގެންނެވެ.

އެގޮތުން މަސްތުވާތަކެތިން އަރައިގަންނަން ބޭނުންވާ މީހުން އެކަކު އަނެކަކާއި ބައްދަލުވެ ތަޖުރިބާ ހިއްސާކޮށް އެއްބައެއްވަންތަކަމާ އެކު އެކަމުން ސަލާމަތްވުމަށްޓަކައި ހިއްވަރު ހޯދުމަށް ބާއްވާ އެންއޭ ބައްދަލުވުންތައް 2006 ގައި ރާއްޖެއަށް ތައާރަފު ކުރީ ސަބާގެ އިސްނެގުމަކަށެވެ. މިއަދާއި ހަމައަށް ވެސް ލިއްލާހިއަށްޓަކައި، ހިލޭސާބަހަށް ސަބާ އަންނަނީ އެން.އޭ މީޓިންތައް ހިންގައި އެސް.ޔޫ.ޑީ ކޮމިއުނިޓީ ތަކަށް އެހީވަމުންނެވެ.


މަސްތުވާތަކެތި ބޭނުން ކުރުމަކީ ސިއްހީ މައްސަލައެއް ކަމަށް ބަލައިގަނެ ވަށާޖެހޭ ފަރުވާ ތައާރަފުކުރުމަށް އެންޑީއޭގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުރެ ސަބާ ކުރި މަސައްކަތުން މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ޑޮކްޓަރީ ފަރުވާ، ރާއްޖޭގައި އަލަށް ދޭން ފެށީ 2021 ވަނަ އަހަރުން ފެށިގެންނެވެ.

އޭގެ ކުރިން މަސްތުގެ ބައްޔަށް ބޭހެއް ނުދެއެވެ. ސަބާ އަންނަނީ ދިވެހި ރާއްޖޭގެ ރިކަވަރީ ކޮމިއުނިޓީ އަށާއި އެފަރާތްތަކުގެ އާއިލާތަކަށް އެކި ގޮތްގޮތުން މިހާރުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ރީހެބް ފަރުވާ ބޭނުންވާ ފަރާތްތަކަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުގެ ރީހެބްތަކުން ފަރުވާ ލިބޭނެ ގޮތް ހޯދައި ދިނުމުގެ މަސައްކަތުގެ ތެރެއިން ސަބާ ވަނީ ފަންސާހަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދިނުމަށް އަމިއްލަ ގޮތުން އެހީވެފަ އެވެ.

މިގޮތުން އިންޑިއާގެ ސަބްސްޓެންސް ޔޫސް ޑިސޯޑާ ރިހެބިލިޓޭޝަން ސެންޓަރުން 35 މީހަކަށް ސަބާ ސްޕޮންސާގެ ދަށުން ފަރުވާ ލިބި އަނބުރާ މުޖުތަމައަށް އައިސްފައިވެ އެވެ. އަދި ރާއްޖޭގެ ރިހެބްތަކުން ގިނަ އަދަދެއްގެ މީހުން ސަބާގެ އެހީއާއެކު ފަރުވާ ފުރިހަމަ ކޮށްފައިވެ އެވެ.

"އަޅުގަނޑުގެ ކެމްޕެއިން ވީޑިއޯތަކުގައި ވެސް ވާނެ މި މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކާފައި. ސްކޫލުތަކުގެ ބެލެނިވެރިން ވެސް އަޅުގަނޑަށް ގުޅާ. ރާއްޖޭގައި މިހާ ކުޑަކުދިން މިވަބާގައި ޖެހުމަކީ ހިތްފަޅައިގެން ދާހާ ބިރުވެރި ހިތާމަވެރި ކަމެއް. ފަރުވާ ދޭން ހަދަންވީ ގޮތް އަހަން ވެސް ވަރަށް ގިނަ އާއިލާތަކުން ގުޅާ،" ސަބާ ބުންޏެވެ.

ޖިނާއީ އަދުލުގެ ނިޒާމާއި، ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ވަކާލާތުކޮށް އެ މަސައްކަތްތައް ނޭޝަނަލް ޑްރަގް އޭޖެންސީއާއި ޖިނާއީ އަދުލުގެ ނިޒާމުގެ ކަމާބެހޭ ފަރާތްތަކާއި ފުލުހުންނާ ގުޅިގެން ފެށުމާއި އައްޑޫ ހުޅުދޫމީދޫގައި ޑިޓޮކްސް ސެންޓަރެއް ހެދުމަށް ބާރުއަޅައި، އެ މަސައްކަތް ވެސް ސަބާ ވަނީ ކާމިޔާބުކޮށްފަ އެވެ. މި ސެންޓަރުން މިހާތަނަށް ހުޅުމީދޫގެ 100 އަށް ވުރެ ގިނަ މީހުން ވަނީ ޑިޓޮކްސް އަދި މެތަޑޯން ފަރުވާ ލިބިގަނެފަ އެވެ.

އެމްޑީޕީގެ (އެސްޔޫޑީ) ޕޮލިސީ ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާ ބެހޭ ޕޮލިސީ ޑްރާފްޓު ކުރުމަށް ވެސް ސަބާ ވަނީ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެ ތަޖުރިބާއާއެކު މަޖިލީހަށް

ރާއްޖޭގެ މަސްތުވާތަކެތި ބޭނުން ކުރާ މިންވަރާ ބެހޭ ސިޗުއޭޝަނަލް އެސެސްމަންޓު ދައްކާ ގޮތުން ރާއްޖޭގެ ދައުލަތުން މި މައްސަލަ ހައްލު ކުރުމަށް ކުރާ ހޭދަ ވަނީ ބޮޑު ތަނުން މަތިވެފަ އެވެ. އެއީ ފުލުހުން ގިނަ ކުރުމާއި ޑްރަގް އެންފޯސްމަންޓް ޔުނިޓާއި ދެންވެސް މިކަމާ ގުޅުން ހުރި ފުލުހުންގެ އެހެން ޔުނިޓުތަކަށް ކުރާ ހޭދަ އާއި ކޯޓުތަކާއި ޖަލުތަކަށް ކުރާ ހޭދަ އަދި ޑިޓޮކްސް/ރީހެބް ސެންޓަރުތަކަށް ކުރާ ހޭދައާއި ބޭހާއި ދެންވެސް މިކަމާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތަކާއި ފަރުވާ އަށް ކުރާ ހޭދަ އެވެ.

ނަމަވެސް ހަމަ މި ރިޕޯޓު ދައްކާ ގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މިންވަރާއި ވިއްކާ މިންވަރު އަދި ބޭނުންކުރާ މިންވަރު ވެސް ވަނީ މަތިވެފަ އެވެ. ވީމާ ކުރާ ހޭދައިން ނުކުތް ނަތީޖާއެއް އެ ރިޕޯޓުން ފެންނާކަށް ނެތެވެ. ސަބަބަކީ މިއީ ބައްޔެއް ކަމަށް ދެކި މިކަމަށް ދޭނެ ހަރުދަނާ ފަރުވާގެ ނިޒާމެއް ނެތުމާއި ފަރުވާ ނަގާ މީހުން ވެސް އަލުން މަގުމަތިވުން ކަމަށް ސަބާ ދެކިވަޑައިގަންނަވަ އެވެ.

އެތައް އަހަރެއްގެ ތަޖުރިބާއާއެކު ސަބާ މަޖިލީހަށް ކުރިމަތިލާފައިވާއިރު އޭނާގެ އަމާޒު ހުރީ މަޖިލީހުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލައަށް ސަމާލުކަން ހޯދުމަށެވެ. މަސްތުވާތެކެތީގެ މައްސަލަ ހައްލު ކުރުމަށް ހުރި ހުރަސްތަކުގެ ވެސް ބޮޑު ލިސްޓެއް އޭނާ ގެންގުޅުއްވަ އެވެ.

"ގެދޮރުވެރިކަމާއި ފަގީރުކަމާއި ސްކޫލުގައި ކައުންސިލިން ހިދުމަތް ނުލިބުމާއި ބުލީ ކުރާ އަދި ކުރެވޭ ކުދިން ގިނަވަމުން އަންނަ އައުމާއި ކުދިންނާއި މައިންބަފައިންގެ އުޅުމުގެ ވަށްޓަފާޅި ބަދަލުވަމުން އަންނައިރު އަޅުގަނޑުމެންގެ ސޯޝަލް ޕްރޮޓެކްޝަންގެ ނިޒާމު ހަރުދަނާ ނުވުމާއި ރަނގަޅު ޕްރިވެންޓިވް މެޝާސް،" މަޖިލީހުގެ ތަޅުމުގައި ކުރަން ހުރި މަސައްކަތުގެ ހުލާސާއެއް ދެއްވަމުން ސަބާ ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި ސަބާ ދެއްކެވީ އާލީ އިންޓަވެންޝަން ޕްރޮގްރާމްތައް ނެތުމާއި ނަފްސާނީ ފަރުވާ އަށް ރާއްޖޭގައި އެކްސެސް ނެތުމެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ހަމަ އެކަނި މަސްތުވާތަކެތީގެ ސަޕްލައި ޗެއިން އަށް ޓާގެޓްކޮށްގެން ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށް ސަބާ ދެކިވަޑައިގަންނަވަ އެވެ.


މި ހުރިހާ ހުރަސްތަކެއް ކަޑައްތުކޮށް މަސްތުވާތަކެތީގެ މައްސަލައަށް ޖުމުލަ ހައްލެއް ހޯދުމާ ދިމާލަށް ސަބާގެ މިސްރާބު ހުރިއިރު، މަސްތުވާ މީހުންނަށް ހަމައެކަނި ބޭހެއް ދީގެން އެކަން ހާސިލުނުވާނެ ކަމަށް އެނާ ދެކިވަޑައިގަންނަވަ އެވެ.

"ވީމާ އަޅުގަނޑުގެ ވާހަކައަކީ އަޅުގަނޑުމެން އެބަޖެހެއޭ އެވިޑެންސް ބޭސްޑް އެޕްރޯޗެއް ހޯދަން، ފަރުވާ ނިޒާމު ހަރުދަނާ ކުރަން، މެތަޑޯން ބޭސް ދީގެން އެކަނި ފަރުވާ ފުރިހަމަ ނުވޭ، ނަފްސާނީ ތެރަޕީ ލިބެން ޖެހޭ، ވަޒީފާގެ ފުރުސަތު އޮންނަން ޖެހޭ، ގެދޮރުވެރިވާން ޖެހޭ، ފަރުދީ އަދި އާއިލީ ތަނަވަސްކަން ރަނގަޅުވާން ޖެހޭ، މިފަދަ އަސާސީ ކަންކަން ފުރިހަމަ ވެގެން ފަރުވާގެ ނިޒާމަށް އިންޓެގްރޭޓް ކުރުމަށް މިކިޔަނީ ވަށާޖެހޭ ފަރުވާގެ ނިޒާމެކޭ،" ސަބާ ވިދާޅުވި އެވެ.

ސަބާ ވައުދުވެވަޑައިގަންނަވަނީ މަޖިލީހުގެ ތަޅުމުގައި ބޯހިޔާވަހިކަމުގެ ބިލަކަށް ބަހުސް ކުރާއިރުވިޔަސް ތައުލީމާބެހޭ ވާހަކައެއް ދެކެވުނަސް މަސްތުވާތެކެތީގެ މައްސަލައަށް އޮތް ވަށާޖެހޭ ހައްލުގެ ވާހަކަ ދައްކަވައި މަސްތުވާތަކެތި ބޭނުން ކުރުމުގެ ބައްޔާއި އެ މައްސަލައެއް ގުޅުވައިގެން ވާހަކަދައްކަވާނެ ކަމަށެވެ.

ސަބާ މަޖިލީހުގައި ހުރުން މުހިންމީ ހަމަ އެކަނި މީދޫ ދާއިރާގެ ރައްޔިތުންނަށް އެކަންޏެއް ނޫނެވެ. ދާއިރާއަށް ދިމާވެފައިވަނީ މުޅި ރާއްޖޭގައި ވެސް ވަރަށް ފުނަށް މޫލާފައިވާ ބޮޑު މައްސަލައެއް ކަމުން ސަބާގެ އެޖެންޑާ އަކީ ރާއްޖޭގެ އެތަކެއް އާއިލާތަކަކުން އެކަމަކަށް އެދިތިބި އެޖެންޑާއެކެވެ.

މުޅި މީދޫ ދާއިރާގެ ރައްޔިތުން އެދެނީ ސަބާ 20 ވަނަ މަޖިލީހުން ފެނުމެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ބާރަށް ފެތުރެމުން މި އަންނަ މަސްތުގެ ވަބާއިން ސަލާމަތްވެ ތިބުމަށް ބޭނުންވާ ވަށާޖެހޭ ގާނޫނީ ހައްލު ލިބުމެވެ.

މަސްތުވުމަކީ ބައްޔެކެވެ. ޑަބްލިއުއެޗްއޯ އިން ވެސް ވަނީ މިއީ ސިއްހީ މައްސަލައެއް ކަމުގައި ބަލައިގަނެފަ އެވެ. މި ބަލިން އަރައިގަތުމަށް ބޭނުންވަނީ ދައުލަތާއި މަޖުތަމައުގެ އަޅާލުމާއި ލޯތްބެވެ. ހަރުދަނާ ފަރުވާ އެވެ.