Advertisement

ހުލާސާކޮށް އިއްޔެ: އިންތިހާބާ ދިމާކޮށް ވަޒީފާގެ ބިރާއި ނުފޫޒު

15 އޭޕްރީލް 2024 - 05:41 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ހުލާސާކޮށް އިއްޔެ: އިންތިހާބާ ދިމާކޮށް ވަޒީފާގެ ބިރާއި ނުފޫޒު

15 އޭޕްރީލް 2024 - 05:41 0

އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް ވަޒީފާގެ ބިރު ދައްކައި، ނުފޫޒު ފޯރުވާތީ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް އެޗްއާރްސީއެމްއިން ގޮވާލައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެޗްއާރްސީއެމްއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ވޯޓަށް ނުފޫޒު ފޯރުވުމަށް ވަޒީފާ ދިނުމާއި ވަކި ކެންޑިޑޭޓަކަށް ތާއިދު ކުރުމުން ވަޒީފާގެ ބިރު ދެއްކުން ފަދަ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިންގަމުންދާ ކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބޭ ކަމަށެވެ.

އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެޗްއާރްސީއެމްއިން ބުނީ އެފަދަ ކުށްތައް ކުރާ މީހުންނާ މެދު ކަމާ ގުޅުން ހުރި މުއައްސަސާތަކުން ހަރުކަށި ފިޔަވަޅު އެޅުމަށް އެ ކޮމިޝަނުން ގޮވާލާ ކަމަށެވެ.

"އެކި ކެންޑިޑޭޓުންނާ ގުޅޭ ގޮތުންނާއި ސިޔާސީ ޕާޓީތަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ގަސްތުގައި ގެއްލުން ދިނުމުގެ ނިޔަތެއް ނެތި ނަމަވެސް ފަތުރަމުންދާކަމާއި ރިޝްވަތު ދިނުމާއި ވޯޓު ގަނެ ވިއްކުމާއި ވަޒީފާގެ ބިރުދެއްކުމާއި ކެމްޕެއިން ޕޯސްޓަރުތަކަށް ގެއްލުން ދިނުމާއި ކެމްޕެއިނަށް ހުރަސް އެޅުންފަދަ ނޭދެވޭ ކަންކަން ހިންގަމުންދާކަމުގެ މައުލޫމާތު ލިބޭ،" އެޗްއާރްސީއެމްއިން ބުންޏެވެ.

ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަށް ނުވަތަ އެއްވެސް ފަރުދެއްގެ ވޯޓު ދިނުމުގެ ހައްގަށް އުނިކަން އަތުވެދާނެ އަމަލުތަކުން އެންމެހާ ފަރާތްތަކުން ދުރުހެލިވުމަށް ގޮވާލާ ކަމަށް އެޗްއާރްސީއެމްއިން ބުނެ އެވެ.

އެޗްއާރްސީއެމްއިން ބުނީ މަޖިލިސް އިންތިހާބަށް ކުޑަތަންވަމުން އަންނައިރު އިންތިހާބުގައި ވާދަކުރާ އެންމެހާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ވާދަވެރިކަމާއެކު ކެމްޕެއިން ކުރުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދިޔުމުގައި އެއް ކެންޑިޑޭޓެއް އަނެއް ކެންޑިޑޭޓަށް އިހުތިރާމު ކުރުމަށާއި، ރިވެތި އަހުލާގާއި ސުލޫކު އިސް ކުރުމަށް ހަނދާން ކޮށްދޭ ކަމަށެވެ.

އޭގެ އިތުރުން މަޖިލިސް އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށްޓަކައި ހުރިހާ ކެންޑިޑޭޓުންނާއި، ޕާޓީތަކާއި، ދައުލަތުގެ މުއައްސަސާތަކާއި ވަކިވަކި ފަރުދުން ވެސް މަސައްކަތް ކުރުމުގައި ގާނޫނީ އިމުގެ ތެރޭގައި ވާދަވެރި ރޫހެއްގައި ކެމްޕެއިން ކުރުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދިއުމަށް އެޗްއާރްސީއެމްއިން އިލްތިމާސްކުރެ އެވެ.

މުހިއްމު ބައެއް ހަބަރު