Advertisement

120 އަހަރު ތެރޭ ފުރަތަމަ ތަށި، ލެވަކޫސަންގެ ތަރި އަކީ އަލޮންސޯ

15 އޭޕްރީލް 2024 - 03:30 0

އަލޮންސޯ ޖަރުމަނު ލީގުގެ ޗެމްޕިއަން ޝީލްޑާ އެކީގައި.---


120 އަހަރު ތެރޭ ފުރަތަމަ ތަށި، ލެވަކޫސަންގެ ތަރި އަކީ އަލޮންސޯ

15 އޭޕްރީލް 2024 - 03:30 0

ބާލިން، ޖަރުމަނު (އޭޕްރީލް 15) - ވާޑާ ބްރެމެން އަތުން 5-0 އިން މޮޅުވެ، ބަޔާ ލެވަކޫސަނުން އެ ކްލަބްގެ 120 އަހަރުވީ ދިގު ތާރީހުގައި ފުރަތަމަ ފަހަރަށް ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ފާއިތުވި 11 އަހަރު ލީގު ޗެމްޕިއަންކަން ހޯދި ބަޔާން މިއުނިކް ފަހަތަށް ޖައްސާލައި، ލެވަކޫސަނުން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރީ ބާކީ ފަސް މެޗު އޮއްވަ އެވެ. މި ސީޒަނުގައި މެޗަކުން ބަލިނުވެ، 43 މެޗު ހަމަކޮށްފައިވާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ، އެ ޓީމަށް ލީގު މި ހޯދައިދިނީ، މަގާމާ ހަވާލުވި 18 މަސް ދުވަސްތެރޭގަ އެވެ. އަލޮންސޯ ހަވާލުވިއިރު، ރެލިގޭޝަނުގައި އޮތް ލެވަކޫސަނަށް އޭނާ ލީގު މި ހޯދައިިދިނީ މަގާމާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ ފުލް ސީޒަނުގަ އެވެ.

ލެވަކޫސަނުން ލީޑުނެގީ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީ އަކުން ނައިޖީރިއާގެ ފޯވާޑް، ވިކްޓަ ބޮނިފޭސް ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި ލެވަކޫސަނުގެ ޖަރުމަނު އެޓޭކަރު، ފްލޯރިއަން ވާޓްޒް ހެޓްރިކެއް ހެދިއިރު އަނެއް ލަނޑު ޖެހީ، ސްވިޒަލެންޑްގެ މިޑްފީލްޑަރު، ގްރޭނިޓް ޝަކާ އެވެ.

ލެވަކޫސަނުގެ ވާޓްޒް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---


މެޗުގެ ފަހު ކަށިގަނޑާ އެކު، ލެވަކޫސަނުގެ ސަޕޯޓަރުން ދަނޑަށް އަރައި ފުރާލި އެވެ. އަދި ވަރަށް ބޮޑަށް ކުޅުންތެރިންނާ އެކު އުފާފާޅުކުރި އެވެ.

"މިއީ މި ކްލަބަށް ވަރަށް ވެސް ހާއްސަ ވަގުތު ކޮޅެއް، ކްލަބްގެ ތާރީހުގައި މި ހޭދަވި 120 އަހަރު ތެރޭ ފުރަތަމަ ތަށި ހޯދުމަކީ ވަރަށް ހާއްސަވާނެ ވަގުތެއް. ވަރަށް ވަރުގަދަ ޓީމެއް މި އޮތީ، އަހަރެން މީގެއިން ކޮންމެ މީހަކަށްޓަކައި ވެސް ފަހުރުވެރިވޭ،" ކްލަބްތަކުގެ ހުށަހެޅުން ދޫކޮށް ލެވަކޫސަނުގައި މަޑުކުރަން ނިންމާފައިވާ އަލޮންސޯ ބުންޏެވެ.

ލެވަކޫސަން އެއް ވަނައިގައި އޮތީ 29 މެޗުން 79 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް، ބަޔާން އަށް ވަނީ 29 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ސްޓުޓްގާޓަށް ވެސް ވަނީ 29 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ.

މި ސީޒަނުގައި ލެވަކޫސަނަށް އިތުރު ދެ މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. އެ ޓީމުން ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި، ވެސްޓް ހޭމް ޔުނައިޓެޑް އަތުން ފުރަތަމަ ލެގުގައި މޮޅުވެފައިވާއިރު، ޖަރުމަނު ކަޕް ފައިނަލުގައި، ލެވަކޫސަން ކުޅޭނީ ކައިސަސްލައުޓެންއާ އެވެ.

ލީގު ޗެމްޕިއަންކަން ހޯދުމުގެ އުފާފާޅުކުރުމުގެ ތެރެއިން، ލެވަކޫސަނުގެ ސަޕޯޓަރުން އަލޮންސޯގެ ބެނާ ހިފައިގެން.


މީގެ ކުރިން، ލެވަކޫސަނުން ވަނީ ފަސް ފަހަރެއްގެ މަތިން ލީގުގެ ދެ ވަނައިގައި ނިންމައިފަ އެވެ. އެންމެ ފަހުން، 2011 ވަނަ އަހަރު ލީގުގެ ދެ ވަނަ އަށް ދިޔައިރު، އެންމެ ހިތްދަތިކޮށްދިޔައީ 2022 ވަނަ އަހަރު އެވެ. އެ ފަަހަރު، ލީގުގެ ޗެމްޕިއަންކަން ގެއްލުމުގެ އިތުރުން، ލެވަކޫސަން ވަނީ ރެއާލް މެޑްރިޑް އަތުން 2-1 އިން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް ބަލިވެފަ އެވެ.

ލެވަކޫސަނުން މި ފަހަރުގެ ލީގު ޗެމްޕިއަންކަން ހޯދައި، މި ވަނީ 30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ތަށްޓެއް ހޯދައިފަ އެެވެ. އެ ފަހަރު ލެވަކޫސަނުން ހޯދި ޖަރުމަނު ކަޕް ޗެމްޕިއަންކަމެވެ.