Advertisement

އިތުރު ވަގުތުގައި ގޯލު ޖަހައި ލެވަކޫސަންގެ ބަލިނުވުމުގެ ސިލްސިލާ ކުރިއަށް

22 އޭޕްރީލް 2024 - 13:59 0


އިތުރު ވަގުތުގައި ގޯލު ޖަހައި ލެވަކޫސަންގެ ބަލިނުވުމުގެ ސިލްސިލާ ކުރިއަށް

22 އޭޕްރީލް 2024 - 13:59 0

ބާލިން (އޭޕްރީލް 22) - އިތުރު ވަގުތުގައި ގޯލު ޖަހައި، ބޮރޫޝިއާ ޑޯޓްމަންޑާ 1-1 އިން އެއްވަރުކޮށް، ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ބަޔާ ލެވަކޫސަނުން އެ ޓީމުގެ ބަލިނުވުމުގެ ސިލްސިލާ ކުރިއަށް ގެންގޮސްފި އެވެ.

ރޭގެ ނަތީޖާއާ އެކު ލެވަކޫސަނުން މި ސީޒަނުގައި ބަލިނުވެ ކުރިއަށްގެންދާ ރެކޯޑް މި ވަނީ 45 މެޗަށް ދަންމާލައިފަ އެވެ. ލެވަކޫސަނުން އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލީގު ހޯދީ، ބާކީ ފަސް މެޗު އޮއްވަ އެވެ. ރޭގެ މެޗަށް ފަހު، ލީގުގައި ދެން އެ ޓީމަށް އޮތީ ތިން މެޗެެވެ.

ވާދަވެރިކޮށް ދިޔަ މެޗުގެ 81 ވަނަ މިނިޓްގައި ޑޯޓްމަންޑަށް ލީޑުނަގައިދިނީ ނިކްލަސް ފުލްކްރޫގް އެވެ. އަމިއްލަ ދަނޑުގައި ކުޅުނު ޑޯޓްމަންޑް މޮޅުވާނެ ކަމަށް ބެލެވިފައިވަނިކޮށް، މި ސީޒަނުގެ ގިނަ މެޗުތަކެކޭ އެއްގޮތަށް ލެވަކޫސަނުން ވަނީ ފަހު ވަގުުތު ލަނޑު ޖަހައި، ސަލާމަތްވެފަ އެވެ.

ލެވަކޫސަނަށް މި ލަނޑު ޖަހައިިދިނީ އިތުރު ވަގުތުގެ ހަތް ވަނަ މިނިޓްގައި ޖޯސިފް ސްޓަނިސިޗް އެެވެ. ބަޔާންގެ ލޯނަކަށް ލެވަކޫސަނަށް ކުޅެމުން އަންނަ ސްޓަނިސިޗް މި ލަނޑު ޖެހީ، ފްލޯރިއަން ވާޓްޒް ނެގި ކޯނަރަކުން ބޮލުންނެވެ.

މެޗަށް ފަހު ލެވަކޫސަނުގެ ކޯޗު، ޒަބީ އަލޮންސޯ ބުނީ އެ ޓީމު ކޮޅަށް ވަން ގޯލާ މެދު ހިތްްހަމަނުޖެހޭ ކަމަށާއި އެހެން ނަމަވެސް އެ ޓީމުން ބަލިވިޔަ ނުދޭން ކޮންމެ މެޗެއްގައި ވެސް އެ ކުރާ ހިތްވަރު މި މެޗުގައި ވެސް ފެނިގެންދިއުމުން އެ ކަމާ ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.