Advertisement

ޓުޗެލް ބަަހައްޓަން ބަޔާންގެ ސަޕޯޓަރުންގެ ޕެޓިޝަނެއް، އެކަމަކު ފަރުވާލެއްނެތް

28 އޭޕްރީލް 2024 - 00:19 0


ޓުޗެލް ބަަހައްޓަން ބަޔާންގެ ސަޕޯޓަރުންގެ ޕެޓިޝަނެއް، އެކަމަކު ފަރުވާލެއްނެތް

28 އޭޕްރީލް 2024 - 00:19 0

މިއުނިކް (އޭޕްރީލް 28) - ބަޔާން މިއުނިކްގެ ކޯޗުގެ މަގާމުގައި ތޯމަސް ޓުޗެލް ބަހައްޓަން އެދި ބަޔާންގެ ސަޕޯޓަރުން ހެދި ޕެޓިޝަންގައި މިހާތަނަށް 14،000 އަށް ވުރެ ގިނަ ސަޕޯޓަރުން ބައިވެރިވި ނަމަވެސް، އެކަމާމެދު ނުވިސްނާ ކަމަށް ޓުޗެލް ބުނެފި އެވެ.

ބަޔާން އަށް 12 އަހަރު ފަހުން މި ސީޒަންގައި ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ގެއްލުނުއިރު، އެ ޓީމުގެ ފޯމު ދަށްވުމުގެ ސަބަބުން މިދިޔަ ފެބްރުއަރީ މަހު ޓުޗެލް ވަނީ މި ސީޒަނަށް ފަހު ބަޔާންގެ ކޯޗުކަމުން ވަކިވުމަށް އެ ކްލަބާއެކު އެއްބަސްވެފަ އެވެ.

އެކަމަކު ބަޔާން އިން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފަ އެވެ. މި ސީޒަންގައި ތައްޓެއް ހޯދުމަށް ބަޔާނަށް މިހާރު އޮތް ހަމައެކަނި އުންމީދަކީ ޗެމްޕިއަންސް ލީގެވެ.

ޓުޗެލްގެ ބަދަލުގައި އަންނަ ސީޒަންގައި ބަޔާންގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް ބެލެވެނީ މިހާރު އޮސްޓްރިއާގެ ގައުމީ ޓީމުގެ ކޯޗަކަށްހުރި ރަލް ރަގްނިކެވެ. ކުރިން މެންޗެސްޓާ ޔުނައިޓާޑައި އާރްބީ ލައިޕްޒިގް އަދި ޖަރުމަންގެ އެހެން ބައެއް ކްލަބުތަކަށް ރަގްނިކް ކޯޗުކޮށްދިނެވެ.

އެކަމަކު ރަންގްނިކް ބަޔާންގެ ކޯޗުކަމާ ހަވާލުވުމަކީ އެ ކްލަބުގެ ގިނަ ސަޕޯޓަރުން އެދޭ ގޮތެއް ނޫނެވެ. އެހެންކަމުން ޓުޗެލް މަގާމުގައި ބެހެއްޓުމަށް އެދި މިިދިޔަ އަންގާރަ ދުވަހު ބަޔާންގެ ސަޕޯޓަަރުން ވަނީ ޕެޓިޝަނެއް ހަދައިފައެވެ. މި ޕެޓިޝަންގައި މިހާތަނަށް 14،000 އަށްވުރެ ގިނަ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.

އެކަމަކު ނޫސްވެރިންނާ ވާހަކަދައްކަމުން ޓުޗެލް ބުނީ ސަޕޯޓަރުން އޭނާ ބަޔާންގައި މަޑުކުރުމަށް އެދުމަކީ "ހިތްހަމަޖެހޭ ކަމަކަށްވިޔަސް" އޭނާ އެކަމާމެދު އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ.

"މި ވަގުުތު އެއްވެސް ވަރަކަށް ސަމާލުކަން ދޭނެ ކަމެއް ނޫން ތިއީ. ކުރިއަށް އޮަތް 11 ދުވަހު އަހަރެން ވިސްނާނީ ހަމައެކަނި ފުޓްބޯޅަ އަށް. އިތުރު ކަމަކަށް ނުވިސްނާނަން. ހިތްހަމަޖެހޭ ކަމަކަށްވިޔަސް، ހިތްހަމަނުޖެހޭ ކަމަކަށް ވިޔަސް އަހަރެން އެކަމަށް ސަމާލުކަމެއް ނުދޭނަން،" ޓުޗެލް ބުންޏެވެ.

ބަޔާންގެ އޮނަނަރީ ޕްރެޒިޑަންޓް އުލީ ހޯންސް އިއްޔެ ވިދާޅުވީ ބަޔާންގެ އާ ކޯޗު ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.