Advertisement

ލެވަކޫސަން ފަހުވަގުތު ސަލާމަތްވުމުގެ ސިލްސިލާ ކުރިއަށް

28 އޭޕްރީލް 2024 - 07:20 0


ލެވަކޫސަން ފަހުވަގުތު ސަލާމަތްވުމުގެ ސިލްސިލާ ކުރިއަށް

28 އޭޕްރީލް 2024 - 07:20 0

މިއުނިކް (އޭޕްރީލް 28) - ޖަރުމަނު ލީގުގައި ރޭ ފަހު ވަގުތު ލަނޑު ޖަހައި، ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ބަޔާ ލެވަކޫސަނުން 2-2 އިން ސްޓުޓްގާޓާ އެއްވަރުވެ، ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

މި ސީޒަނުގައި މިހާތަނަށް ލެވަކޫސަނުން ހުރިހާ މުބާރާތެއްގައި ކުޅުނު 46 މެޗުން ބަލިވެފައިނުވެ އެވެ. އެ މެޗުތަކަށް ބަލާއިރު، 10 މެޗެއްގެ އިތުރު ވަގުތުގައި ލެވަކޫސަނުން ވަނީ ލަނޑު ޖަހައި، މޮޅެއް ހޯދުން ނޫނީ ބަލިނުވެ ސަލާމަތްވެފަ އެވެ.

"އަހަރެން އިރުޝާދުދެނީ، ފަހު ސިކުންތާ ހަމައަށް ވެސް ހިތްވަރު އެލުވައިނުލަން، އެއީ ކުޅުންތެރިން އެކުރާ މަސައްކަތަކީ،" އަލޮންސޯ ބުންޏެވެ.

ކްލަބްގެ ތާރީހުގައި ފުރަތަމަ ފަަހަރަށް ލީގުގެ ޗެމްޕިއަންކަން ހޯދި ލެވަކޫސަނުން ރޭގެ މެޗުގައި އެއްވަރުކުރީ ދެ ލަނޑު ފަހަތުން އަރަ އެވެ. އެ ގޮތުން، ސްޓުޓްގާޓުން ލީޑުނެގީ، 47 ވަނަ މިނިޓްގައި ކްރިސްޓިއަން ފުހްރިޗް ޖެހި ލަނޑުންނެވެ. އަދި 56 ވަަނަ މިނިޓްގައި ޑެނިޒް އުންޑެއަވް ވަނީ ލަނޑެއް ޖަހައި ލީޑުފުޅާކޮށްދީފަ އެވެ.

ލެވަކޫސަނަށް އުންމީދެއް ހޯދައިދިނީ، 61 ވަަނަ މިނިޓްގައި އަމީން އަދީލް ލަނޑުޖަހަ އެވެ. އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި ލެވަކޫސަނަށް އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ، ރޮބާޓް އަންޑްރިޗް އެެވެ.

ލީގުގެ އެއް ވަނައިގައި ލެވަކޫސަން އޮތީ، 31 މެޗުން 81 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބަޔާން މިއުނިކުން ރޭ ވަނީ ހެރީ ކޭންގެ ދެ ގޯލާ އެކު އައިންޓްރަކްޓް ފްރޭންކްފާޓް 2-1 އިން ބަލިކޮށްފަ އެވެ. ބަޔާނަށް ވަނީ 31 މެޗުން 69 ޕޮއިންޓް ލިބިފަ އެވެ.

ތިން ވަނައިގައި އޮތް ސްޓުޓްގާޓަށް ވަނީ 31 މެޗުން 64 ޕޮއިންޓް ލިބިފަ އެވެ.

ބޮރޫޝިއާ ޑޯޓްމަންޑް އަތުން އާރްބީ ލައިޕްޒިގު ވަނީ 4-1 އިން މޮޅުވެފަ އެވެ. ލައިޕްޒިގު ހަތަރެއްގައި އޮތީ 31 މެޗުން 62 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ 31 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ.