ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބާރު ދިން ވަރަކަށް އެ ބާރުތައް ލައްވަނީ މުށުތެރެއަށް ކަމަށް އިދިކޮޅު އެމްޑީޕީ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އާދީއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕެއިން ކުރައްވަން ތ. ކިނބިދޫއަށް ވަޑައިގެން ސޯލިހު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދޮގު ހައްދަވައި، މީހުންނަށް މަކަރު ހަދައިގެން ކަމަށެވެ. ރައީސް މިހާރު ކުރައްވާ ކަމަކީ ބާރުތައް މުށުތެރެއަށްލުން ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.
"ވަގުތު ދިން ވަރަކަށް، ބާރުތައް ދިން ވަރަކަށް، އެ ގެންދަވަނީ މުށުތެރެއަށް ބާރުތައް ލައި ކޮންޓްރޯލް ކުރަމުން. ރަށްރަށުން އެ މަންޒަރު އެބަ ފެނޭ. ވަޒީފާތަކުގައި ތިބި ފަރާތްތަކަށް ބިރު ދެއްކުން އިންތިހާގައި. ހިތަށް އެރީމާ ހިތަށް އެރި މުވައްޒަފަކު ކަނޑާލަނީ،" ސޯލިހު ވިދާޅުވި އެވެ. "މިކަންތައްތައް އެބަޖެހޭ ހައްލު ކުރަން، އެ ބިރުވެރިކަމުން ގައުމު އެބަޖެހޭ ސަލާމަތް ކުރަން."
ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ވަޒީފާގެ އެއްވެސް މިންވަރަކަށް ވަޒީފާގެ ބިރު މުވައްޒަފުންނަށް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރާއި މަޖިލިސް އެކީ ޕީޕީއެމްއަށް ދީފި ނަމަ އިއާދަ ވާނީ ބިރުވެރި ދުވަސްތަކެއް ކަމަށެވެ.
"ވަރަށް ފުންކޮށް ތިޔަ ބޭފުޅުން ވިސްނަވަން ވާނެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައީސް ޑރ. މުއިއްޒަށް ލިބިއްޖެ ކަމަށްވަންޏާ އަޅުގަނޑު މި ދެންނެވި [ބިރުވެރި، ނާމާން] ދުވަަސް އިއާދަވެ، އެކަންތައްތައް ތަކުރާރުވަމުންދާނެ،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހު އެހެން ވިދާޅުވިއިރު، ޅ. ފެލިވަރު މަސް ފެކްޓަރީގައި މަސައްކަތް ކުރާ ސަރުކާރުގެ މުވައްޒަފުންނަށް ބިރު ދެއްކުމަށް ވެރިކަން ހިންގާ ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި އާންމުކޮށް ވަނީ ގޮވާލައިފަ އެވެ. އެ މައްސަލަ މިހާރު ދަނީ އިލެކްޝަންސް ކޮމިޝަނުން ބަލަމުންނެވެ.
Comment