Advertisement

އެއްފަސް ކުރުމާއި އާބާދީ ބަހައިލުން: ސަރުކާރުގެ ސިޔާސަތު ސާފެއް ނޫން


އެއްފަސް ކުރުމާއި އާބާދީ ބަހައިލުން: ސަރުކާރުގެ ސިޔާސަތު ސާފެއް ނޫން

ގައުމީ ތަރައްގީގެ ޕްލޭނެއް ދިވެހިރާއްޖެއަކު ނެތެވެ. ފަސް އަހަރުން ފަސް އަހަރުން ޕްލޭން ބަދަލުވެ އެވެ. މީގެ 44 އަހަރު ކުރިން 1980 ވަނަ އަހަރުން ފެށިގެން ގެންގުޅޭ ރާއްޖޭގެ އާބާދީ އާއި ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތަކީ އޭރުން ފެށިގެން އެކި ސިފަ ސިފައިގައި ގެންގުޅެމުން އައި ވިސްނުމެކެވެ.

ރާއްޖޭގެ އާބާދީ ބެހިފައި އޮންނަ ގޮތަށް ބަލާއިރު، މީހުން މިހާރު ދިރިއުޅެނީ 187 ރަށުގަ އެވެ. އޭގެ 62 ޕަސެންޓު ރަށްތަކަކީ ދިރިއުޅޭ އާބާދީގައި 1،000 މީހުން ހަމަ ނުވާ ރަށްރަށެވެ. 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއިން ދައްކާ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 1،000 މީހުން ހަމަނުވާ 117 ރަށް އެބަ އޮތެވެ. އަދި ދިރިއުޅޭ އާބާދީގައި 500 މީހުން ވެސް ހަމަނުވާ 40 ރަށް އެބަ އޮތެވެ.

ކުދި އާބާދީ އޮންނަ ގިނަ ރަށްރަށުގެ އަސާސީ ހިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ ޝަކުވާއަކީ އެ ރަށްތަކުގައި ދިރިއުޅޭ މީހުން އަބަދުމެ ކުރާ ޝަކުވާއެކެވެ. ބައެއް ސަރުކާރުތަކުން "ކުޑަ ރަށެއް ބޮޑު ރަށެއް" ނުބަލާ ތަރައްގީ ގެނައުމުގެ ތަސައްވަރެއް ގެންގުޅުނު ކަމަށް ބުންޏަސް، ހަގީގަތް ތަފާތެވެ. ކުރިއަރައި ދަނީ ގިނަ މީހުން ދިރިއުޅޭ، އާބާދީގެ ނިސްބަތުން ބޮޑު ރަށްތަކަށް ކަމީ ކަން ހިނގާ ގޮތެވެ. އެއީ ދުނިޔޭގެ ތޮބީއަތެކެވެ.

ބޯހިމެނުމުން ދައްކަނީ ރާއްޖޭގެ އާންމުކޮށް ދިރިއުޅޭ ދިވެހިންގެ ތެރެއިން 46 ޕަސެންޓަކީ އުމުރުގެ ކޮންމެ ވެސް ހިސާބެއްގައި ހިޖުރަކޮށްފައިވާ މީހުންނެވެ.

ދިވެހިން ހިޖުރަކުރާ މައިގަނޑު ސަބަބުތައް

  • ތައުލީމު ހޯދުމަށް - 20 ޕަސެންޓު މީހުން ހިޖުރަ ކުރި
  • ވަޒީފާ ހޯދުމަށް - 19 ‍‍‍ޕަސެންޓު މީހުން ހިޖުރަ ކުރި
  • އާއިލާ ހިޖުރަކުރުމުން އާއިލާއާއެކު ދިރިއުޅުމަށް - 19 ޕަސެންޓު މީހުން ހިޖުރަ ކުރި

އެއްފަސްކުރުމާއި އާބާދީ ބެހުމުގެ ސިޔާސަތު ގެންގުޅޭ މައިގަނޑު ސަބަބުތައް ވެސް ގުޅިފައިވަނީ އަސާސީ ހިދުމަތްތަކާއި ތަރައްގީ، އަދި ހަރަދަށެވެ. ކޮންމެ ރަށެއްގައި ހިދުމަތްތައް ގާއިމު ކުރުމަށް ހިނގާ ހަރަދު ކުރުމުގެ ބަދަލުގައި ޖާގައިގެ ނިސްބަތުން ބޮޑު ރަށެއްގައި ހިދުމަތްތައް ބިނާކޮށް، މީހުން އާބާދު ކުރުމުގެ މަންފާ ބޮޑުވުމުންނެވެ.

މި ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތު

އެއްފަސްކުރުމުގެ ސިޔާސަތުގެ ވާހަކަ، މިދިޔަ މަޖިލިސް އިންތިހާބުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރު ކުރެއްވި އެވެ. ކޮންމެ އަހަރެއްގެ ބަޖެޓުގައި ހިމަނައި، ކޮންމެ ރަށަކަށް ކަންކަން ކޮށްދޭންވެއްޖެ ނަމަ އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"މެނިފެސްޓޯ އިއުލާނު ކުރި ރޭ، އަޅުގަނޑު ދެންނެވިން ރާއްޖެ ތަރައްގީ ކުރެވޭނީ އެކި ސަރަހައްދުތައް އެކި ޒޯންތައް ތަރައްގީކޮށްގެނޭ، ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތަކުންނޭ ރާއްޖެ ތަރައްގީ ކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގަ،" މާޗު 5، ގައި ދ. ކުޑަހުވަދޫގައި ހުންނަވައި އެމަނިކުފާނު ވިދާޅުވި އެވެ.

މިހާރު މީހުން ދިރިއުޅޭ ހުރިހާ ރަށެއް އެކީ ތަރައްގީ ކުރުމަކީ ތިމާވެށީގެ ގޮތުން ވެސް ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވި އެވެ. އަދި އުތުރާއި ދެކުނުގެ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނާއި ހަތް ސަރަހައްދެއްގައި ތަރައްގީ ކުރާ އާބަން ސެންޓަރުތަކުގެ ސިޔާސަތު އެރޭ ވެސް ތަކުރާރު ކުރެއްވި އެވެ.

މީގެ އިތުރުން މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ލ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން ގަމުގައި ހުންނަވާ ރައީސް މި މަހު 12 ވަނަ ދުވަހު ރައީސް މުއިއްޒު ވަނީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އާބާދީ އަދި ބިން ބޮޑެތި ރަށްތަކުގައި ހިންގުމަށް އިސްކަންދިނުމުގެ ބޭނުމަކީ ކުދި ރަށްތަކުގެ މީހުން އެ ރަށްރަށަށް ހިޖުރަކުރަން ބާރުއެޅުން ކަމުގައި ވިދާޅުވެފަ އެވެ.

"އެންމެ އާބާދީ ބޮޑު އެންމެ ބިން ބޮޑު ތަނަކަށް އެކަމުގެ އިސްކަން ދޭން ޖެހޭނީ. އޭގެ ނަތީޖާއަކަށް ވެގެންދާނީ ދެން އެހެން ރަށްރަށުގެ ރައްޔިތުން ވެސް އެއްފަސްކުރުމުގެ ބޭނުމުގަ އެ ރަށަށް ހިޖުރަ ވެސް ކުރާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ އެކި ފަހަރުމަތިން އެމަނިކުފާނުގެ އެއްފަސް ކުރުމުގެ ސިޔާސަތު ހާމަކުރައްވާފަ އެވެ. ކޮންމެ ފަހަރަކުވެސް ސިޔާސީ ޕާޓީތަކާއި އާންމުންގެ ފާޑުކިޔުން އަމާޒުވުމާއެކު ކުދި ރަށްރަށް ތަފާތު ނުކުރައްވާނެ ކަމަށް ވިދާޅުވެ އެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން ވަނީ ހަތް އާބަން ސެންޓަރަކާއެކު ދެކުނާއި އުތުރުގައި އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓް ޒޯނުތައް ތަރައްގީކުރަން ނިންމައި، ބައެއް އާބަން ސެންޓަރުތައް އިއުލާނު ވެސް ކޮށްފަ އެވެ. ރައީސް މުއިއްޒު ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އިއުލާނު ކުރެއްވި އާބަން ސެންޓަރުތަކުގެ ތެރޭގައި ރ. އުނގޫފާރު، ބ. އޭދަފުށި، ފ. ނިލަންދޫ އަދި ދ. ކުޑަހުވަދޫ ހިމެނެ އެވެ.

ރައީސް މުއިއްޒުގެ މެނިފެސްޓޯގައިވާ ގޮތުގައި ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅު ހިމެނޭ އުތުރުގެ ތަރައްގީގެ ޒޯނުގައި، މައި ހަބަކީ ހދ. ކުޅުދުއްފުއްޓެވެ. އަދި ގއ. އަތޮޅާއި، ގދ. އަތޮޅާ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭ ދެކުނުގެ ތަރައްގީގެ ޒޯނުގައި، މައި ހަބަކީ އައްޑޫ ސިޓީ އެވެ.

މި ސިޔާސަތާއި ގުޅިގެން ހަދަންޖެހޭ ގާނޫނު ހެދުމަށް ސަރުކާރުގެ ފަރާތުން ވަނީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހަށް "އާބަން ޕްލޭނިން އަދި އާބަން ޑިވެލޮޕްމެންޓް" ބިލެއް ވެސް ހުށަހަޅާފަ އެވެ.

އާބަން ޕްލޭނިން އަދި އާބަން ޑިވެލޮޕްމެންޓް ބިލު

ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އާބަން ޕްލޭނިން އަދި އާބަން ޑިވެލޮޕްމެންޓް ބިލުގައިވާ ގޮތުން މިނިސްޓަރުގެ ލަފާގެ މަތިން އާބަން ސަރަހައްދުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ގާނޫނު ފާސްވެ އަމަލުކުރަން ފަށާތާ 30 ދުވަސް ތެރޭގައި، މިނިސްޓަރަށް ލަފާދިނުމަށް ހަތް މެމްބަރުންގެ އާބަން ޑިވެލޮޕްމެންޓް ބޯޑެއް އެކުލަވައިލަންޖެހެ އެވެ.

އާބަން ސަރަހައްދުގެ ގޮތުގައި ކަނޑައެޅޭނެ ސަރަހައްދުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާއި ސިފަތަށް ވެސް ބިލުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އާބަން ސަރަހައްދުގެ ގޮތުގައި ކަނޑައެޅޭނީ ރާއްޖޭގެ ވެރިކަން ކުރާ ސިޓީ ހިމެނޭ ގޮތުން އެ ސަރަހައްދުގައި ދިރިއުޅޭ ޖުމްލަ އާބާދީ ނުވަތަ އާބާދުކުރުމަށް ކަނޑައަޅައިފައިވާ އަދަދު 150،000 އަށް ވުރެ ބޮޑު ސަރަހައްދުތަކާއި، އެކެއް ނުވަތަ އެއަށް ވުރެ ގިނަ އާބަން ސެންޓަރު ހިމެނޭ އެ ސަރަހައްދުގައި ދިރިއުޅޭ ޖުމްލަ އާބާދީ ނުވަތަ އާބާދުކުރުމަށް ކަނޑައަޅައިފައިވާ އަދަދު 50،000 އަށް ވުރެ ބޮޑު ސަރަހައްދުތަކެވެ.

މީގެ އިތުރުން އިދާރީ އަދި ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވުމާއެކު އެ ސަރަހައްދުގައި ދިރިއުޅޭ ޖުމްލަ އާބާދީ ނުވަތަ އާބާދުކުރުމަށް ކަނޑައަޅައިފައިވާ އަދަދު 10،000 އަށް ވުރެ ބޮޑު ސަރަހައްދުތައް ވެސް އާބަން ސަރަހައްދުގެ ގޮތުގައި ކަނޑައެޅޭނެ އެވެ.

ގާނޫނުގެ ދަށުން ކަނޑައެޅޭ އާބަން ސަރަހައްދުތައް ތަރައްގީކޮށް ބެލެހެއްޓުމަށް ކޮންމެ ސަރަހައްދަކަށް ވެސް އާބަން ޑިވެލޮޕްމެންޓް އޮތޯރިޓީއެއް އުފައްދަންޖެހެ އެވެ. އެ އޮތޯރިޓީ ހިނގާނީ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

ސަރުކާރުގެ ސިޔާސަތާއެކު އާބާދީ ބެހިގެންދާނެ ގޮތް

ބޯހިމެނުމުގެ ނަތީޖާއިން ހާމަވާގޮތުގައި ރާއްޖޭގެ ޖުމްލަ އާބާދީއަކީ 515،132 މީހުންނެވެ. އެއީ 382،639 ދިވެހިންނާއި 132،493 ބިދޭސީންނެވެ.

އެ އާބާދީގެ 41 ޕަސެންޓު މިހާރު ވެސް ދިރިއުޅެނީ މާލެ ސަރަހައްދު [މާލެ، ވިލިމާލެ، ހުޅުމާލެ] ގަ އެވެ. ރަށްރަށުގައި 46 ޕަސެންޓު މީހުން ދިރިއުޅޭއިރު، ރިސޯޓުތަކުގައި 10 ޕަސެންޓު އަދި ސިނާއީ ރަށްރަށުގައި ރާއްޖޭގެ ޖުމުލަ އާބާދީގެ ތިން ޕަސެންޓު މީހުން ދިރިއުޅެ އެވެ.

މާލެ ސަރަހައްދުގެ އިތުރުން ދިރިއުޅޭ އާބާދީގައި 10،000 މީހުން ހަމަވަނީ ހަމައެކަނި ސ. ހިތަދޫ އަދި ހދ. ކުޅުދުއްފުށީގަ އެވެ. އާބާދީ ބޮޑު ރަށްތަކުގެ ގޮތުގައި ދެން ފާހަގަކޮށްލެވޭ ރަށްތަކުގެ ތެރޭގައި ހިމެނެނީ:

  • ސ. ހިތަދޫ - 13،759
  • ޏ. ފުވައްމުލަށް - 9،177
  • ގދ. ތިނަދޫ - 6،217
  • ލ. ގަން - 4،815
  • ކ. މާފުށި - 4،471
  • ޅ. ނައިފަރު - 4،832
  • ހދ. ކުޅުދުއްފުށި - 10،131
  • ހއ. ދިއްދޫ - 3،412
  • ރ. ދުވާފަރު - 3،321

މާލެ ސަރަހައްދުގައި ދެ ލައްކައަށް ވުރެ ގިނަ މީހުން ދިރިއުޅޭއިރު، އާބަން ސަރަހައްދެއްގެ މިންގަނޑަށް ފެތެ އެވެ. ނަމަވެސް، ރައީސް މުއިއްޒު އިއުލާނުކުރައްވާފައިވާ މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއުގެ ދަށުން ރާއްޖޭގައި މިހާތަނަށް ހިއްކާ އެންމެ ބޮޑު ބިން، ރަސްމާލެ އަދި ގިރާވަރުފަޅާއި ގުޅީފަޅުގައި މީހުން އާބާދުކުރުމާއެކު، އާބަން ސެންޓަރުތަކާއި އިންޓަގްރޭޓެޑް ޑިވެލޮޕްމެން ޒޯންތަކުގައި ދިރިއުޅޭނެ މީހުން ތިބެދާނެތޯ ސުވާލު އުފެދެ އެވެ.

ރައީސް ޑރ. މުއިއްޒުގެ ރިޔާސީ މެނިފެސްޓޯއާއި އެއްގޮތަށް ފުށިދިއްގަރުފަޅުގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ރަސްމާލެ ސިޓީގައި ގާއިމުކުރާނެ އެވެ. އަދި ސިޓީ ގާއިމްކޮށް ނިމޭއިރު ގާތްގަނޑަކަށް ދެ ލައްކަ މީހުންގެ އާބާދީއަކަށް އެ ސިޓީގައި ދިރިއުޅެވޭނެ އެވެ.

ކުޑަ އާބާދީއެއް އޮންނަ ގައުމެއްގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަށް ފެށުމުގެ ކުރިން އެސެސްމެންޓްތައް ހަދައި އެ އާބާދީއަކާއި ގުޅޭ އަދި ވަސީލަތްތައް އިސްރާފު ނުވާނެ ފަދައިން އަމަލުކުރުން މުހިންމެވެ. އިގުތިސާދީ ގޮތުން މިއަދު ރާއްޖެ އޮތް ދަރަނީގެ އަނދަވަޅުން އަރައިގަނެވޭނީ އޭރުންނެވެ.

އެއްފަސްކުރުމުގެ ސިޔާސަތު ގެންނަންވާނީ ތޮއްޖެހުމުގެ ގެއްލުން ނުލިބޭ ގޮތަށް

ދުނިޔޭގެ އެންމެ ތޮއްޖެހިފައިވާ ސިޓީތަކުގެ ތެރޭގައި ރާއްޖޭގެ ވެރިކަން ކުރާ މާލެ ސިޓީ ހިމެނެ އެވެ. ދެ ލައްކައަށް ވުރެ ގިނަ އާބާދީއެއް ދިރިއުޅެމުން އަންނަނީ 208 ހެކްޓަރުގެ މި ސިޓީގަ އެވެ. މާލޭއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައިގެ އަސްލަކީ ވެސް ޕްލޭންކުރުމާއި ރަނގަޅު އެސެސްމެންޓަކާއި ނުލައި ތަރައްގީކުރުމެވެ.

އެއްފަސްކުރުމާއި އާބާދީ ބެހުން ފަދަ ސިޔާސަތުތައް އެންމެ ފައިދާކުރަނިވި ގޮތަށް ތަންފީޒުކުރުމުގައި އެސެސްމެންޓުތަށް ހަދައި ފްލޭންކުރުމާއިއެކު އެފަދަ ސިޔާސަތުތަށް ކާމިޔާބުކަމާއިއެކު ތަންފީޒުކޮށްފައިވާ ގައުމުތަކުން އަމަލުކޮށްފައިވާ ގޮތް ވެސް ދިރާސާކުރެވޭނެ އެވެ.

އެގޮތުން އަވައްޓެރި ޗައިނާއިން "ގްރޭޓް ވެސްޓާން ޑިވެލޮޕްމެންޓް ޕޮލިސީ" ގެ ނަމުގައި އެ ގައުމުގެ ހުޅަނގުގެ ތަރައްގީއަށް 2000 ވަނަ އަހަރު ފެށި މަޝްރޫއު ފާހަގަކޮށްލެވެ އެވެ. ޗައިނާއިން މި ޕޮލިސީ އަމާޒުކުރީ އެ ގައުމުގެ ހުޅަނގުގެ ހަތް ޕްރޮވިންސެއް ކަމުގަވާ ގަންސޫ، ގިއެޒްހޫ، ޒާންޝީ، ކިންހައި، ސިޗުއާން އަދި ޔުންނާން ތަރައްގީކުރުމަށެވެ.

ގްރޭޓް ވެސްޓާން ޑިވެލޮޕްމެންޓް ޕޮލިސީ

މި ޕޮލިސީގެ ދަށުން ކަނޑައެޅިފއިވާ ހަ ސަރަހައްދު ތަރައްގީކުރަން ޗައިނާއިން ކުރި މަސައްކަތްތަކުގެ ތެރޭގައި ވަޒީފާތައް އުފައްދައި، އުމްރާނީ މަޝްރޫތަށް އިތުރުކުރުމާއި އިންވެސްޓަރުންނަށް ފަހި ފުރުސަތުތައް ހޯދައިދީ ހަމަހަމަ ތަރައްގީ ގެނައުމުގެ ގިނަ މަސައްކަތްތަކެއް ހިމެނެ އެވެ.

އެގޮތުން އެ ގައުމުން ވަނީ އެ ޕްރޮވިންސްތަކުގައި ފަގީރުކަން ނައްތައިލުމަށް ތައުލީމާއި، ސިއްހީ ވަސީލަތްތަށް ގާއިމުކޮށް، ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތަށް ވެސް ހިންގައިފަ އެވެ. އަދި އެ ސަރަހައްދުތަކުން ލިބެން ހުރި ފެނާއި މިނަރަލް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހަކަތަ އުފައްދައި ތަރައްގީވެފައި އޮތް ޕްރޮވިންސްތަކާއި ދެމެދު އޮތް ދަތުރުފަތުރު ކުރުމުގެ ނިޒާމާއި މުވާސަލާތީ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ޗައިނާ އިން ކުރި އެވެ.

އެ ގައުމުން ވަނީ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު އަދި ތިމާވެއްޓާއި ރައްޓެހި ގޮތުގައި ހިފުމުގެ ގޮތުން ތިމާވެއްޓަށް ގެއްލުން ނުވާނެހެން މަޝްރޫއުތަށް ކުރިއަށް ގެންދިއުމަށް ވެސް ހާއްސަ ސަމާލުކަމެއް ދީފަ އެވެ. މިއީ މިއަދު ރާއްޖެ ފަދަ ކުދި އަދި ނާޒުކު ތިމާވެއްޓެއްގެ ވެރި ގައުމަކުން ނަމޫނާއަކަށް ނަގަންޖެހޭ ފަދަ ކާމިޔާބު މަޝްރޫއުއެކެވެ.

އާބަން ސެންޓަރުތަށް އެގޮތަށް ތަރައްގީކުރަން ރައީސް މުއިއްޒު އިއުލާނުކޮށްފައިވާ ރަށްތަކަށް ބަލާއިރު ރ. އަތޮޅުގެ ވެރިކަންކުރާ ރަށް އުނގޫފާރަކީ ވެސް ބިން އަދި ފަޅު ކުޑަ ރަށެކެވެ. ބިން ހިއްކި ނަމަވެސް، ފަޅު ހިމެނޭހެން 107 ހެކްޓަރުގެ އެ ރަށުން އާބަންސެންޓަރެއްގައި އާބާދުކުރަންޖެހޭ 10،000 މީހުންނަށް ގެދޮރު ނުވަތަ ގޯތި ހަމަޖެއްސުމަކީ ފީސަބަލް ކަމެއްބާ އެވެ.

ރ. އަތޮޅުގެ އެހެން ރަށްތަކަށް ބަލާއިރު، ދުވާފަރަކީ އާބާދީ އަދި ބިމުގެ ގޮތުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރެވިދާނެ ރަށެކެވެ. ފަޅު ހިމެނޭހެން 256 ހެކްޓަރު އެ ރަށުގެ ބޮޑުމިނުގައި ހުރެ އެވެ.

މިފަދަ މިންގަނޑުތަކަށް ބަލާނަމަ އަތޮޅު ވެރިކަން ކުރާ ރަށް ހަމަޖައްސައިފައިވާ އުސޫލުތަކަށް ވެސް ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަކުރެވެ އެވެ. އަދި ގިނަ މީހުން އާބާދުކުރަން ބިން ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރުން އެކަށީގެންވެ އެވެ. އެންވަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމްގެ ވެސް ކަންބޮޑުވުން ގުޅިފައި ވަނީ އެ ކަމާ އެވެ.

"ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގަ ނޫނީ ކޮށްގެން ވާނެ ކަމެއް ނޫން މި ބިން ހިއްކުމަކީ، ބިން ހިއްކަން ވެލި އަޅާ ތަނުގެ އިތުރުން އެ ވެލި ނަގާ ތަނުގެ ދިރުންތައް އެބަ މަރުވޭ. އަދި އުދަ އެރުމުގެ ފުރުސަތު ބޮޑުވޭ މާ ބޮޑަށް ފުއްޓަރު ފަރާތުން އުރަފަށާ ހަމައަށް ހިއްކީމަ،" މީގެ ކުރިން މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނައީމް ވިދާޅުވި އެވެ.

މާލެ ސަރަހައްދުން މިސާލު ނަންގަވައި ނައީމް ވިދާޅުވީ ގިރާވަރުފަޅު ހިއްކާނަމަ އޭގެ އަސަރުތަކެއް އެ ފަޅާ ކައިރީގައި އޮންނަ ރިސޯޓަށް ކުރާނެ ކަމަށެވެ. ފަޅު ހިއްކުމަކީ ވެސް ދިރާސާ ބޭނުންވާ ކަމެއްކަން ފާހަގަކުރެއްވި އެވެ.

ރާއްޖޭ ތެރޭގެ ރަށްތަކުގައި އާބަން ސެންޓަރުތައް ގާއިމްކޮށް އެއްފަސްކުރުމުގެ ސިޔާސަތު ކާމިޔާބުވާނީ، މާލެ ސަރަހައްދަށް މީހުން ގިނަނުކޮށް، އެ ރަށްތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގައި ހިދުމަތްތައް ވަރުގަދަކޮށްގެންނެވެ. ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތަށް މަގުފަހިކުރަން ބޭނުންވާ ނަމަ، މާލެ ސަރަހައްދު މަރުކަޒުކުރުމުގެ ވިސްނުން ދޫކޮށްލަންޖެހެ އެވެ. ރާއްޖެ ފަދަ ކުޑަ އާބާދީ އޮތް ގައުމެއްގައި އެ ސިޔާސަތު ކާމިޔާބު ވާނީ އޭރުންނެވެ.