Advertisement

ފެލިވަރު މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަން ގޮވާލި މައްސަލަ އިލެކްޝަންސްއަށް ހުށަހަޅައިފި

14 އޭޕްރީލް 2024 - 14:07 0

ނިމާ ހަސަން

ނިމާ ހަސަން

އިލެކްޝަންސް ކޮމިޝަނުގެ އެސްޖީ އަދި މެންބަރު ހަސަން ޒަކަރިއްޔާ; ވަޒީފާގެ ބިރުދެއްކި މައްސަލަ ބަލަމުންދާ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު


ފެލިވަރު މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަން ގޮވާލި މައްސަލަ އިލެކްޝަންސްއަށް ހުށަހަޅައިފި

14 އޭޕްރީލް 2024 - 14:07 0

މިފްކޯއިން ހިންގާ ޅ. ފެލިވަރު މަސް ފެކްޓްރީގައި މަސައްކަތް ކުރާ ސިޔާސީ އިދިކޮޅު ފަރާތްތަކުން ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދިނުމަށް މަޖުބޫރު ކުރުވަން ހިންނަވަރު ދާއިރާގައި ބޭއްވި ޕީއެންސީގެ ޖަލްސާއެއްގައި ގޮވައިލި މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލަން ފަށައިފި އެވެ.

އީސީގެ ސެކްރެޓަރީ ޖެނެރަލް އަދި މެންބަރު ހަސަން ޒަކަރިއްޔާ މިއަދު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ އިންތިހާބާ ދިމާކޮށް ވަޒީފާގެ ބިރުދެއްކި އެ މައްސަލަ މިއަދު އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އާންމު ފަރާތަކުން ހުށަހެޅި އެ މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށާއި މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ މައްސަލަތަކުގައި އަމަލު ކުރާ ގޮތަކީ, މައްސަލަ ބެލުމަށްފަހު ސާބިތުވާ ނަމަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައި, ދައުވާ ކުރުމެވެ.

ފެލިވަރު މަސް ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކީ ހުކުރު ދުވަހުގެ ރޭ ހިންނަވަރުގައި ބޭއްވި ޖަލްސާއެއްގަ އެވެ. އެ ދާއިރާއަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރަނީ މުހައްމަދު އަބްދުއްރަހްމާނެވެ.

އެ ޖަލްސާގައި ޕީއެންސީގެ ޕޯޑިއަމްގައި ވާހަކަ ދެއްކެވި އަހުމަދު އަބްދުއްރަހުމާން (ހަންޓާ އަހުމަދު) ބުނީ ފެލިވަރުގައި މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގުޅައިގެން އެއްބާރުލުން ދިނުމަށް އަންގަން ޖެހޭ ކަމަށާއި އެއްބާރުލުން ނުދީފިނަމަ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ވަޒީފާގެ ބިރު ދައްކައިގެން ނޫން ގޮތަކަށް ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރަން އުނދަގޫވާނެ ކަމަށާއި މިނިސްޓަރުގެ އަރިހުން އެދެނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދަންނަވައިގެން ވިޔަސް ފެލިވަރުގައި މަސައްކަތް ކުރާ މީހުން ކޮންޓްރޯލް ކުރެވޭނެ ބާރެއް ކެންޑިޑޭޓަށް ދިނުމަށް ކަމަށް އަހުމަދު އަބްދުއްރަހުމާނު ބުންޏެވެ.

އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހެޅީ, އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މައްސަލަ ނެޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅައިގެން ކުރިއަށް ގެންދަން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ފަހުންނެވެ.

އެ މައްސަލަ އީސީއަށް ހުށަހެޅީ އާންމު ފަރާތަކުން ކަމަށްވާއިރު, މައްސަލަ އީސީއަށް ހުށަހަޅާފައިވާ ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވަނީ ވިދާޅުވެފަ އެވެ.

އަމްރު ވިދާޅުވީ މިފަދަ މައްސަލަތައް ބެލުމަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަށަވަރު ކުރުމާއި ކެނޑިޑޭޓުންގެ ހައްގު ރައްކާތެރި ކުރުމުގެ އިތުރުން އިންތިހާބާ އީސީއާ މެދު ރައްޔިތުންްގެ އިތުބާރު ދެމެހެއްޓުމަށް މުހިއްމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

އެޕްރީލް 21، ގައި ބާއްވާ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ވަޒީފާގެ ބިރު ދައްކަމުންދާތީ އެކަން ބެލުމަށް އިދިކޮޅު އެމްޑީޕީއިން ވެސް ވަނީ ގޮވާލާފަ އެވެ.