Advertisement

ޗެމްޕިއަންސް ލީގުގެ ފުރުސަތު ގެއްލުނު ކަމަށް ގަބޫލެއް ނުކުރަން: ޓެން ހާގް

14 އޭޕްރީލް 2024 - 12:50 0


ޗެމްޕިއަންސް ލީގުގެ ފުރުސަތު ގެއްލުނު ކަމަށް ގަބޫލެއް ނުކުރަން: ޓެން ހާގް

14 އޭޕްރީލް 2024 - 12:50 0

ލަންޑަން (އޭޕްރީލް 14) - ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމުގެ ފުުރުސަތު މެންޗެސްޓާ ޔުނައިޓެޑަށް މިހާރު ގެއްލިފައިވާކަން ގަބޫލު ނުކުރާ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމައުތާއި ޔުނައިޓެޑް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ޔުނައިޓަޑް މި ވަގުތު އޮތީ ތާވަލްގެ ހަތް ވަނައިގަ އެވެ. ޔުނައިޓެޑް އޮތީ ތާވަލްގެ ހަަތަރު ވަނައިގައި އޮތް އެސްޓަން ވިލާ އާއި ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް ވުރެ 10 ޕޮއިންޓް ފަހަތުގަ އެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑަށް ބާކީ ދެން އޮތީ ހަ މެޗެވެ.

ޗެމްޕިއަންސް ލީގުގެ ޖާގައެއް މިހާރު ޔުނައިޓަޑަށް ނުލިބޭނެކަން ގަބޫލުކުރަންތޯ ރޭގެ މެޗަށް ފަހު ނޫސްވެރިޔަކު ސުވާލުކުރުމުން ޓެން ހާގް ބުނީ "އަަހަރެން ތިހެނެއް ނުބުނާނަން،" ކަމަށެވެ.

"އަހަރަމެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް އެބަކުރަން. އެކަމަކު މި ވަގުތު ހާލަތުވެސް ގަބޫލްކުރަންޖެހޭނެ،" ޓެން ހާގް ބުންޏެވެ. "އެންމެ ވަރުގަދަ ސްކޮޑް އޮތްނަމަ އަހަރެންގެ ޔަގީންކަން ބޮޑުވީސް، އެކަމަކު މިހާރު ތިބި ކުޅުންތެރިންނާއެކުވެސް އަހަރަމެން ދުލެއް ނުދޭނަން،"

މި ވަގުތު ޔުނައިޓަޑް ތާވަލްގެ ހަތް ވަނައިގައި އޮތްއިރު، އަށް ވަނަ ނުވަތަ އެ އަށް ވުރެ ދަށް މަގާމެއްގައި ޔުނައިޓެޑް ސީޒަން ނިންމާލައިފިނަމަ، އެވެގެން ދާނީ ޕްރިމިއާ ލީގުގެ ތާރީހުގައިވެސް ޔުނައިޓެޑްގެ އެންމެ ދަށް ސީޒަނަށެވެ.

އެކަމާ ގުޅޭގޮތުން ނޫސްވެރިޔަކު ރޭގެ މެޗަށްފަހު ސުވާލުކުރުމުން ޓެން ހާގް ވަނީ އެ ސުވާލަކަށް ޖަވާބު ނުދީ، ޕްރެސް ކޮންފަރެންސް ދޫކޮށް ގޮސްފަ އެވެ.

"ތި ސުވާލަށް ޖަވާބެއް ނުދޭނަން. މި ވަގުތަށް މުހިންމު ސުވާލެއް ނޫން ތިއީ،" ޓެން ހާގް ބުންޏެވެ.

މި ސީޒަންގައި ޔުނައިޓަޑަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ. ހާއްސަކޮށް އެ ޓީމުގެ ޑިފެންސްލައިންގައެވެ. މިހާރު ވެސް އެ ޓީމުގެ ޑިފެންޑަރުން ކަމަށްވާ ވިކްޓާ ލިންޑެލޮފް އާއި ރަފައެލް ވަރާން އާއި ޖޮނީ އެވަންސްް އަދި ލިސަންދުރޯ މާޓިނޭޒް ހުރީ އަނިޔާގައެވެ.