Advertisement

ޓެން ހާގް ބުނީ ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ ކަމަށް

22 އޭޕްރީލް 2024 - 13:44 0


ޓެން ހާގް ބުނީ ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ ކަމަށް

22 އޭޕްރީލް 2024 - 13:44 0

ލަންޑަން (އޭޕްރީލް 22) - އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކަވެންޓްރީ ސިޓީ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވި މެޗުގައި "ސަލާމަތްވީ ކިރިޔާ" ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޔުނައިޓެޑުން ރޭގެ ސެމީ ފައިނަލުގައި 3-0 އިން ލީޑުނެގި އެވެ. އެކަމަކު، ބާކީ 20 މިނިޓް ތެރޭ ތިން ލަނޑު ޖަހައި، ދެ ވަނަ ޑިވިޝަނުގެ ކަވެންޓްރީން ވަނީ އެއްވަރުކޮށްފަ އެވެ. އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހު ވަގުތުގައި ކަވެންޓްރީން ވަނީ ލަނޑެއް ޖަހައި ލީޑު ވެސް ނަގައިފަ އެވެ. އެކަމަކު، ރެފްރީ ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދައި، އެ ލަނޑު އޮފްސައިޑް ކަމަށް ނިންމައިފަ އެެވެ.

މެޗަށް ފަހު ޓެން ހާގް ބުނީ، މެޗެއްގައި ޓީމަކުން އެންމެ ރަނގަޅަށް ކުޅެފައި އެންމެ ދަށް ލެވަލަށް ވެސް ވެއްޓިދާނެކަން މި މެޗުން ޔުނައިޓެޑަށް ވީ ގޮތުން ސާބިތުވާ ކަމަށެވެ.

"ހަގީގަތަށް ބުނަންޏާ ވަރަށް އާދައިގެ ގޮތަކަށް، ވަރަށް ދަށްކޮށް ދިޔައީ. ސަލާމަތްވީ ހަމަ ކިރިޔާއޭ ބުނެވިދާނެ،" ޓެން ހާގް ބުންޏެވެ.

"އަހަރެމެން އެބަޖެހޭ، ސަމާލުވެގެން ކުޅެން. އަހަރެމެން އެބަޖެހޭ، އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް އެހީވާން، ޓީމަކަށް ވާން އެބަޖެހޭ، އެ ނޫން ގޮތަކަށް ކުރިއަށް ނުދެވޭނެ. މި މެޗުގައި މި ވީ ގޮތަށް ކޮންމެ މެޗެއްގައި ނުވާނެ. މި އަށް ވުރެ ރަނގަޅުވާން ޖެހޭ،"

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޔުނައިޓެޑުން ތިން ގޯލުގެ ލީޑެއް ނެގީ، ސްކޮޓް މެކްޓޮމިނޭ އާއި ހެެރީ މެގުއާ ފުރަތަމަ ހާފުގައި ޖެހި ގޯލުތަކުންނާއި ދެ ވަނަ ހާފުގައި ބްރޫނޯ ފެނާންޑޭސް ޖެހި ލަނޑުންނެވެ. މެޗުގެ 71 ވަނަ މިނިޓްގައި ކަވެންޓްރީގެ ފުރަަތަމަ ލަނޑު ޖެހީ، އެލިސް ސިމްސް އެވެ. އޭގެ، އަށް މިނިޓް ފަހުން، ކަލުމް އޮހާރޭ ވަނީ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. ކަވެންޓްރީން އެއްވަރުކުރީ އިތުރު ވަގުުތުގެ ފަސް ވަނަ މިނިޓްގައި ހާޖީ ރައިޓް ޖެހި ޕެނަލްޓީންނެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފު ނިމެން އުޅެނިކޮށް، ކަވެންޓްރީގެ ވިކްޓާ ޓޯޕް ޖެހި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ޔުނައިޓެޑްގެ ކަސެމީރޯ އަތުން އެ ޓީމުގެ ފުރަތަމަ ޕެނަލްޓީ ނާކާމިޔާބުވި ނަމަވެސް، ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ ވަނީ އޮހާރޭގެ ޕެނަލްޓީ ހުއްޓުވައި، ބެން ޝީފްގެ ޕެނަލްޓީ ކާމިޔާބުވިޔަ ނުދީފަ އެވެ. ޔުނައިޓެޑް މޮޅުވި ޕެނަލްޓީ ޖެހީ ރަސްމުސް ހޮއިލުންޑް އެވެ.

އަންނަ މަހު 25 ގައި އެފްއޭ ކަޕް ފައިނަލުގައި ޔުނައިޓެޑް ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ އެެވެ.