Advertisement

ރާއްޖޭގެ އީއީޒެޑު ބުޑުގައި އުޅަނދެއް އޮއްވައި، ޗައިނާގެ އިތުރު ރިސާޗު އުޅަނދެއް އިންޑިއާ ކަނޑަށް

14 އޭޕްރީލް 2024 - 21:58 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: ރައްޔާން މުހައްމަދު / އަދަދު


ރާއްޖޭގެ އީއީޒެޑު ބުޑުގައި އުޅަނދެއް އޮއްވައި، ޗައިނާގެ އިތުރު ރިސާޗު އުޅަނދެއް އިންޑިއާ ކަނޑަށް

14 އޭޕްރީލް 2024 - 21:58 0

ޗައިނާގެ އެންމެ ވަރުގަދަ ރިސާޗު އުޅަނދު ރާއްޖޭގެ އީއީޒެޑު ބުޑުގައި މަހެއްހާ ދުވަސް ދުއްވައި، ތިލަފުށީގައި ބަނދަރުކުރުމަށްފަހު އެނބުރި އީއީޒެޑު ބުޑަށް ގޮސްފައިވަނިކޮށް، އެ ގައުމު އިތުރު ރިސާޗު އުޅަނދެއް އިންޑިއާ ކަނޑަށް އައިސް ހަރަކާތްތެރިވާން ފަށައިފި އެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗައިނާގެ ކަނޑުގެ ދިރާސާ ކުރާ އުޅަނދެއް ކަމަށްވާ ޝިއެން ޔެން ހޮން 1، ޗައިނާ ކަނޑަށް ވަނީ މިދިޔަ މާޗް މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގަ އެވެ. އެގޮތުން އެ އުޅަނދު އޭރު ވަނީ ބޭ އޮފް ބެންގާލަށް ވަދެ، އެ ސަރަހައްދުގައި ދަތުރުކޮށްފަ އެވެ.

އޭރުން ފެށިގެން މި އުޅަނދު ދަނީ އިންޑިއާ ކަނޑުގައި ދުއްވަމުންނެވެ. މިހާރު ވެސް އޮތީ އިންޑިއާ ކަނޑުގަ އެވެ.

ސެޓްލައިޓު އޭއައިއެސް ޓްރެކިން ބޭނުންކޮށްގެން "އަދަދު" އިން އިތުރަށް ހޯދި ހޯދުމުން ފެންނަ ގޮތުގައި ޗައިނާގެ އެ އުޅަނދު މިހާރު ވެސް އޮތީ އިންޑިއާ ކަނޑުގެ އިރުމަތީގަ އެވެ. މިދިޔަ މާޗް 18، ގައި މި އުޅަނދު ވަނީ ރާއްޖޭގެ އީއީޒެޑާ 100 އެއްހާ މޭލު ބޭރުން ދަތުރުކޮށްފަ އެވެ.

އިންޑިއާ ކަނޑުގައި ހަރަކާތްތެރިވަމުންދާ ޗައިނާގެ ރިސާޗު ދެ އުޅަނދު ދަތުރުކޮށްފައިވާ ގޮތް - ފޮޓޯ: ވެސަލް ޓްރެކާ


ރާއްޖޭގައި ބަނދަރުކުރި ޗައިނާގެ ޝިއެން ޔެން ހޮން 3، މިހާރު ވެސް އޮތީ ރާއްޖޭގެ އީއީޒެޑު ބުޑުގަ އެވެ. މި އުޅަނދު ރާއްޖޭގެ އީއީޒެޑު ކައިރިއަށް އެންމެ ފުރަތަމަ އައީ ޖެނުއަރީ 21، ގަ އެވެ. އޭގެ މަހެއް ފަހުން އެ އުޅަނދު ވަނީ ރާއްޖޭގައި ބަނދަރު ވެސް ކޮށްފަ އެވެ.

އެ މުއްދަތުގެ ތެރޭގައި، ޗައިނާގެ އުޅަނދުން ވަނީ ރާއްޖޭގެ އީއީޒެޑުގެ ތެރެއަށް އެތައް ފަހަރެއްގެ މަތިން ވަދެފަ އެވެ. އަދި ކޮންޓިނެންޓަލް ޝެލްފު މައްސަލާގައި ރާއްޖެއިން ހޯދަން ވަކާލާތުކުރާ ބައިގެ 100 އެއްހާ މޭލު އެތެރެއަށް ވެސް ޗައިނާގެ މި އުޅަނދު ވަދެ، ދުއްވާފައިވެ އެވެ.

ޝިއެން ޔެން ހޮން 1 ގެ ގާބިލުކަމާއި ތަފުސީލުތައް

ގާތްގަނޑަކަށް 100 މީޓަރުގެ އެ އުޅަނދަކީ ޗައިނާގެ ސަރުކާރަށް ނިސްބަތްވާ ފަސްޓް އިންސްޓިއުޓް އޮފް އޯޝަންގްރަފީ (އެފްއީއޯ) ގެ ފްލީޓަށް 2016 ގައި އިތުރުކުރި އުޅަނދެކެވެ. މި އުޅަނދަކީ 4،800 ޓަނުގެ އުޅަނދެކެވެ.

އެފްއީއޯގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އުޅަނދަކީ ޗައިނާގެ ސަރުކާރުން ކަނޑުގެ ދިރާސާތަކަށް މިހާރު ބޭނުންކުރަމުންދާ އުޅަނދުތަކުގެ ތެރެއިން އެންމެ އެޑްވާންސް އެއް އުޅަނދެވެ.

މެދުނުކެނޑި 15،000 މޭލު ދުއްވޭ މި އުޅަނދަކީ ކަނޑު އަޑީގެ ދިރާސާތައް ކުރުމަށް އަދި ކަނޑުގެ ތަހުލީލުތައް ކުރުމަށް ބޭނުންކުރާ އުޅަނދެކެވެ. އަދި އާ އީޖާދުތައް ޓެސްޓުކުރުމަށް ވެސް އެ އުޅަނދު ބޭނުންކުރާ ކަމަށް ޗައިނާއިން ބުނެފައިވެ އެވެ.

މީގެ އިތުރުން، ކަނޑުގެ ލޮނުގަނޑުގެ ދިރާސާތަކާއި މައިކްރޯބިއަލް ޖެނެޓިކްގެ ދިރާސާތައް، ކަނޑު އަޑިން މައުދަން ހޯދުން، އަދި ކަނޑު އަޑީގެ ދިރުންތަކާއި ވެށީގެ ދިރާސާތަކަށް ވެސް މި އުޅަނދު ބޭނުންކުރެވޭނެ އެވެ.

މި އުޅަނދުގައި ކަނޑު އަޑީގެ ސަރަހައްދުތައް ކުރެހުމާއި ދިރާސާ ކުރަން ދޫކުރާ ބޮއިތަކެއް ނުވަތަ ކޮންޓްރޯލް ކުރެވޭ ކަނޑުއަޑީގެ ޑްރޯންތަކެއް ވެސް ހުރެ އެވެ. މިއީ ވަގުތުން ވަގުތަށް ޗައިނާގެ އެއްގަމަށް ސެޓެލައިޓް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދޭނެ ބޮއިތަކެކެވެ.

ބޭރުގެ މީޑިއާތަކުން ތުހުމަތުކުރާ ގޮތުގައި ޝިއެން ޔެން ހޮން 1 އިން ދަނީ އިންޑިއާ ކަނޑަށް މިފަދަ ބޮއެތައް ދޫކޮށް ދިރާސާ ކުރަމުންނެވެ.

މަދަނީ ބޭނުމަށް އެއްކުރާ މައުލޫމާތު އަސްކަރީ ބޭނުމަށް ބޭނުންކުރާ ކަމުގެ ތުހުމަތު

ދުނިޔޭގެ ކަނޑުތައް ދިރާސާކޮށް މައުލޫމާތު އެއްކުރުމަކީ ހަމައެކަނި ޗައިނާއިން ކުރާ ކަމެއް ނޫނެވެ. މޫސުމީ ބަދަލުތަކާއި, ކަނޑުގެ ދިރުންތަކާއި, ޖިއޮލޮޖީ އަދި މައުދަންތައް ހޯދުމަށް ދުނިޔޭގެ ޑަޒަނަކަށް ވުރެ ގިނަ ގައުމުން ދަނީ ދިރާސާ ކުރަމުންނެވެ.

ކަނޑުގެ ދިރާސާތައް ޗައިނާއިން ކުރިއަށްގެންދާތީ ކަންބޮޑުވަނީ އެ ގައުމުން މަދަނީ ބޭނުމަށް ކުރާ ދިރާސާ އާއި އަސްކަރީ ދިރާސާތަކާ ދެމެދު އޮންނަ ތަފާތު ނޭނގޭތީ ކަމަށް ދިރާސާތަކުގެ މައްޗަށް ބިނާކޮށް އިސްތިރާޖީ ލަފާ އަރުވާ އެމެރިކާގެ އެންމެ ބޮޑު އެއް ތިންކް ޓޭންކް ކަމަށްވާ ސެންޓާ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީސް (ސީއެސްއައިއެސް) އިން ބުނެފައިވެ އެވެ.

މީގެ ތެރެއިން ގިނަ އަދަދެއްގެ އުޅަނދުތައް އޮޕަރޭޓް ކުރަމުންދަނީ ޗައިނާގެ އަސްކަރިއްޔާ އާ ގާތް ގުޅުމެއް އޮންނަ އެ ގައުމުގެ ސަރުކާރުގެ އިދާރާތަކުންނެވެ. މީގެ ތެރެއިން ބައެއް އުޅަނދުތަކަކީ މަދަނީ ބޭނުންތަކަށް ބޭނުންކުރަން ފެށުމުގެ ކުރިން ޗައިނާގެ އަސްކަރިއްޔާއިން ކުރިން ބޭނުންކުރި އުޅަނދުތަކެވެ.

ޗައިނާގެ އުޅަނދު ޝިއެން ޔެން ހޮން 3 މާލޭގައި ބަނދަރުކޮށްފައި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އޭގެ އިތުރުން މި އުޅަނދުތަކުން ޗައިނާގެ އަސްކަރިއްޔާގެ ބަނދަރުތަކުގައި ބަނދަރުކުރާކަން ވެސް ވަނީ އެނގިފަ އެވެ. މިފަދަ ޕޯޓް ކޯލްތަކުގައި ބޯޓުތަކުން ޓްރެކިން ސިސްޓަމްތައް ނިއްވާލިކަން ވެސް ވަނީ ފާހަގަވެފަ އެވެ.

ބައެއް އުޅަނދުތަކުން ހުއްދަ ހޯދުމެއް ނެތި ގައުމުތަކުގެ އީއީޒެޑު ތެރެއަށް ވަދެ ދިރާސާކުރިކަން ވެސް ރިޕޯޓުކޮށްފައިވެ އެވެ. ޗައިނާގެ ރިސާޗު އުޅަނދުތައް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަަރަކާތްތެރިވުމާ ދެކޮޅަށް އެންމެ ބޮޑަށް ބަސް ބުނަނީ އިންޑިއާއިންނެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އިންޑިއާގެ އިތުރުން، ޗައިނާގެ ރިސާޗު އުޅަނދުތައް ވަނުން ލަންކާގެ ސަރުކާރުން ވެސް ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް މަނާކޮށްފަ އެވެ. ލަންކާ ސަރުކާރުން މިގޮތަށް ނިންމީ އިންޑިއާއިން ޕްރެޝަރުކޮށްގެން ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.