Advertisement

ދެވަނަ ބެޗުގެ ގޮތުގައި ފުރާފައިވަނީ ޑޯނިއާ ދުއްވި އިންޑިއާ ސިފައިން، "މަދަނީން" މިހާރު ތިބީ ހަނިމާދޫގައި

14 އޭޕްރީލް 2024 - 10:58 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިންޑިއާއިން ހަދިޔާކުރި ޑޯނިއާ އުޅަނދު : ދެވަނަ ބެޗުގެ ގޮތުގައި ފުރާފައިވަނީ ޑޯނިއާ ދުއްވި ސިފައިން - ފޮޓޯ: އެމްއެންޑީއެފް


ދެވަނަ ބެޗުގެ ގޮތުގައި ފުރާފައިވަނީ ޑޯނިއާ ދުއްވި އިންޑިއާ ސިފައިން، "މަދަނީން" މިހާރު ތިބީ ހަނިމާދޫގައި

14 އޭޕްރީލް 2024 - 10:58 0

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން ރާއްޖޭ ދޫކުރާ ދެވަނަ ބެޗުގެ މި މަހު ނުވައެއްގައި ފުރާފައިވަނީ އެ ގައުމުން ހަދިޔާކޮށްފައި އޮންނަ ޑޯނިއާ މަތިންދާ ބޯޓު ދުއްވާ ސިފައިންކަން އިނގިއްޖެ އެވެ.

ދެވަނަ ބެޗުގެ ސިފައިން ރާއްޖެ ދޫކުރިކަން އެންމެ ފުރަތަމަ ހާމަކުރެއްވީ، ހުކުރު ދުވަހުގެ ރޭ އައްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

"ފުރަތަމަ ޓީމު ފައިބާފަ ވަނީ، މިހާރު، އާދެ 9 އެޕްރީލްގައި ވަނީ ދެވަނަ ޕްލެޓްފޯމުގަ ތިބި ސިފައިން އަނބުރާ ގެންގޮސްފަ، ފައިބާފަ ވަނީ،"

ރައީސް ވިދާޅުވީ ފަހު ޕްލެޓްފޯމުގަ ތިބި އިންޑިއާ ސިފައިން ވެސް އަންނަ މަހުގެ 10 ގެ ކުރިން ފައިބާނެ ކަމަށާއި އެ ހިސާބުން ބޭރުގެ ސިފައިން ބޭލުމުގެ ވައުދު ފުދުނީ ކަމަށެވެ.

އިތުބާރުހުރި މަސްދަރަކުން "އަދަދު" އަށް ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި ނުވައެއްގައި ފުރާފައިވަނީ ހަނިމާދޫގައި ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓުކުރަން ތިބި އިންޑިއާ ސިފައިންނެވެ. އަދި އެ މީހުންގެ ބަދަލުގައި ގެނައި މަދަނީން ނުވަތަ ޓެކްނިކަލް މީހުން މިހާރު ހަނިމާދޫއަށް އައިސްފައިވާ ކަމަށްވެސް އެ ފަރާތުން ބުންޏެވެ.

މިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުން މިހާތަނަށް ރަސްމީ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

މި ސަރުކާރުން ހާމަކުރި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ރަސްމީ އަދަދަކީ 88 އެވެ.

އޭގެ ތެރޭގައި ހިމެނެނީ އައްޑޫ އަދި ލ. ކައްދޫގައި އޮންނަ އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ހަނިމާދޫގައި އޮންނަ އެ ގައުމުގެ ޑޯނިއާ އުޅަނދު އޮޕަރޭޓުކުރަން ތިބި ސިފައިންގެ އިތުރުން ސެނަހިޔާ ހޮސްޕިޓަލުގައި ތިބި މިލިޓަރީ ޑޮކްޓަރުންނެވެ.

މީގެ ތެރެއިން އައްޑޫގައި ތިބި އިންޑިއާ ސިފައިންގެ 26 މީހުން ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވަނީ މާޗު 11، 2024 ގަ އެވެ. އެ މީހުން ފުރާފައި ވަނީ ބަދަލުގައި އައި އިންޑިއާގެ މަދަނީންގެ 26 މީހުންނާ ހެލިކޮޕްޓަރު ދުއްވުން ހަވާލުކުރުމަށްފަހު އެވެ.

މަދަނީންނާއެކު އިންޑިއާއިން ވަނީ އައްޑޫގައި އޮތް ހެލިކޮޕްޓަރުގެ ބަދަލުގައި އާ ހެލިކޮޕްޓަރެއް ވެސް ފޮނުވާފަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުން ވަނީ ގޯސްވެފަ އެވެ. އޭގެ ބަދަލުގައި ސަރުކާރުން އަންނަނީ ޗައިނާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ.