Advertisement

ސިޓީ އެއް ވަނަ އަށް، ޔުނައިޓެޑް އެއްވަރު

14 އޭޕްރީލް 2024 - 08:52 0


ސިޓީ އެއް ވަނަ އަށް، ޔުނައިޓެޑް އެއްވަރު

14 އޭޕްރީލް 2024 - 08:52 0

މެންޗެސްޓާ (އޭޕްރީލް 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލޫޓަން ޓައުން އަތުން 5-1 އިން މޮޅުވެ، މެންޗެސްޓާ ސިޓީ ލީގުގެ އެއް ވަނަ އަށް ޖެހިލިއިރު، ބޯންމައުތާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.

ސިޓީ އެއް ވަނަ އަށް އެރީ 32 މެޗުން 73 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އާސެނަލަށް ވަނީ 31 މެޗުން 71 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ލިވަޕޫލް އޮތީ 31 މެޗުން 71 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލުން މިރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ކުޅޭއިރު، އާސެނަލް އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ އެސްޓަން ވިލާއާ އެވެ.

ރޭ ސިޓީން ލީޑުނެގީ، 65 ވަނަ ސިކުންތުގައި ލޫޓަންގެ ޑައިކީ ހަޝިއޯކާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

ސިޓީން ލީޑުފުޅާކުރީ 64 ވަނަ މިނިޓްގައި މަޓެއޯ ކޮވަސިޗް ޖެހި ގޯލުންނެވެ. އަދި އޭގެ ދިހަ މިނިޓް ފަހުން، އާލިން ބްރައުޓް ހާލަންޑް ޖެހި ޕެނަލްޓީން ސިޓީން އިތުރަށް ލީޑުފުޅާކުރި އެވެ، މެޗުގެ 81 ވަނަ މިނިޓްގައި ރޮސް ބާކްލީ ލޫޓަން އަށް ގޯލެއް ޖަހައިދިންއިރު، އޭގެ ފަހުން ސިޓީން އިތުރު ދެ ގޯލު ޖެހި އެވެ. މި ލަނޑުތައް ޖެހީ ޖެރެމީ ޑޮކޫ އާއި ޖޮސްކޯ ގްވާޑިއޯލް އެވެ.

މިއީ މި ސީޒަނުގައި ސިޓީން ރޮޑްރީ ނުލައި، ލީގު މެޗެއްގައި މޮޅެއް ހޯދި ފުރަތަމަ ފަހަރެވެ.

ޔުނައިޓެޑުން ރޭ ޖެހުނީ ދެ ފަހަރު ވެސް ފަހަތުން އަރައި ބޯންމައުތާ އެއްވަރުކުރާށެވެ. އެ ގޮތުން، ޑޮމިނިކް ސޮލާންކޭ ބޯންމައުތަށް ލީޑުނަގައިދީފައިވަނިކޮށް، ބްރޫނޯ ފެނާންޑޭސް ވަނީ އޭރިއާތެރެއިން ލަނޑެއް ޖަހައި އެއްވަރުކޮށްފަ އެވެ. ޖަސްޓިން ކްލައިވަޓް ބޯންމައުތަށް އަލުން ލީޑުނަގައިދީފައިވަނިކޮށް، ފެނާންޑޭސް ވަނީ ޕެނަލްޓީ އަކުން ޔުނައިޓެޑަށް އެއްވަރުކޮށްދީފަ އެވެ.

ލީގުގައި މޮޅެއް ނުލިބި ހަތަރު ވަނަ މެޗެއް ނިންމާލަން ޖެހުނު ޔުނައިޓެޑް އޮތީ 32 މެޗުން 50 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. ހަ ވަނަ އަށް އެރީ ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 4-0 އިން މޮޅުވި ނިއުކާސަލް ޔުނައިޓެޑް އެވެ. ނިއުކާސަލް އަށް ވެސް ވަނީ 32 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ. ޓޮޓެންހަމް ކޮޅަށް ނިއުކާސަލްގެ ގޯލުތައް ޖަހައިދިނީ އަލެކްސަންޑަ އިސާކް ދެ ގޯލާއި އެންތަނީ ގޯޑަން އަދި ފަބިއަން ޝެއާ އެވެ.