Advertisement

އާސެނަލް އަދިވެސް އެއް ވަނައިގައި، ސިޓީ ފަހަތުގައި ވިއްދާފައި

29 އޭޕްރީލް 2024 - 09:38 0


އާސެނަލް އަދިވެސް އެއް ވަނައިގައި، ސިޓީ ފަހަތުގައި ވިއްދާފައި

29 އޭޕްރީލް 2024 - 09:38 0

ލަންޑަން (އޭޕްރީލް 29) - ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-2 އިން މޮޅުވެ، އާސެނަލުން ލީގުގެ އެއް ވަނަ މަގާމު ދެމެހެއްޓިއިރު، ނޮޓިންހަމް ފޮރެސްޓްގެ މައްޗަށް 2-0 އިން ކުރިހޯދައި މެންޗެސްޓާ ސިޓީން ވެސް ރޭހުގައި ދެމި އޮތުމަށް މުހިންމު މޮޅެއް ހޯދައިފި އެވެ.

ލީގުގެ އެއް ވަނައިގައި އާސެނަލް އޮތީ، 35 މެޗުން 80 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 34 މެޗުން 79 ޕޮއިންޓް ލިބިފަ އެވެ. ސިޓީ އަށް އަދިވެސް ލީގު ހޯދުމުގެ އަމިއްލަ ބާރު އެބައޮތެވެ. ތިން ވަނައިގައި އޮތް ލިވަޕޫލަށް 35 މެޗުން 75 ޕޮއިިންޓް ލިބިފައިވާއިރު، އެ ޓީމަށް ލީގު ހޯދުމުގެ ފުރުސަތު ވަނީ ވަރަށް ހަނިވެފަ އެވެ.

ޓޮޓެންހަމް ދަނޑުގައި ކުޅުނު ނަމަވެސް އާސެނަލުން ވަނީ 38 މިނިޓް ތެރޭ ތިން ލަނޑުގެ ލީޑެއް ނަގައިފަ އެވެ. އެ ގޮތުން، 15 ވަނަ މިނިޓްގައި އާސެނަލުން ޖެހި ފުރަތަމަ ލަނޑަކީ ބުކާޔޯ ސަކާ ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ޕިއޭ އެމީލް ހޮއިބިއާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ކައުންޓަ އެޓޭކެއްގައި މެޗުގެ 27 ވަނަ މިނިޓްގައި ސަކާ ވަނީ ލަނޑެއް ޖަހައި، އާސެނަލްގެ ލީޑުފުޅާކޮށްދީފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 38 ވަނަ މިނިޓްގައި، ކައި ހަވާޓްޒް ވަނީ އާސެނަލަށް ތިން ވަނަ ލަނޑެއް ޖަހައިދީފަ އެވެ.

ދެ ވަނަ ހާފަށް ކުޅެން ނުކުމެ، ޓޮޓެންހަމް އިން ކޮންމެ ވެސް ވަރަކަށް ކުޅުން ރަނގަޅުކުރި އެވެ. ނަތީޖާ އަކަށްވީ މެޗުގެ 64 ވަނަ މިނިޓްގައި އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ހެދި ގޯހެއްގެ ފައިދާނަގައި، ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމޭރޯ ގޯލެއް ޖެހުމެވެ. އަދި މެޗުގެ 87 ވަނަ މިނިޓްގައި ސޮން ހެއުން މިން ވަނީ ޕެނަލްޓީ އަކުން ޓޮޓެންހަމްގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، އާސެނަލްގެ ޑެކްލަން ރައިސް، އެ ޓީމުގެ އޭރިއާތެރެއިން ޓޮޓެންހަމްގެ ބެން ޑޭވިސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެެކެވެ.

އިތުރު ގޯލެއް ޖަހައި އެއްވަރުކުރަން ޓޮޓެންހަމް ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރަމުން އަންނަ ނޮޓިންހަމް ފޮރެސްޓް ކޮޅަށް ސިޓީން ކުރިހޯދީ ކޮންމެ ހާފެއްގައި ގޯލެއް ޖަަހައިގެންނެވެ. އެ ގޮތުން، ސިޓީގެ ފުރަތަމަ ލަނޑު ޖެހީ، 32 ވަނަ މިނިޓްގައި ޖޮސްކޯ ގްވާޑިއޯލް އެވެ. އަދި ދެ ވަނަ ހާފުގައި ލަނޑު ޖެހީ، ބަދަލަކަށް ކުޅެން އެރި އާލިން ހާލަންޑް އެވެ. ދެ ލަނޑަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ކެވިން ޑި ބްރޭނާ އެވެ.

ނޮޓިންހަމް ފޮރެސްޓްގެ ފޯވާޑް، ކްރިސް ވުޑް އާއި އެންތަނީ އެލަންގާ އަދި ކަލުމް ހަޑްސަން-އޮޑޯއި އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް މި މެޗުގައި ލިބިގެންދިޔަ އެވެ.

ލީގުގައި ރޭ ބޯންމައުތުން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ބްރައިޓަން ބަލިކޮށްފަ އެވެ.