Advertisement

ޔާމީނުގެ ޝަރީއަތް ލަސްވާ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފި

13 އޭޕްރީލް 2024 - 19:50 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ކުރީގެ ރައީސް ޔާމީން ޕީޕީއެމްގެ ލީޑަރަކަށް ހުންނެވިއިރު އެ ޕާޓީގެ ޖަލްސާއެއްގައި. -- ފޮޓޯ: އަދަދު


ޔާމީނުގެ ޝަރީއަތް ލަސްވާ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފި

13 އޭޕްރީލް 2024 - 19:50 0

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިސްތިއުނާފު މައްސަލައިގައި ހުކުމް އިއްވުން ލަސްވަމުން ދަނީ ނުފޫޒެއް އޮވެގެން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ނުހިފެހެއްޓިގެންތޯ ބަލައި ދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނަވާ މުހައްމަދު އަސްލަމް އެ ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފި އެވެ.

އެ މައްސަލަ ހުށަހަޅުއްވާނެކަމަށް، ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ހިތަދޫ އުތުރު ދާއިރާއަށް ވާހަކަ ކުރައްވާ އަސްލަމް ވިދާޅުވީ، އިންތިހާބުގައި އައްޑޫ ސިޓީގެ ދާއިރާތަކަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއިދު ހޯދަން އެ ސިޓީގައި ރޭ ބޭއްވި ޖަލްސާގަ އެވެ.

"ރައީސް ޔާމީނުގެ ޝަރީއަތް ލަސްވެގެންދާ ސަބަބު ޖޭއެސްސީއިން ބެލުމަށްޓަކާ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގަ އަޅުގަނޑު އިންނާތީ، މާދަމާ އެ މައްސަލަ އަޅުގަނޑު ލާނަމޭ، ބަލުވާނަން އެ މައްސަލަ ޖޭއެސްސީއިން" އަސްލަމް ވިދާޅުވި އެވެ.

ޖޭއެސްސީ އަށް މިއަދު ހުށަހެޅުއްވި އެ މައްސަލައިގެ ލިޔުމުގައި ވިދާޅުވެފައި ވަނީ "ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ނިމި ހަތަރު މަސް ވީއިރު ވެސް، ހުކުމް ނީއްވި ލަސްވަމުން ދާތީ، މިހެން މިދިމާވަނީ، ފަނޑިޔާރުންގެ މައްޗަށް އެއްވެސް ކަހަލަ ނުފޫޒެއް އޮވެގެން، ސުލޫކީ މިންގަނޑު ނުހިފެހެއްޓިގެންތޯ ޖޭއެސްސީ އިން ބައްލަވައި ދެއްވުމަށް ހުށަހަޅަން" ކަމަށެވެ.

މި މައްސަލަ ލިބިފައިވާ ކަމަށް ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އާމިނަތު ނަދާ ވިދާޅުވި އެވެ.

އެ ކޮމިޝަންގެ ބައްދަލުވުމަށް އެ މައްސަލަ އެޖެންޑާ ކުރާނީ، މައްސަލަ ބަލާ ކޮމިޓީން ރިވިއު ކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހައި ކޯޓުގައި ޔާމީނުގެ އިސްތިއުނާފީ ޝަރީއަތުގައި، އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ނޮވެމްބަރު 21، 2023 ގަ އެވެ. އެ ދުވަހު ކުރިއަށް ގެންދިޔައީ މައްސަލައިގެ ފަހު ބަސް އިއްވުމެވެ. ދެން އޮންނާނީ ހުކުމް އިއްވުމެވެ.

ޔާމީންގެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންނަކީ މުހައްމަދު ސަލީމް، ހުޒައިފާ މުހައްމަދު އަދި ހަސަން ޝަފީއު އެވެ.