Advertisement

ވަޒީފާގެ ބިރު ދައްކާ މައްސަލަ އީސީން ބަލައި، ފިޔަވަޅު އަޅަން އެމްޑީޕީން ގޮވާލައިފި

13 އޭޕްރީލް 2024 - 18:22 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީގެ ދިދަފަތިތަކެއް މާލޭގައި ދަމާފައި: އެ ޕާޓީން ވަނީ ވަޒީފާގެ ބިރު ދައްކާ މައްސަލަ ބަލަން އީސީއަށް ގޮވާލާފައި -- ފޯޓޯ؛ އަބްދުﷲ އިޔާން


ވަޒީފާގެ ބިރު ދައްކާ މައްސަލަ އީސީން ބަލައި، ފިޔަވަޅު އަޅަން އެމްޑީޕީން ގޮވާލައިފި

13 އޭޕްރީލް 2024 - 18:22 0

އެޕްރިލް، 21 ގައި ބާއްވާ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީއިން ދަނީ ވަޒީފާގެ ބިރު ދައްކަމުންދާތީ އެކަން ބެލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޕީޕީއެމް/ޕީއެންސީން ދަނީ ވަރަށް ފާޅުކަން ބޮޑުކޮށް ފުޅާދާއިރާއެއްގައި ވަޒީފާގެ ބިރުދައްކާ އަދި ސަރުކާރުގެ ކުންފުނިތަކަށް އޮފީސްތަކަށް މުވައްޒަފުން ނެގުންވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޫކޮށްލުމަށް ގޮވާލަމުން ކަމަށެވެ.

ސަރުކާރުން ހިންގާ މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެމްޑީޕީން ބުނީ މަޖިލިސް އިންތިހާބުގައި ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާއެއްގައި އެގޮތަށް ވާހަކަ ދައްކާފައިވާތީ، އެ މައްސަލަ ސީރިއަސްކޮށް ބަލައިދޭން އީސީއަށް ގޮވާލާ ކަމަށެވެ.

"މި އިންތިހާބުގެ ކެމްޕެއިންގައި ސަރުކާރުން ދަނީ ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ނުދޭ މީހުން ނުހައްގުން ވަޒީފާތަކުން ވަކިކޮށް ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ދޭނެ މީހުންނަށް ވަޒީފާތަކަށް ނަގަމުން. ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ދެއްކި ވާހަކައިން މިކަން ސަރުކާރުން ހިންގާ ގޮތް އެއޮތީ ވަރަށް ސާފުކޮށް ކިޔައިދީފައި" އެމްޑީޕީން ބުނެ އެވެ.

ސަރުކާރުން ދަނީ ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ވަރަށް ފާޅުގައި ނަހަމަކޮށް ބޭނުންކުރަމުން ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީން ބުނީ އެކަމުން ވެސް އެނގިގެނީ ސަރުކާރުން ރައްޔިތުންނަށް ހެދި ދޮގާއި އޮޅުވާލުންތައް ފަޅާއަރައި، ރައްޔިތުން އެކަމާ ދެކޮޅަށް މި އިންތިހާބުގައި ވޯޓު ދޭނެތީ ރައްޔިތުންނަށް ބިރު ދެއްކުމަށް ކުރާ ކަމެއް ގޮތުގައި ކަމަށެވެ.

ރައްޔިތުންގެ ވޯޓު ހޯދުމަށް އެ މީހުންނަށް ވަޒީފާގެ ބިރު ނުދެއްކުމަށާއި، އަދި އީސީން މިކަން ބަލައި ވީހާވެސް އަވަހަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.