Advertisement

ފެކްޓު ޗެކް: އައްޑުއަށް ކެތު ލެބެއްގެ ވައުދުވިއިރު، ކުރީގެ ސަރުކާރުން އޮތީ އެ މަސައްކަތް ނިންމާފައި!

13 އޭޕްރީލް 2024 - 16:54 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކެތު ލެބް


ފެކްޓު ޗެކް: އައްޑުއަށް ކެތު ލެބެއްގެ ވައުދުވިއިރު، ކުރީގެ ސަރުކާރުން އޮތީ އެ މަސައްކަތް ނިންމާފައި!

13 އޭޕްރީލް 2024 - 16:54 1

މާލެއާ އެއްފެންވަރެއްގައި އައްޑޫ ސިޓީ ތަރައްގީ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުތަކުގެ ހަނދާން އައްޑޫގައި ރޭ ބޭއްވި ކެމްޕޭނު އިވެންޓުގައި އެ މަނިކުފާނު އާކޮށްލެއްވި އެވެ،

މާލެ ފިޔަވައި އާބާދި އެންމެ ބޮޑު ސިޓީގައި އަޅަން ރާވާފައިވާ ބުރިޖާއި އެއާޕޯޓު ތަރައްގީ ކުރުމާއި އައްސޭރި ޓޫރިޒަމްގެ ބޮޑު މަޝްރޫއަށް ފަހު ރައީސް ދެން ފާހަގަ ކުރެއްވީ ސިއްހީ ދާއިރާއިން އައްޑޫއަށް ގެނެސްދޭނެ ކުރިއެރުމުގެ ވާހަކަ އެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލު (އޭއީއެޗް) ގައި ކެތު ލެބެއް ގާއިމުކުރުން ވެސް ހިމެނުއްވި އެވެ.

"އެންމެ މަތީ ފެންވަރުގެ ހުރިހާ ހިދުމަތެއް ލިބޭ ހޮސްޕިޓަލަކަށް ހަދާ ވާހަކަ އަޅުގަނޑު ވައުދުވީ، މި ހިތަދޫ ހޮސްޕިޓަލު، އެހެންވީމަ މި ހޮސްޕިޓަލަށް ބޭނުންވާނެ ވަރަށް ގިނަ އެކްސްޕޭންޝަން އަދި، މިވަގުތަށް އަޅުގަނޑުމެން މިހާރު، އަޅުގަނޑު ވައުދުވި ބައެއް ކަންކަމުގެ ތެރޭގަ ހިމެނޭ ކަންކަން، ކެތު ލެބު، ކެތު ލެބު ގާއިމުކުރުމާ އެކީގަ، އަދި ވޯޑު ފެސިލިޓީ އިތުރަށް އެކްސްޕޭންޑް ކުރުމާ އެކީގަ މިހާރު ދޭ ޑައިލަސިސް ފުޅާ ކުރުމާއި، އެކި ކަހަލަ ތެރަޕީތައް ހިމެނޭ، މި ދެންނެވި ހުރިހާ ކަމެއް ހިމެނޭ ޕްރޮޖެކްޓެއް ވަރަށް އަވަހަށް ފެށޭނެ"

ރައީސް ވިދާޅުވީ މި މަޝްރޫއާ އެކު އެ ހިދުމަތްތައް ހޯދަން އައްޑޫގެ ރައްޔިތުން މާލެ ދިއުން ނިމުމަކަށް އަންނާނެ ކަމަށެވެ.

ކެތު ލެބްގެ ހުރީ އޮކްޓޯބަރު މަހު ނިމިފަ

އައްޑޫ ހޮސްޕިޓަލުގައި ކެތު ލެބެއް ގާއިމުކުރުމަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ މަޝްރޫއެކެވެ. އޭއީއެޗުގެ ރަސްމީ އެކްސް އެކައުންޓުގެ ޕޯސްޓުތަކުން މިހާރުވެސް ފެންނަން ހުރި ގޮތުގައި ކެތު ލެބް ގާއިމުކުރާ ތަން ސާފުކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާފައިވަނީ ސެޕްޓެމްބަރު 29، 2023 ގަ އެވެ.

އޭގެ ފަހުން އެ ހޮސްޕިޓަލުން އޮކްޓޯބަރު 9، ގައި ކޮށްފައިވާ ޕޯސްޓެއްގައި، ކެތު ލެބްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އެ ހޮސްޕިޓަލުގެ ކުރީގެ ސީއީއޯ ޑރ. ސޯލިހު ބައްލަވާލައްވާ ތަން ފެނެ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އޭރު ވެސް ކެތު ލެބްގެ ސާމާނު ދިޔައީ އިންސްޓޯލް ކުރަމުންނެވެ.

ކެތު ލެބްގެ މަސައްކަތްތައް އެއްކޮށް ނިމުނުކަން ހާމަކުރީ އޮކްޓޯބަރު 17، 2023 ގައި ކޮށްފައިވާ ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައިވާ ގޮތުން ކެތު ލެބު އިންސްޓޯލް ކުރުމާއި އިކުއިޕްމަންޓު ޓެސްޓުކުރުމުގެ އިތުރުން ކެލިބްރޭޓް ކުރުމުގެ މަސައްކަތްތައް ވެސް ހުރީ ނިންމައިފަ އެވެ. އޭރު ކުރިއަށްދަނީ ކެތު ލެބްގެ އިކުއިޕްމަންޓު އޮޕަރޭޓުކުރާ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތެވެ.

މި ވެރިކަން ފެށުނު ފަހުން އޭއީއެޗުގެ ކެތު ލެބު އޮޕަރޭޓު ކުރަން އޭޑީކޭ ހޮސްޕިޓަލުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުގެ އިސްވެރިންނާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

އޭއީއެޗްގައި ކެތު ލެބެއް ގާއިމު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވިއިރު، އެ ކެތު ލެބްގެ ހުރިހާ ފމަސައްކަތްތަކެއް ވަނީ ފުރިހަމައަށް ނިންމައި، ބޭނުންކުރަން ފެށޭވަރުކޮށްފަ އެވެ.