Advertisement

ސޭވް ދަ ބީޗްގެ ހެޑްކުއާޓާސް މާލެ ސިޓީ ކައުންސިލުން ރޫޅާލުމުން ކަންބޮޑުވުން

13 އޭޕްރީލް 2024 - 12:50 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ސޭވް ދަ ބީޗްގެ ހެޑްކުއާޓާސް މާލެ ސިޓީ ކައުންސިލުން ރޫޅާލުމުން ކަންބޮޑުވުން

13 އޭޕްރީލް 2024 - 12:50 0

ސޭވް ދަ ބީޗް (އެސްޓީވީ) ގެ ވިލިމާލެ ހެޑްކުއާޓާސް, މާލެ ސިޓީ ކައުންސިލުން ރޫޅައިލުމުން އެ ޖަމިއްޔާއިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމިއްޔާއަށް އެއްވެސް އެންގުމެއް ނެތި ހެޑްކުއާޓާސް ރޫޅައިލުމުގެ މަސައްކަތް ސިޓީ ކައުންސިލުން އިއްޔެ ފަށާފައިވާ ކަމަށާއި، ހެޑްކުއާޓާސް ގާއިމުކޮށްފައި ވަނީ ވިލިމާލެ ގޮނޑުދޮށް ސާފުކުރުމުގެ މަސައްކަތަށް 2012 ވަނަ އަހަރު ކޮންޓްރެކްޓެއްގެ ދަށުން ލިބިފައިވާ ތަނެއްގައި ކަމަށެވެ.

އެ ބިމުގައި އިމާރާތް ކުރަމުން ދަނިކޮށް ކައުންސިލުން އެ މަސައްކަތް ހުއްޓުވާފައި ވަނީ ކޮންޓްރެކްޓާއި ހިލާފަށް ކަމަށް ޖޫން، 5، 2023 ގައި ސިވިލް ކޯޓުގެ ނިންމާފައިވާތީ، އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެސްޓީބީއިން ބުނެ އެވެ.

ނަމަވެސް އެ ޖަމިއްޔާއިން ބުނީ ހައި ކޯޓުގައި މައްސަލައިގެ އަޑު އެހުމެއް ތާވަލު ކުރުމުގެ ކުރިން ތަން ހުސް ކުރުމުގެ ނޯޓިސްއެއް ނުދީ ސަރުކާރު ބަންދު ދުވަހެއްގައި ވޯކް ސްޓޭޝަން ރޫޅާލުމުގެ މަސައްކަތް ފެށުމުން، އެތަނުގައި ހުރި ރިސައިކަލް ކުރުމަށް ގޮނޑުދޮށުން ހޮވާ ތަކެތި ރައްކާ ކުރާނެ އެހެން ގޮތެއް ހޯދުމުގެ ފުރުސަތުވެސް ގެއްލިފައިވާ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ވިލިމާލޭގެ ގޮނޑުދޮށް ސާފުކޮށް ބަލަހައްޓަން ކައުންސިލުން ނިންމާފައިވާ ގޮތުގެ އެއްވެސް މައުލޫމާތެއް ވެސް މިހައިތަނަށް އެ ޖަމިއްޔާއަށް ލިބިފައި ނުވާ ކަމަށް ވެސް އެޖަމިއްޔާއިން ބުންޏެވެ. ވެމްކޯގެ މުވައްޒަފުން ހަފްތާއަކު ދެ ފަހަރު ވިލިމާލެ ގޮނޑުދަށް އެޅޭ ފަތްތައް ނަގާ ސާފުކުރި ނަމަވެސް، ވިލިމާލެއަށް ދަތުރުދާ ފަރާތްތަކުން އތަނަށް އަޅާ ޕްލާސްޓިކާއި ކުނިތައް ސާފުކުރަނީ އެސްޓީބީއިން ކަމަށް ވެސް ބުންޏެވެ.

"އަންދާޒާތަކުން ދައްކާ ގޮތުގައި މިހާރު ވެސް ވިލިމާލޭ ގޮނޑުދޮށަް ކޮންމެ ދުވަހަކު ހަ ކިލޯއަށްވުރެ ގިނަ ކުނި އަޅާ. ވިލިމާލޭގެ ތިން ބީޗަކުން އަޅުގަނޑުމެން ކުނި ނަގަން. އަދި އެ ސަރަހައްދުތަކުގައި 40 ޑަސްބިން ބަހައްޓާ ކޮންމެ ދުވަހަކު އެ ޑަސްބިންތައް ހުސްކުރަން. ކޮންމެ ދުވަހަކު ގޮނޑުދޮށް ސާފުކޮށް ޑަސްބިން ހުސް ނުކުރާނަމަ ވިލިމާލެ އަތިރިމަތީގައި ކުނި ގިނަވެ މީގެ 12 އަހަރު ކުރިން އޮތް ހާލަތަށް ދާނެ" އެސްޓީބީގެ ބަޔާނުގައި ބުންޏެވެ.

ވިލިމާލޭގެ ގޮނޑުދޮށް ސާފު ކުރުމުގެ މަސައްކަތާ އިތުރު ބަޔަކު ހަވާލުވާނެ ކަމުގެ ޔަގީންކަން ލިބުމުން ނޫނީ، އެސްބީޓީއިން ވަނީ އެ ޖަމިއްޔާއިން ބަހައްޓާފައި ހުރި ޑަސްބިންތައް ނުނަގާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ޖަމިއްޔާގެ ސާމާނު ރައްކާ ކުރާނެ ތަނެއް ނެތުމުން ރީސައިކަލް ނުކުރެވޭނެތީ އެ މަސައްކަތް ވަނީ ހުއްޓައިލައިފަ އެވެ.