Advertisement

ލިވަޕޫލާ އެކު މަޝްވަރާނުކުރާ ކަމަށް އަމޮރިމް ބުނެފި

13 އޭޕްރީލް 2024 - 10:07 0


ލިވަޕޫލާ އެކު މަޝްވަރާނުކުރާ ކަމަށް އަމޮރިމް ބުނެފި

13 އޭޕްރީލް 2024 - 10:07 0

ލިޒްބަން (އޭޕްރީލް 13) - ލިވަޕޫލަށް ބަދަލުވާން މަޝްވަރާތަކެއް ކުރިއަށްގެންގޮސްފައިނުވާނެ ކަމަށް ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.

ސްކައި ސްޕޯޓްސް އިން މިދިިޔަ ތިން ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އަމޮރިމް ވަނީ ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ލިވަޕޫލާ ގުޅެން އަނގަބަހުން އެއްބަސްވުމަކަށް އަތުވެފަ އެެވެ. އަދި 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސްޕޯޓިންއާ އެކު، އަމޮރިމް ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ދައްކަންޖެހޭ 15 މިލިއަން ޑޮލަރު ދައްކަން ވެސް ލިވަޕޫލުން ތައްޔާރުކަމަށް މީޑިއާ އިން ރިޕޯޓްކޮށްފައިވެ އެވެ.

މި ވާހަކަތަކާ ގުޅިގެން މީޑިއާ އިން ކުރި ސުވާލުތަކަށް ދިން ޖަވާބުގައި، އަމޮރިމް ބުނީ، މިއީ ހަގީގަތެއް ނެތް ރިޕޯޓްތަކެއް ކަމަށެވެ.

"އަހަރެން ލިވަޕޫލާ އެކު އެއްވެސް އިންޓަވިއުއެއް ކުރިއަށް ނުގެންދަން، އެ ޓީމާ އެކު އެއްވެސް އެގްރީމަންޓެއް ނެތް. ހަގީގަތެއް ނެތް ވާހަކަތަކެއް ތި ދެކެވެނީ،" އަމޮރިމް ބުންޏެވެ.

"އަހަންނަކީ ސްޕޯޓިންގެ ކޯޗު، އަހަރެން މިތާގައި މޮޅުވާން އެބަ ބޭނުން، ކަންތައްތަކެއް ހާސިލްކުރަން ބޭނުން. އެހެން ކްލަބަކާ އެކު އެއްބަސްވުމެއް ނެތް،"

ލިވަޕޫލްގެ ކޯޗުކަމުން ނުވަ އަހަރަށް ފަހު ޔާގަން ކްލޮޕް ވަކިވާން ނިންމުމުން އެ މަގާމަށް އަންނާނެ ކަމަށް ގިނަ ބަޔަކަށް ލަފާކުރެވުނު، ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ ވަނީ އެ ޓީމުގައި މަޑުކުރަން ނިންމައިފަ އެވެ.

އޭގެ ފަހުން، ލިވަޕޫލުން ފާރަލާން ފެށި އަމޮރިމް މީގެ ކުރިން އިންޓަވިއުއެއްގައި ބުނީ، އަލޮންސޯ ދިން ގޮތަށް ކްލަބްގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ދޭން އޭނާ އަށް އުނދަގޫ ކަމަށެވެ.

ސްޕޯޓިން ލިޒްބަންގައި 2020 އިން ފަށައިގެން މަސައްކަތް ކުރަމުން އަންނަ އަމޮރިމް ވަނީ އެ ޓީމަށް 19 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިދީފަ އެވެ. މި ވަގުތު ޕޯޗުގީސް ލީގުގެ އެއް ވަނައިގައި އޮތީ ވެސް ސްޕޯޓިން އެވެ.

ޕޯޗުގަލް ގައުމީ ޓީމަށް ވެސް ކުޅުނު އަމޮރިމް މީގެ ކުރިން ވަނީ ބްރާގާ އަށް ކޯޗުކޮށްދީފަ އެވެ.