Advertisement

ފަކީރާ މިޔަރުގެ ވަނަވަރު

13 އޭޕްރީލް 2024 - 09:53 0

ހަސަން ޒަރީރު (ލަގަން)

ހަސަން ޒަރީރު (ލަގަން)


ފަކީރާ މިޔަރުގެ ވަނަވަރު

13 އޭޕްރީލް 2024 - 09:53 0

ބޮނެޓްހެޑް ޝާކަކީ ކާލިގަނޑު މިޔަރާ ވަރަށް ވައްތަރު މިޔަރެކެވެ. މިޔަރުގެ ބޯ ކާލިގަނޑެއްގެ ސިފަ ހުރިކަމުގައި ވިޔަސް ބޮލުގެ ކޮޅު ހުންނަނީ އޮމާންކޮށް ފަކީރާއެއްހެން ވައްކޮށެވެ. އެހެންވެ މި މިޔަރަށް ފަކީރާ މިޔަރު (Shovelhead shark) ވެސް ކިޔަ އެވެ. މީގެ އިތުރުން ބޮނެޓް ހެމަހެޑު، ބޮނެޓް ޝާކު، ބޮނެޓްހެޑް ޝާކު، ބޮނެޓްނޯސު ޝާކު، އަދި ޝޮވެލްހެޑު ޝާކު ނަން ފަދަ ނަންތައް ކިޔައެވެ.

މިޔަރުގެ ބުރަކަށިމަތީގެ ކުލައަކީ މުށިއަޅި ކުލައެވެ. ބަނޑުދޮށުގައި ވަނީ މަތީގައި ހުރި ކުލަތައް ފަނޑުވަމުންގޮސް ހުދު ކުލައަށް ބަދަލުވެފަ އެވެ. ދިމާވާ ހާއްސަ ބައެއް ވަގުތުތަކުގައި ފެހިކުލައިގެ ތިކިތަކެއް ދެފަރާތުން ފާޅުވެ އެވެ.

މި މިޔަރަކީ ފެންގަނޑުތަކުގައި މަސްގެންގުޅޭ މީހުން، ވަރަށް ޝައުގުވެރިވާ މިޔަރެކެވެ. މިއީ ދިވެހިރާއްޖެއިން ފެންނަ މިޔަރެއް ނޫނެވެ.

ހިޖުރަކުރުން

ބޮނެޓްހެޑް ޝާކު ހިޖުރަކުރަނީ އަންހެން މިޔަރާއި ފިރިހެން މިޔަރު ވަކިން އައިން ހަދައިގެންނެވެ. ފިނިމޫސުމުގައި ހޫނު ސަރަހައްދުތަކަށެވެ. ހޫނު މޫސުމުގައި ފިނި ސަރަހައްދުތަކަށެވެ.

ސިކާރަކުރުމާއި ކާނާ އަދި ދަތް

ބޮނެޓްހެޑް ޝާކުގެ އަނގައިގައި އެކިވައްތަރުގެ ދަތްހުރުމުން ތަފާތު އެއްޗެހި ކައި އުޅެން ފަސޭހަވެ އެވެ. މިޔަރުގެ އަނގައިގެ ކުރިމައްޗަށް ހުންނަނީ ކުދިކޮށް އޫކޮށް ހުންނަ ތޫނު ދަތްތަކެކެވެ. މި ދަތްތަކުން މޮލަސްކްސް (ޑިނގާ، ބޯވަ، ކަކުނި އަދި ބޯވަދިލަ މަސް) އަދި ކުދިމަސް އަތުލައިގަނެ އެވެ. އަނގައިގެ ފަހަތުބައިގައި ވަނީ ރިނދަފަދަ ހަރު އެއްޗެހި ހަފާލެވޭ ފަދަ ދަތްތަކެއް ކަމުން މިފަދަ ތަކެތި ވެސް ކައިއުޅެއެވެ.

ހަމަލާދިނުން

ބޮނެޓްހެޑް ޝާކަކީ އެއްވެސް ވަރަކަށް އިންސާނުންނަށް ނުރައްކާތެރި މިޔަރެއް ނޫނެވެ. މި މިޔަރު ފާހަގަ ކުރެވިފައި ވަނީ ފަސޭހައިން ބިރު ގަންނަ ފިނޑި މިޔަރެއްގެ ގޮތުގައެވެ.

ދިރިއުޅުމާއި އުޅޭތަން

މި މިޔަރަކީ ހޫނު ސަރަހައްދުތަކުގެ އައްސޭރި ފަށުގެ މިޔަރެކެވެ.

މި މިޔަރު ފެންނަނީ ހުޅަނގު އެޓުލާންޓިކް ކަނޑުންނާއި އިރުމަތީ ޕެސިފިކް ކަނޑުގެ ރާޅު ހުންނަ ސަރަހައްދުތަކުންނާއި ފަރާއިގުޅޭ ސަރަހައްދުތަކުންނާއި ވެލިގަނޑުތަކާއި ކޯރުތަކުގެ އަނަގަމަތީ ސަރަހައްދުތަކުންނެވެ. މިސޮރު އާންމުކޮށް އުޅޭ ފަށަލައެއް ކަމަށް ބަލަނީ 10 މީޓަރާއި 80 މީޓަރު (32.8 ފޫޓާއި 262.4 ފޫޓު) ދެމެދު ފުންމިނުގަ އެވެ.

ޓްރޮޕިކަލް އާއި ގުޅިފައިވާ ކަނޑުތަކުގެ 41°N-34°S ގައެވެ. ހުޅަނގު އެޓުލާންޓިކުން އުތުރު ކެރެލޯނާއާއި، ދެކުނު ބުރެޒީލަށް، ކެރޭބިއަން ކަނޑުން ކިޔުބާ އާއި ބަހާމާސް އަދި ގަލްފް އޮފް މެކުސިކޯއިން، އަދިވެސް އިރުމަތީ ޕެސެފިކު ދެކުނުން ކެލިފޯނިޔާ، އެކުއެޑޯރ އަށްވާ ހިސާބުންނެވެ.

ދަރިފަސްކޮޅު

މިއީވެސް އިންސާނުން ފަދައިން ބަނޑުއަޅާ ވިހާ މިޔަރެކެވެ. ރަހިމުގައި އޮންނައިރު ފޫޅުދަނޑިން ވަނީ މައި މިޔަރާއި ގުޅިފަ އެވެ. ނަމަވެސް ވިހެއުމަށް ފަހު މައި މިޔަރުގެ އަޅާލުމެއް، ގާތުން ދިނުމެއް ނޯވެ އެވެ.

ބޮނެޓްހެޑް ޝާކުގެ އަންހެން މިޔަރު ފުރާވަރަށް އަރަނީ 2.5 ފޫޓް (75 ސމ) އަށް ބޮޑުވީމަ އެވެ. ވިހާ ފަހަރު ތަކުގައި 8 މިޔަރާއި 16 މިޔަރާ ދެމެދުގެ އަދަދަކަށް ވިހަ އެވެ. ވިހާއިރު ޅަމިޔަރުގައި ހުންނަނީ 14 އިންޗި (35 ސމ) އެވެ. މިބާވަތުގެ މިޔަރު ވެސް ވިހަން ވުމުން ފަރުފަރާއި ފަޅުފަޅުގެ ތިލަ ހިސާބުތަކަށް އާދެ އެވެ.

ސައިޒު

ބޮނެޓްހެޑް ޝާކު އާންމު ގޮތެއްގައި ބޮޑުވަނީ 3.3 ފޫޓް (1 މީޓަރު) އަށެވެ. ބަރުދަނަކީ 10.8 ކިލޯގުރާމެވެ.

މައުލޫމާތު ނެގީ:

https://enchantedlearning.com

https://www.marinebio.org