Advertisement

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ދެވަނަ ބެޗު ފައިބައިފި ކަމަށް ރައީސް ވިދާޅުވެއްޖެ

12 އޭޕްރީލް 2024 - 22:37 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރެއް - ފޮޓޯ: ފައިލް


ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ދެވަނަ ބެޗު ފައިބައިފި ކަމަށް ރައީސް ވިދާޅުވެއްޖެ

12 އޭޕްރީލް 2024 - 22:37 0

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ދެވަނަ ބެޗު މި މަހު ނުވައެއްގައި ރާއްޖޭ ދޫކޮށް ފުރާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި މިރޭ އައްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ބޭއްވި ޖަލްސާއެއްގަ އެވެ.

"ފުރަތަމަ ޓީމު ފައިބާފަ ވަނީ، މިހާރު، އާދެ 9 އެޕްރީލްގަ ވަނީ ދެވަނަ ޕްލެޓްފޯމުގަ ތިބި ސިފައިން އަނބުރާ ގެންގޮސްފަ، ފައިބާފަ ވަނީ،"

ރައީސް ވިދާޅުވީ ފަހު ޕްލެޓްފޯމުގަ ތިބި އިންޑިއާ ސިފައިން ވެސް އަންނަ މަހުގެ 10 ގެ ކުރިން ފައިބާނެ ކަމަށާއި އެ ހިސާބުން ބޭރުގެ ސިފައިން ބޭލުމުގެ ވައުދު ފުދުނީ ކަމަށެވެ.

ނަމަވެސް ފުރީ ކޮން ޕްލެޓްފޯމެއްގައި ތިބި އިންޑިއާ ސިފައިންނެއް ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ. އަދި ބަދަލުގައި މަދަނީން އައިސްފައިވާ ކަމެއް ވެސް ވިދާޅެއް ނުވެ އެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ޑިފެންސް މިނިސްޓްރީން އަދި އިންޑިއާއިން ވެސް ބަހެއް ބުނެފައެއް ނުވެ އެވެ.

މި ސަރުކާރުން ހާމަކުރި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ރަސްމީ އަދަދަކީ 88 އެވެ.

އޭގެ ތެރޭގައި ހިމެނެނީ އައްޑޫ އަދި ލ. ކައްދޫގައި އޮންނަ އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ހަނިމާދޫގައި އޮންނަ އެ ގައުމުގެ ޑޯނިއާ އުޅަނދު އޮޕަރޭޓުކުރަން ތިބި ސިފައިންގެ އިތުރުން ސެނަހިޔާ ހޮސްޕިޓަލުގައި ތިބި މިލިޓަރީ ޑޮކްޓަރުންނެވެ.

މީގެ ތެރެއިން އައްޑޫގައި ތިބި އިންޑިއާ ސިފައިންގެ 26 މީހުން ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވަނީ މާޗު 11، 2024 ގަ އެވެ. އެ މީހުން ފުރާފައި ވަނީ ބަދަލުގައި އައި އިންޑިއާގެ މަދަނީންގެ 26 މީހުންނާ ހެލިކޮޕްޓަރު ދުއްވުން ހަވާލުކުރުމަށްފަހު އެވެ.

މަދަނީންނާއެކު އިންޑިއާއިން ވަނީ އައްޑޫގައި އޮތް ހެލިކޮޕްޓަރުގެ ބަދަލުގައި އާ ހެލިކޮޕްޓަރެއް ވެސް ފޮނުވާފަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުން ވަނީ ގޯސްވެފަ އެވެ. އޭގެ ބަދަލުގައި ސަރުކާރުން އަންނަނީ ޗައިނާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ.