Advertisement

ސަރުކާރަށް މެޖޯރިޓީ ލިބިއްޖެނަމަ ގާނޫނު ބަދަލުކޮށް ފަތުރުވެރިކަމަށް ރަށްތައް ވިއްކޭ އަގު ކުޑަކުރާނަން: ފައިސަލް

12 އޭޕްރީލް 2024 - 17:18 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޓޫރިޒަމް މިނިސްޓަރު ފައިސަލް : އޭނާ ވިދާޅުވީ ސަރުކާރަށް މެޖޯރިޓީ ލިބިއްޖެނަމަ ގާނޫނު ބަދަލުކޮށް ފަތުރުވެރިކަމަށް ރަށްތައް ވިއްކޭ އަގު ކުޑަކުރާނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް


ސަރުކާރަށް މެޖޯރިޓީ ލިބިއްޖެނަމަ ގާނޫނު ބަދަލުކޮށް ފަތުރުވެރިކަމަށް ރަށްތައް ވިއްކޭ އަގު ކުޑަކުރާނަން: ފައިސަލް

12 އޭޕްރީލް 2024 - 17:18 0

މި މަހު 21 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ލިބިއްޖެނަމަ ގާނޫނަށް ބަދަލުގެނެސް ފަތުރުވެރިކަން ތަރައްގީ ކުރުމަށް ވިއްކާ ރަށްތަކުގެ އަގު ކުޑަކުރައްވާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މިއަދު ލ. ގަމުގައި ރައީސް ކުރިއަށް ގެންދެވި ޖަލްސާއެއްގެ ތެރެއިން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ ފަތުރުވެރިކަން ނެތް ސަރަހައްދުތަކަށް ފަތުރުވެރިކަން ގެނައުން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް ލިބުނީމަ ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސް ލ. އަތޮޅު ފަދަ ތަންތަނުގަ މި ރަށްތައް ދޫކުރުމަށް މިހުރި ބޮޑެތި އަގުތައް އަޅުގަނޑުމެން ތިރިކޮށް އިތުރަށް އިންވެސްޓަރުން އެޓްރެކްޓް ކުރެވޭނެ ގޮތް އަޅުގަނޑުމެން ހަދާނަން" އޭނާ ވިދާޅުވި އެވެ.

އެގޮތުން އެމްއެމްޕީއަރުސީ މެދުވެރިކޮށް ވަކިވަކި އަތޮޅުތައް އިސްތިހާރު ކުރުމުގެ މަަސައްކަތް ކުރާނެ ކަމަށާއި ހާއްސަކޮށް ލ. އަތޮޅުގައި ހުރި ގުދުރަތީ ރީތިކަން އިންވެސްޓަރުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ސަރުކާރުން ކުރާ މަސައްކަތް އިތުރުކުރާނެ ކަމަށެވެ.

މީގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީން އިސްނަގައިގެން މި އަހަރު ތެރޭ ދުބާއީ، ތައިލެންޑު އަދި ސިންގަޕޫރުގައި އިންވެސްޓްމަންޓު ފޯރަމުތަކެއް ބާއްވާނެ ކަމަށާއި އެ ފޯރަމުތަކުގައި ލ. އަތޮޅު ފަދަ ރިސޯޓުތައް މަދު އަތޮޅުތަކަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ނަމަވެސް މިކަންކަން ކުރުމަށް ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާނެ ކަމަށް ފައިސަލް ވަނީ ތަކުރާރުކޮށް ވިދާޅުވެ، ލ އަތޮޅުހެ ހަތަރު ގޮނޑިވެސް ސަރުކާރަށް ދިނުމަށް ގޮވާލައްވާފަ އެވެ. އަދި، އެ އަތޮޅުގެ ޒުވާނުން އެ ހަތަރު ގޮނޑި ރައީސަށް 'ހަދިޔާ' ކޮށްދިނުމަށްވެސް އޭނާ ގޮވާލެއްވި އެވެ.