Advertisement

މުސިއާލާ ހޯދުމުގެ ރޭހުގެ ކުރީގައި އުޅެނީ ސިޓީ

12 އޭޕްރީލް 2024 - 11:32 0


މުސިއާލާ ހޯދުމުގެ ރޭހުގެ ކުރީގައި އުޅެނީ ސިޓީ

12 އޭޕްރީލް 2024 - 11:32 0

މިއުނިކް (އޭޕްރީލް 12) - ބަޔާން މިއުނިކަށް ކުޅެމުން އަންނަ ހުނަރުވެރި ކުޅުންތެރިޔާ، ޖަމާލް މުސިއާލާގެ ސޮއި ހޯދުމުގެ ރޭހުގެ ކުރީގައި އުޅެނީ މެންޗެސްޓާ ސިޓީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މުސިއާލާ، 21، ބަޔާނާ އެކު ހަދާފައިވާ ކޮންޓްރެކްޓް އޮތީ، 2026 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ. އެހެންވެ، ބަޔާނުން އަންނަނީ މުސިއާލާގެ ކޮންޓްރެކްޓް އާ ކުރެވޭތޯ މަަސައްކަތްކުރަމުންނެވެ. އެކަމަކު، މިހާތަނަށް އެކަމަށް އެކަށީގެންވާ ކުރިއެރުމެއް ލިބޭގޮތެއްނުވި އެވެ.

އިނގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި މުސިއާލާ ބޭނުންވަނީ ކެރިއަރުގައި އާ ޗެލެންޖެއް ނަގައި، އެހެން ލީގަކަށް ބަދަލުވާށެވެ. އެ ގޮތުން، އޭނާގެ ޝައުގުވެރިކަން ހުރީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ޗެލްސީ ޔޫތު ޓީމަށް ކުރިން ކުޅުނު މުސިއާލާ ހޯދަން މަސައްކަތް ކުރާ ޓީމުތަކުގެ ތެރޭގައި، ސިޓީގެ އިތުރުން ލިވަޕޫލާއި ބާސެލޯނާ ވެސް ހިމެނެ އެވެ. އެ ގޮތުން، މި ވަގުތު ސިޓީ ރޭހުގެ ކުރީގައި އޮތީ، ބަޔާން މިއުނިކަށް ކުޅުންތެރިއަކު ދީފައި، ބޮޑު ފީއެއް ވެސް ދެއްކުމަށް ފަހު، މުސިއާލާގެ ޑީލް ކުރިއަށްގެންދަން ސިޓީގެ ޝައުގުވެރިކަން ހުރުމުންނެވެ.

އެ ގޮތުން، މުސިއާލާ ހޯދަން ސިޓީން ކުޅުންތެރިއަކާ އެކު 90 މިލިއަން ޑޮލަރުގެ ފީއެއް ދައްކަން ވެސް ތައްޔާރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ ގޮތުން، ސިޓީގެ ވިސްނުން ހުރީ ފިލް ފޯޑެންއާ އެކު އެ ޓީމުގެ އެޓޭކް ލީޑުކުރާނެ އިތުރު ޒުވާން ކުޅުންތެރިއަކު ހޯދުމެވެ.

ފޯޑެން އާއި މުސިއާލާ ވަނީ ޔޫތު ލެވަލްގައި އިނގިރޭސި އުމުރުފުރާ ޓީމުތަކުގައި އެކުގައި ކުޅެފަ އެވެ.

ބަޔާނުން މުސިއާލާގެ ސޮއި ހޯދީ އޭނާގެ އުމުރުން 16 އަހަރުގަ އެވެ. އޭރު މުސިއާލާ ހުރީ ޗެލްސީގަ އެވެ. އިނގިރޭސި ޔޫތު ޓީމުތަކަށް ކުޅެފައިވާ މުސިއާލާ، ސީނިއާ ޕްރޮފެޝަނަލް ލެވަލްގައި ޖަރުމަނު ޓީމަށް ކުޅެން ނިންމީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.