Advertisement

ބާސެލޯނާ އިން ޕީއެސްޖީ ބަލިކޮށްފި، އެތުލެޓިކޯ އަށް މޮޅެއް

11 އޭޕްރީލް 2024 - 10:59 0


ބާސެލޯނާ އިން ޕީއެސްޖީ ބަލިކޮށްފި، އެތުލެޓިކޯ އަށް މޮޅެއް

11 އޭޕްރީލް 2024 - 10:59 0

މެޑްރިޑް (އޭޕްރީލް 11) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލު ފުރަތަމަ ލެގުގައި ބާސެލޯނާ އިން 3-2 އިން ޕީއެސްޖީ ބަލިކުރިއިރު، އެތުލެޓިކޯ މެޑްރިޑުން 2-1 އިން ބޮރޫޝިއާ ޑޯޓްމަންޑް އަތުން މޮޅުވެއްޖެ އެވެ.

ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ކުޅޭ ބާސެލޯނާ އިން ޕީއެސްޖީ ދަނޑުގައި މި ހޯދި މޮޅާ އެކު ސެމީގެ އިތުބާރު ވަނީ ބޮޑުވެފަ އެވެ. ބާސެލޯނާ އިން ފުރަތަމަ ހާފު ނިންމާލީ ރަފީނިއާ ޖެހި ގޯލުން ލީޑުގަ އެވެ.

އެކަމަކު، ދެ ވަނަ ހާފު ކުޅުން ފެށިގެން ތިން މިނިޓް ތެރޭ ދެ ގޯލު ޖަހައި، ޕީއެސްޖީން ނަތީޖާ އަނބުރާލި އެެވެ. ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޕީއެސްޖީ އަށް ޖަހައިިދިނީ ކުރިން ބާސެލޯނާ އަށް ކުޅުނު އޮސްމާން ޑެމްބެލޭ އެވެ. އެ ލަނޑު ޖެހިތާ ތިން މިނިޓެއްހާއިރު ފަހުން، ވިޓީނިއާ ވަނީ ޕީއެސްޖީ އަށް ލީޑުނަގައިދީފަ އެވެ.

ބަދަލަކަށް ކުޅެން އެރި ބާސެލޯނާގެ މިޑްފީލްޑަރު، ޕެޑްރީ ދިން ޕާހަކުން ރަފީނިއާ ވަނީ އިތުރު ގޯލެއް ޖަހައި ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އެ ޓީމު މޮޅުކޮށްދިން ލަނޑު ޖެހީ، 77 ވަނަ މިނިޓްގައި އަންދްރެއަސް ކްރިސްޓެންސަން އެވެ. އިއްޔެ އުފަން ދުވަސް ފާހަގަކުރި ކްރިސްޓެންސަން މި ލަނޑު ޖެހީ ބޮލުންނެވެ.

މި މަހު 16 ވަނަ ދުވަހު ކުޅޭ ދެ ވަނަ ލެގުގައި ބާސެލޯނާ އިން އެއްވަރުކޮށްލައިގެން ވެސް ސެމީ އަށް ދެވޭނެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އެތުލެޓިކޯ އިން ފުރަތަމަ 32 މިނިޓް ތެރޭ ދެ ގޯލު ޖެހި އެވެ. ހަތަރު ވަަނަ މިނިޓްގައި ރޮޑްރީގޯ ޑެ ޕޯލް، އެތުލެޓިކޯ އަށް ލީޑުނަގައިދިންއިރު، ދެ ވަަނަ ލަނޑު ޖެހީ، އެންޓޮއިން ގްރީޒްމަން ދިން ބޯޅައަކުން، 32 ވަނަ މިނިޓްގައި، ސެމުއެލް ލީނޯ އެވެ.

ދެ ވަނަ ހާފުގައި ޑޯޓްމަންޑްގެ ފޯވާޑް، ސަބެސްޓިއަން އަލެއާ، ގޯލެއް ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައި ހުއްޓަ އެވެ.