10 އޭޕްރީލް 2024 - 16:16 0
ވިލުފުށީ ސިއްހީ މަރުކަޒުގެ ބޭރުގައި މީހުން މަޑުކޮށްލައިގެން. އެ ކުއްޖާގެ ހަށިގަނޑު އެ ރަށުގެ މަރުކަޒުގައި ބާއްވާފައި އޮތީ ފޮރިންސިކް ފުލުހުންގެ ތަހުގީގަށް.
10 އޭޕްރީލް 2024 - 16:16 0
ތ. އަތޮޅު ފަޅުރަށެއް ކަމުގައިވާ ފަހަލަ އަށް ބަޔަކާއެކު މިއަދު ދަތުރު ދިޔަ 17 އަހަރުގެ އަންހެން ކުއްޖަކު މަރުވެގެން ލައްގާފައި އޮއްވައި ފެނިއްޖެ އެވެ.
ޖެންޑާ މިނިސްޓްރީން މޮނިޓާ ވެސް ކުރާ އެ ކުއްޖާ ގެންގުޅެ ބަލަހައްޓަމުން ދަނީ ވިލުފުށީގައި ދިރިއުޅޭ އެ ރަށުގެ އާއިލާއަކުންނެނެވެ. އައިޝަތު ސައިމާ ނަމަކަށް ކިޔާ އެ ކުއްޖާގެ ދާއިމީ ރަށްވެހިކަން މާލޭގައި އޮތަސް، ވިލުފުށީގައި އެ ކުއްޖާ ދިރިއުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ވިލުފުއްޓާ އެއް ފަޅެއްގައި، އެ ރަށާ 7.5 ކިލޯމީޓަރު ދުރުގައި އޮންނަ، ރާއްޖޭގެ އެންމެ ދިގު އެއް ރަށް ކަމުގައިވާ ފަހަލަ އަށް ސައިމާ އާއި އޭނާ ބަލަހައްޓަމުންދާ އާއިލާ ދަތުރު ދިޔައީ މިއަދުގެ އީދު ނަމާދަށް ފަހު އެވެ.
"އެ ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ރަށުގެ [ފަހަލަ] އާނުގަނޑު ކައިރީގައި ލައްގާފައި އޮއްވާ،" ވިލުފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެ ކުއްޖާ މަރުވެފައި އޮއްވައި ފެނުނީ 11:00 ހާއިރު ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
ފުލުހުންގެ ފޮރިންސިކް ޓީމް ދަންދެން އެ ކުއްޖާގެ ހަށިގަނޑު ބާއްވާފައި އޮތީ ވިލުފުށީ ސިއްހީ މަރުކަޒުގަ އެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ފޮރިންސިކް ފުލުހުންގެ ޓީމެއް ވިލުފުއްޓަށް ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވި އެވެ.
Comment