Advertisement

ލިވަޕޫލާ ހަވާލުވާން އަމޮރިމް އެއްބަސްވެއްޖެ: ރިޕޯޓް

10 އޭޕްރީލް 2024 - 12:13 0


ލިވަޕޫލާ ހަވާލުވާން އަމޮރިމް އެއްބަސްވެއްޖެ: ރިޕޯޓް

10 އޭޕްރީލް 2024 - 12:13 0

ލަންޑަން (އޭޕްރީލް 10) - އަންނަ ސީޒަނުގައި ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވާން ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޮރިމް އަނގަބަހުން އެއްބަސްވެފައިވާ ކަމަށް ސްކައި ސްޕޯޓްސް އިން ރިޕޯޓްކޮށްފި އެވެ.

ނުވަ އަހަރަށް ފަހު، ލިވަޕޫލްގެ ކޯޗުކަމުން ޔާގަން ކްލޮޕް މި ސީޒަނަށް ފަހު ވަކިވާނެ އެވެ. އެ މަގާމަށް ފުރަތަމަ ގެންނަން ބެލި، ބަޔާ ލެވަކޫސަންގެ ކޯޗު، ޒަބީ އަލޮންސޯ، އެ ކްލަބްގައި މަޑުކުރަން ނިންމީ އެވެ. އެ ހިސާބުން ލިވަޕޫލުން ވަނީ އަމޮރިމްއާ އެކު ވާހަކަތައް ފަށައިފަ އެެވެ.

ސްކައި ޖާމަނީން ރިޕޯޓްކުރާގޮތުގައި، އަމޮރިމް، 39، މިހާރު ވަނީ ލިވަޕޫލާ ހަވާލުވާން ރުހުން ދީފަ އެވެ. އަދި ލިވަޕޫލުން ނިންމާފައި އޮތީ އޭނާ އަށް ތިން އަހަރުގެ ކޮންޓްރެކްޓެއް ދިނުމަށް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

އަމޮރިމް ހޯދަން، ބަޔާން މިއުނިކް އާއި ޗެލްސީން ވެސް ވާހަަކަ ދެއްކި އެވެ.

ލިވަޕޫލުން ކުރިއަށް އޮތް ދުވަސްތަކުގައި، އަމޮރިމްގެ ޓްރާންސްފާ ކަންތައްތަކާ ގުޅޭގޮތުން ސްޕޯޓިންއާ ވާހަކަތައް ފަށާނެ އެވެ.

އަމޮރިމް، މި ވަގުތު ސްޕޯޓިންގެ ކޯޗަކަށް ހުރީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަދާފައިވާ ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން، މި ސީޒަނަށް ފަހު، އަމޮރިމް އެދޭނަމަ، 15 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިގެން، ކޮންޓްރެކްޓް އުވާލެވޭނެ އެވެ.

ސްޕޯޓިން ލިޒްބަންގައި 2020 އިން ފަށައިގެން މަސައްކަތް ކުރަމުން އަންނަ އަމޮރިމް ވަނީ އެ ޓީމަށް 19 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިދީފަ އެވެ. މި ވަގުތު ޕޯޗުގީސް ލީގުގެ އެއް ވަނައިގައި އޮތީ ވެސް ސްޕޯޓިން އެވެ.