Advertisement

ޔުއެފާ ޗެމްޕިއަންސް ލީގު: ފުރަތަމަ ލެގުގައި ރެއާލާއި ސިޓީ އާއި ބަޔާނާއި އާސެނަލް އެއްވަރު

10 އޭޕްރީލް 2024 - 11:11 0


ޔުއެފާ ޗެމްޕިއަންސް ލީގު: ފުރަތަމަ ލެގުގައި ރެއާލާއި ސިޓީ އާއި ބަޔާނާއި އާސެނަލް އެއްވަރު

10 އޭޕްރީލް 2024 - 11:11 0

މެޑްރިޑް (އެޕްރީލް 10) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވިއިރު, ބަޔާން މިއުނިކާއި އާސެނަލް ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލުން ރޭ އަމިއްލަ ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅުނުއިރު, މި މެޗުގައި އެންމެ ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ސިޓީއިންނެވެ. މެޗުގެ ދެވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގާދިނީ ބެނާޑޯ ސިލްވާ ޖެހި ގޯލުންނެވެ. އެކަމަކު މެޗުގެ 12 ވަނަ މިނެޓުގައި ރެއާލުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މިއީ ސިޓީގެ ޑިފެންޑަރު ރުބެން ޑިއާސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި އޭގެ ދެ މިނެޓު ފަހުން ރެއާލްގެ ރޮޑްރީގޯ ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދިނެވެ.

އެކަމަކު މެޗުގެ 66 ވަނަ މިނެޓުގައި ސިޓީގެ ފިލް ފޯޑެން ކާމިޔާބުކުރި ހިތްގައިމު ގޯލުން އެ ޓީމުން ނަތީޖާ ހަމަހަމަކުރި އެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ސިޓީގެ ޑިފެންޑަރު ޖޮސްކޯ ގުވާޑިއޯލް ޖެހި ގޯލުން އެ ޓީމުން އަލުން ލީޑު ނެގި އެވެ. އެކަމަކު އޭގެ އަށް މިނެޓު ފަހުން ވިނީޝިއުސް ޖޫނިއާ ނަގާދިން ހުރަހެއް އޭރިއާގެ ދުރުކަނުގައި ހުރެ ފެޑްރީކޯ ވަލްވާޑޭ ފޮނުވާލި ބާރު ހަމަލާ އަކުން ރެއާލުން އަލުން ނަތީޖާ ހަމަހަމަކުރި އެވެ.

މީގެ އިތުރުން ރޭ އާސެނަލުން އަމިއްލަ ދަނޑުގައި ބަޔާން އާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ 12 ވަނަ މިނެޓުގައި ބުކާޔޯ ސަކާ ޖެހި ގޯލުން އާސެނަލުން ލީޑު ނެގި އެވެ. އެކަމަކު މެޗުގެ 18 ވަނަ މިނެޓުގައި ބަޔާންގެ ސާޖް ގްނާބްރީ ގޯލު ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ހެރީ ކޭން ވަނީ ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދީފަ އެވެ. މިއީ ލިބުނު ޕެނަލްޓީ އަކުން ކޭން ކާމިޔާބު ކުރި ގޯލެކެވެ.

އެކަމަކު މެޗުގެ 76 ވަނަ މިނެޓުގައި އާސެނަލަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި, ލިއާންޑްރޯ ޓްރޮސާޑް އެވެ.