Advertisement

ފުލުހުން ރޭ ބާރު ބޭނުން ކުރި ގޮތް ބަލަން މިނިސްޓަރު އަންގައިފި

10 އޭޕްރީލް 2024 - 08:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޣިޔާސުއްދީން ސްކޫލު ކައިރީ ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: އަދަދު


ފުލުހުން ރޭ ބާރު ބޭނުން ކުރި ގޮތް ބަލަން މިނިސްޓަރު އަންގައިފި

10 އޭޕްރީލް 2024 - 08:11 0

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ބާއްވަން މަސައްކަތްކުރި ޣިޔާސުއްދީން ސްކޫލު ކައިރީ ފުލުހުން އަމަލު ކުރި ގޮތް ބަލަން ނިންމައިފި އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭ ފުލުހުން ބާރުގެ ބޭނުން ކުރުމާއި، “އެސް އޯ“ ފުލުހުން ބޭނުން ކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބަލަން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް އަންގާފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސުލްހަވެރި އެއްވުންތަކާއި އަދި ރައްޔިތުން ކުރައްވާ އިހްތިޖާޖުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަދި އާއްމުކޮށް ރައްޔިތުންނާއި ގުޅޭ ކަންކަން ހައްލުކުރުމަށް ފުލުހުން ހަރަކާތްތެރި ވާއިރު ހާލަތާއި ނުބައްދަލު ބާރު ބޭނުން ނުކުރުމަށް އަންގާފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވަކިން ހާއްސަކޮށް އެސް.އޯ ފުލުހުން ހާއްސަ ހާލަތްތަކުގައި ނޫނީ ބޭނުން ނުކުރުމަށް [ރައީސް މުއިއްޒު ވަނީ] އަންގަވާފަ،" އިހުސާން ވިދާޅުވި އެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ޣިޔާސުއްދީން ހޯލް ތައްޔާރުކޮށްފައި ވަނިކޮށް، އެ ހޯލަށް ޕީއެންއެފްގެ މެމްބަރުން ވަނުމަށް ފުލުހުން ހުރަސް އެޅި އެވެ. އެސްއޯ ފުލުހުން ރަޔަޓު ގިިޔަރާއި ޝީލްޑާއެކު ހަރަކާތްތެރިވިއިރު، އެ ސަރަހައްދަށް ޕެޕާ ސުޕްރޭވެސް ޖެހި އެވެ. ނަމަވެސް ޕީއެންއެފްގެ މެމްބަރުން ފުލުހުންގެ ސަފު ފޫ އަޅުވާލާފައިވާ ސްކޫލުގެ ތެރެއަށް ވަނެވެ.

ޣިޔާސުއްދީން ހޯލުގައި ޖަލްސާ ކުރިއަށް ނުގެންގެވުނީ އިލެކްޝަން ކޮމިޝަނުގެ އޮފިޝަލުން އެ ހޯލަށް ވަނުމަށް ފުލުހުން ހުރަސް އެޅުމުންނެވެ.

ޣިޔާސުއްދީން ސްކޫލު ކައިރީގައި މީހުން އެއްވެފައި.


ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޣިޔާސުއްދީން ސްކޫލުގައި ހަރަކާތެއް ކުރިއަށް ގެންދިޔުމަށް އެ ސްކޫލު ހިންގާ ފަރާތާއެކު ވެފައިވާ އެއްބަސްވުމެއް ބާތިލުކޮށް، އެ ހަރަކާތް ކުރިއަށް ނުގެންދެވޭނެކަން، އެ ހަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަށް އެންގުމުން ވެސް އެ ހަރަކާތް ބޭއްވުމަށް މަސައްކަތް ކުރާތީ އެޑިއުކޭޝަނުން ކަންބޮޑުވުން ފާޅުކުރި ކަމަށެވެ.

ފުލުހުން އެ އިޝާރާތް ކުރަނީ ޕީއެންއެފްގެ ޖަލްސާ އަށެވެ.

އެ ހަރަކާތް އިންތިޒާމުކުރާ ފަރާތުން ހުއްދަ ނެތި ސްކޫލަށް ވަދެ ހަރަކާތް ކުރިއަށް ގެންދަން މަސައްކަތް ކުރުމުން ޣިޔާސުއްދީން ސްކޫލުގެ އެދުމުގެ މަތިން، ސްކޫލު ރައްކާތެރިކޮށް އެކަން ހުއްޓުވުމަށް އެޑިއުކޭޝަނުން އެހީއަށް އެދިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި އެދުމާއެކު ފުލުހުންގެ ޓީމެއް އެ ސްކޫލަށް ގޮސް އެ ހަރަކާތް ސްކޫލުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް އެންގުމުން ވެސް، ފުލުހުންގެ އެންގުމާ ހިލާފަށް ހަރަކާތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމުން އެކަން ހުއްޓުވާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ގާނޫނާ އެއްގޮތަށް، އޮންނަ އުސޫލުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތްތަކަށް ފުލުހުންގެ ފަރާތުން އަބަދުވެސް އެއްބާރުލުން ލިބޭނެ ކަމަށް ފުލުހުން ބުނެ އެވެ.

ރާޅުގަނޑުގައި ބޭއްވި ޖަލްސާގައި ބައިވެރިވި ޕީއެންއެފްގެ މެމްބަރުން -- ފޮޓޯ: މިރާން/އަދަދު


ޕީއެންއެފްގެ ޖަލްސާ ބޭއްވުމަށް ޣިޔާސުއްދީން ހޯލް ކުއްޔަށް ނަގައި ފައިސާ ދައްކައި، އެންމެ ފަހުގެ ތައްޔާރީތައް ވާން ފެށިއިރު ވެސް އެ ސްކޫލުގެ މެނޭޖުމެންޓުން އެ ހަރަކާތް ހުއްޓުވަން އަންގާފައި ނެތް ކަމަށާއި، އެކަން ހުއްޓާލުމަށް އެންގީ އިންތިޒާމެއް ކުރެވިފައި ވަނިކޮށް އިއްޔެ ހަވީރު ކަމަށް ޕީއެންއެފްއިން ބުނެފައިވެ އެވެ.

އެ ޕާޓީގެ ވަގުތީ ރައީސް ޒެއިން އަބްދުﷲ ޔާމީން ގަބޫލު ކުރައްވަނީ ޕާޓީ އުފެއްދުމުގެ ޖަލްސާ ހުއްޓުވަން މަސައްކަތް ކުރީ ސަރުކާރު އަޑީގައި އޮވެގެން ކަމަށެވެ.

ޣިޔާސުއްދީންގައި ޖަލްސާ ކުރިއަށް ނުގެންދެވުމާއެކު، ޕީއެންއެފްގެ މެމްބަރުން ރާޅުގަނޑަަށް އެއްވެ، 329 މެމްބަރުންނާއެކު ޕާޓީ އުފެއްދުމުގެ ޖަލްސާ ގާނޫނުގައި ބުނެފައިވާ ގޮތަށް ބޭއްވި އެވެ.