Advertisement

329 މެންބަރުންނާއެކު ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ފަށައިފި

10 އޭޕްރީލް 2024 - 00:30 0

ނިމާ ހަސަން

ނިމާ ހަސަން

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ރާޅުގަނޑުގައި ބާއްވަނީ -- ފޮޓޯ: މިރާން/ އަދަދު


329 މެންބަރުންނާއެކު ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ފަށައިފި

10 އޭޕްރީލް 2024 - 00:30 0

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އާ ޕާޓީ (ޕީއެންއެފް) އުފައްދާ ޖަލްސާ ރާޅުގަނޑު ސަރަހައްދުގައި ފަށައިފި އެވެ.

މިރޭ 10:00 އަށް ތާވަލުކުރި ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ފެށޭ ގޮތްވީ, އެ ޖަލްސަ ބާއްވަން އޮތް މާލަމް ބަދަލުކޮށް, ރާޅުގަނޑު ސަރަހައްދަށް ހުރިހާ މެންބަރުން ގެންދިއުމަށްފަހު މިރޭ 00:20 ގަ އެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ފެށީ 329 ޕާޓީ މެންބަރުންނާއެކު އެވެ. ޖަލްސާގެ ރިޔާސަތު ބައްލަވަނީ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ޣިޔާސުއްދީން ސްކޫލުގައި ފަށަން ތައްޔާރުވި ނަމަވެސް, ފުލުހުން ވަނީ އެ ސްކޫލުގެ ގޭޓު ބަންދުކޮށް, އިތުރު ބަޔަކު އެތެރެއަށް ވަނުން މަނާކޮށްފަ އެވެ. އެހެންވެ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނަށް އެޖަލްސާއަށް ވަޑައި ނުގެންނެވުުނު އިރު ޖަލްސާ ކަވަރު ކުރުމަށް އެ ސަރަހައްދަށް ދިޔަ ގިނަ ނޫސްވެރިންނަށް ވެސް އެތެރެއަށް ވަނުމުގެ ހުއްދަ ފުލުހުން ނުދެ އެވެ.

އެހެންވެ، ރާޅުގަނޑު ސަރަހައްދުގައި ކުރިން ނިއުޕޯޓް ހިންގި އިމާރާތުގެ ކައިރީ ޖަލްސާ ބާއްވާ ގޮތަށް ނިންމައި ޕީއެންއެފް މެންބަރުން ވަނީ އެތަނަށް ޖަމާވެފަ އެވެ.

ޖަލްސާގެ ބައިވެރިން ޣިޔާސުއްދީންގެ ޖަލްސާ ކުރާ މާލަމަށް ވަނުމަށް ހުރަސް އެޅުމުން އެޕާޓީގެ ސަޕޯޓަރުން ވަނީ އެ ސަރަހައްދުގައި މުޒާހަރާކޮށްފަ އެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕާ ސްޕްރޭގެ ބޭނުން ވެސް ކުރި އެވެ. އެ މުޒާހަރާގައި ސަޕޯޓަރުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލާފަ އެވެ.

ފުލުހުން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަށް ވަނުން މަނާކުރީ އެސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަ ނުދޭ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް އެ ސްކޫލުން އެޑިއުކޭޝަން މިނިސްޓްރީގައި އެދުމުން, އެކަން ތަންފީޒު ކޮށްދިނުމަށް އެޑިއުކޭޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދުނު ކަމަށް ބުނެ އެވެ.