Advertisement

ޑިމޮކްރަސީގެ ހިމާޔަތުގައި ހުރިހާ ސިޔާސީ ޕާޓީއެއް އެކުގައި މަސައްކަތް ކުރަން ޖަމީލު ގޮވާލައްވައިފި

10 އޭޕްރީލް 2024 - 00:24 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޑިމޮކްރަސީގެ ހިމާޔަތުގައި ހުރިހާ ސިޔާސީ ޕާޓީއެއް އެކުގައި މަސައްކަތް ކުރަން ޖަމީލު ގޮވާލައްވައިފި

10 އޭޕްރީލް 2024 - 00:24 1

ކުރީގެ ރައީސް އަބްދުالله ޔާމީން އިސްވެ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ސަރުކާރުން ހުރަސް އެޅުމާ ގުޅިގެން ހުރިހާ ޕާޓީއެއް އެކުގައި ޑިމޮކްރަސީގެ ހިމާޔަތުގައި ނުކުތުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ގޮވާލައްވައިފި އެވެ.

މިރޭ 10:00 އަށް ތާވަލުކުރި ޕީއެންއެފްގެ ޖަލްސާއަށް, އެ ޕާޓީގެ އިސްވެރިންނާއި މެންބަރުން ދިޔައިރު, ފުލުހުން ވަނީ ޣިޔާސުއްދީން ސްކޫލުގެ ގޭޓު ބަންދުކޮށް ބައިވެރިން އެތެރެއަށް ދިއުމަށް ހުރަސް އަޅައިފަ އެވެ. އެކަމާ ގުޅިގެން ޖަލްސާ މިހާރު ކުރިއަށްގެންދަނީ ރާޅުގަނޑު ސަރަހައްދުގަ އެވެ.

"ރައީސް މުއިއްޒު މިހާ ގޮތްހުސްވާނެ ކަމަށް ގަބޫލުކުރަން ދަތި. އެމަނިކުފާނީ ޑިމޮކްރަސީއަށް ހުރި ސީދާ ނުރައްކަލެއް. ޅަފަތުގައި އޮތް ޑިމޮކްރަސީގެ ހިމާޔަތުގައި ހުރިހާ ޕާޓީއެއް އެކުގައި މަސައްކަތް ފަށަން ޖެހިއްޖެ," ޔާމީންގެ ވަކީލުކަން ވެސް ކުރައްވާ ޖަމީލު އެކްސްގައި ވިދާޅުވި އެވެ.

ރާޅުގަނޑު ސަރަހައްދުގައި ހުންނަވައި "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ޖަމީލު ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރަޓިކް ހަޔާތުގައި އަނދިރި ރެޔެއް ކަމަށެވެ. ނަމަވެސް, ރައްޔިތުންގެ ވަރުގަދަ އަޒުމް މިކަމުގައި ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މުއިއްޒުއަށް ނޫނެކޭ ބުނާށޭ. ހަމަ ނުކުންނާށޭ. މިއީކީ ހައްގު މިންވަރެއް ނޫން. ނުކުމެވަޑައިގެން ޕީއެންސީ ކެންޑިޑޭޓުންނަށް ނޯ ޖައްސަވާ," ޖަމީލު ވިދާޅުވި އެވެ.

ޕީޕީއެމުން ވަކިވެ، އާ ޕާޓީއެއް ހެއްދެވުމަށް ރައީސް ޔާމީން ނިންމެވީ ޕާޓީގެ ލީޑާޝިޕުން އެމަނިކުފާނު އެއްފަރާތް ކޮށްފައިވާ ކަމަށް ބުނެ އެވެ. ޔާމީންގެ ފަރާތުން ރައީސް މުއިއްޒަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު އޭގެ ތެރޭގައި، އެމަނިކުފާނުގެ ފޯނު ކޯލަށް ރައީސް ޖަވާބު ނުދެއްވުމާއި ޖަލު ހުކުމުން މިނިވަން ނުކުރުން ހިމެނެ އެވެ.