Advertisement

ހިމާޔަތް ކޮށްފައިވާ ސަރަހައްދުން ވެލި ނެގޭގޮތަށް ސަރުކާރުން ބަދަލު ކުރީ ރާޖޫއަށްޓަކައި: އެމްޑީޕީ

9 އޭޕްރީލް 2024 - 20:07 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަޖިލީހުގެ ކޮމެޓީއެއްގައި އަހުމަދު އީސަ ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު


ހިމާޔަތް ކޮށްފައިވާ ސަރަހައްދުން ވެލި ނެގޭގޮތަށް ސަރުކާރުން ބަދަލު ކުރީ ރާޖޫއަށްޓަކައި: އެމްޑީޕީ

9 އޭޕްރީލް 2024 - 20:07 0

ތަރައްގީގެ މަޝްރޫއުތައް ހިންގަން ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި "ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތައް" ކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން ވެލި ނެގުމާއި ބިން ހިއްކުން ހުއްދަވާ ގޮތަށް ސަރުކާރުން ގަވާއިދު ބަދަލުކުރީ ސީއެމްސީސީގެ މެނޭޖިން ޑިރެކްޓަރު، ރާޖޫއަށްޓަކައި ކަމަށް އިދިކޮޅު އެމްޑީޕީގެ ކެމްޕޭނު ތަރުޖަމާނު، އަހުމަދު އީސާ ތުހުމަތުކުރައްވައިފި އެވެ.

އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރޭ ވާހަކަދައްކަވަމުން އީސަ ވިދާޅުވީ ހިމާޔަތް ކޮށްފައި އޮންނަ ސަރަހައްދުތަކުން ވެލިނެހުން ފަދަ ކަންކަން ހުއްޓުވުމުގެ މަގުސަދުގައި ހަދާފައި އޮތް ގަވާއިދު ބަދަލު ކުރުމަކީ އެމްޑީޕީން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ތި ރަސްމާލެ ހިއްކަން ވެލި ނެގުމަށް ފަސޭހަ ކުރުމަށް ހަރަދު ކުޑަކޮށް ކައިރިން ވެލި ނަގާނެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ގަވާއިދު ބަދަލުކޮށް އެކަމަށް މަގުފަހިކޮށް ގަވާއިދަށް ބަދަލު ގެނައުމަކީ އެއީ ތިމާވެށި ހިމާޔަތް ކުރާ ޖަމާއަތްތަކާއި އަދި ހާއްސަކޮށް މި ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ އިންޑަސްޓްރީ، ޓޫރިޒަމްއާއި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ އިންވެސްޓު ކުރައްވަން ތިއްބެވި ވިޔަފާރިވެރިންނާއި މަސައްކަތް ކުރައްވާ ފަރާތްތައް ވަރަށް ކަންބޮޑުވާ ކަމެއް،" އީސަ ވިދާޅުވި އެވެ.

ވަކި ސަރަހައްދެއް ހިމާޔަތް ކުރުމަށް ސަރުކާރަކުން ނުވަތަ ކެބިނެޓަކުން ނިންމަނީ ވަރަށް ބޮޑު ދިރާސާއެއް ކޮށްގެން ކަމަށައި އެފަދަ ނިންމުންތައް ނިންމަނީ ކޮންމެހެން ނިންމަން ޖެހިގެން ކަމަށެވެ.

"ވަކި ސަރަހައްދެއް، ފަޅެއް، ފަރެއް، ރަށެއް އަދި ކޮންމެ ތަނެއް ކަމަށްވިޔަސް ވެސް ހިމާޔަތް ކުރަން ކެބިނެޓުން ނިންމަނީ ވަރަށް ބޮޑު ދިރާސާއެއްކޮށް އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ގަބޫލު ކުރެވިގެން، އެ ކަމަށް ހެދިފައި ހުރި ގަވާއިދުގައި ހުރި އުސޫލުތަކަކީ އެއީ ކޮންމެހެން ނިންމަންޖެހޭ އުސޫލުތައް ކަމަށް ގަބޫލު ކުރެވިގެން ކަނޑައެޅިފައި ހުރި އުސޫލުތަކެއް،" ކަންބޮޑުވުން ފާޅުކުރައްވައި އީސަ ވިދާޅުވި އެވެ.

އެކަން އެހެން އޮތް ނަމަވެސް މިއަދު ފެންނަނީ ހަމަ ކުއްލިއަކަށް އެ ގަވާއިދަށް ބަދަލު ގެނެސްފައިވާތަން ކަމަށް އީސަ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން މާލެ އަތޮޅުގައި ހިންގާ ރިސޯޓުތަކަށް ދިގު މުއްދަތެއްގައި ލިބޭ ގެއްލުން ނުހަނު ބޮޑު ވާނެކަން ވެސް އީސަ ފާހަގަކުރެއްވި އެވެ.

"އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް، ހާއްސަކޮށް އެންވެރިކަމާއި މަސްވެރިކަމަށް މިކަމުގެ ސަބަބުން ލިބޭ ގެއްލުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމަކަށްވުމަކީ އެކަށީގެންވާވަރުގެ ކަމެއް، އަޅުގަނޑު ސަރުކާރަށް ގޮވައިލަން، މިހާރުން މިހާރަށް އެ ގަވާއިދަށް، ރާޖޫއަށްޓަކައި އެ ގަވާއިދަށް ގެނައި ބަދަލު އަނބުރާ ކުރީގައި އެ ގަވާއިދުގައި އޮތް ގޮތަށް ރުޖޫއަކޮށްދެއްވަން،" އީސަ ވިދާޅުވި އެވެ.

ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުން ވެލި ނެގުމާއި ބިން ހިއްކުން ސަރުކާރުން ހުއްދަ ކުރީ ރާއްޖޭގެ ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު ބަދަލުކޮށްގެންނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ގެޒެޓުކުރި ބަދަލުގައިވާ ގޮތުން ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ބޭނުމަށް، ވަކި ޝަރުތުތަކެއް ފުރިހަމަކޮށް، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި "ސެންސިޓިވް" ސަރަހައްދުތަކުން ބިން ހިއްކުމާއި ވެލި ނެގުމާއި ފަޅު ފުންކުރުމުގެ ހުއްދަ ދެވޭނެ އެވެ.

މީގެ 11 އަހަރު ކުރިން އޭޕްރިލް 2، 2013 ގައި އަމަލުކުރަން ފެށި ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު ފުރަތަމަ އެކުލަވާލީ ހަތަރު ސަރަހައްދަކުން ވެލި ނެގުން މަނާވާ ގޮތަށެވެ. އެއީ:

  • ފަރުގެ ބޭރު ކައިރިން ފެށިގެން ރަށުގެ ގޮނޑުދޮށް ދޭތެރޭ 100 މީޓަރުގެ ފަޅުތެރެއަށް ވާ ސަރަހައްދު
  • އެއްވެސް ފަޅެއްގެ ނުވަތަ ފަޅެއްގެ ބޭރުތޮށިން ފެށިގެން 500 މީޓަރު ކައިރިން އެތެރެވަރި
  • ފަޅުތެރޭގައި ރަށެއް އޮންނަ ނަމަ، ރަށުގެ ހޭޅިފަށުން ފެށިގެން 50 މީޓަރު ފަޅުތެރޭގެ ސަރަހައްދު
  • ގާނޫނު ނަމްބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު) ގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ނުވަތަ "އެންވަޔަރަމެންޓަލީ ސެންސިޓިވް އޭރިޔާސް" ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކުން

ހިމާޔަތްކޮށްފައިވަ ސަރަހައްދުތަކާއި "ސެންސިޓިވް" ސަރަހައްދުތަކުން ވެލި ނެގުމުގެ އިތުރުން، އެ ސަރަހައްދުތަކާއި 200 މީޓަރަށް ވުރެ ކައިރިން ވެލި ނެގުމާއި ބިން ހިއްކުމާއި ފަޅު ފުންކުރުން ވެސް މަނާކޮށްފައިވެ އެވެ.

ނަމަވެސް ޖެހިގެން އައި އަހަރު ގަވާއިދަށް ބަދަލު ގެނެސް، ވަޒީރުންގެ މަޖިލީހުން ނިންމާ ތަރައްގީގެ މަޝްރޫއުތަކުގެ ބޭނުމަށް މިފަދަ ސަރަހައްދުތަކުން ވެލި ނެގުމާއި ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތްތަކަށް ޝަރުތުތަކެއް ފުރިހަމަކޮށް، ތަންފީޒީ އިދާރާ (އީޕީއޭ) ގެ ހުއްދަ ނަގައިގެން ކަމަށް ބަޔާންކޮށްފައިވެ އެވެ. އެ ޝަރުތުތަކަކީ:

  • (ހ) އެތަނެއްގައި ހުރި ދިރުންތަކާއި، ނެތިފަނާވެދިޔުމުގެ ބިރުހީވެފައިވާ ދިރުންތަކާބެހޭ ތަފުސީލީ ދިރާސާއެއް ހެދުން
  • (ށ) އެތަނެއްގައި ހުރި ނެތިފަނާވެދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް އެހެން ސަރަހައްދަކަށް ބަދަލުކޮށް، ދިރުވައި އާލާކޮށް މޮނިޓާ ކުރާނެ ގޮތުގެ ތަފުސީލީ ޕްލޭނެއް ހުށަހަޅައި، އެ ޕްލޭން ފާސްކުރުން
  • (ނ) އެތަނެއްގައި އެކުލެވޭ ގުދުރަތީ އަދި ތަބައީ ސިފަތައް ހިމެނޭ ގޮތަށް އެ ސަރަހައްދަށް ވުރެ ކުޑަ ނޫން ސަރަހައްދެއް ނުވަތަ ސަރަހައްދުތަކެއް ނުވަތަ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާ މިންވަރަކަށް ކަނޑައަޅާ ތަނެއްގައި ނުވަތަ ތަންތަނުގައި ކަމާގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި، އުސޫލުުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިމާޔަތްކޮށް، މެނޭޖުކޮށް، ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން
  • (ރ) ބަދަލު ގެނައުމުގެ ސަބަބުން ފެންފަށަލައަށް ކުރާނެ އަސަރު ދެނެގަނެ، އަންނާނެ ބަދަކުތައް ދިރާސާކޮށް، ބަދަލެއް އަތުވެދާނެކަމަށް ފެންނަނަމަ އެކަން ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަދި މިކަންކަން ތަންފީޒީ އިދާރާއިން މޮނިޓާ ކުރުން
  • (ބ) ބަދަލު ގެނައުމުގެ ސަބަބުން ރަށުގައި ދިމާވެދާނެ ފެންބޮޑުވުމުގެ މައްސަލަ ދިރާސާކޮށް އެކަން ހައްލުކުރުމަށް އެކަށީގެންވާ ފެންހިންދުމުގެ ނިޒާމެއް (ޑްރެއިނޭޖް ސިސްޓަމް) އެ ރަށުގައި ގާއިމްކުރުން

މި ޝަރުތުތައް ކަނޑައަޅާފައި އޮތް ނަމަވެސް، ގަވާއިދުގެ އެ މާއްދާގައި އޮތް އިބާރާތުން އެ ސަރަހައްދުތަކުން ވެލި ނެގުމާއި ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަކަށް ބަޔާންކޮށްފައި ނެތެވެ.

ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު


ކުރީގެ އިސްލާހުގައި 13 ވަނަ މާއްދާގެ (ރ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަމްބަރުގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ވަޒީރުންގެ މަޖިލީހުން ނިންމަވާ، ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއެއް ހިންގުމަށް، އެފަދަ ސަރަހައްދެއްގައި ބިން ހިއްކުމާއި، ވެލި ނެގުމާއި، ފަޅު ފުންކުރުން ފަދަ މަސައްކަތެއް ކުރަންވާނީ އެދިޔާރު ނުވަތަ އެ މަޝްރޫއުއެއް ރާވައި ހިންގާ ފަރާތުން އަންނަނިވި ކަންތައްތައް ފުރިހަމަ ކުރުމަށް ޝަރުތުކޮށް ތަންފީޒީ އިދާރާއިން ހުއްދަ ދިނުމަށްފަހުގައެވެ. އާ ގަވާއިދުގައި 13 ވަނަ މާއްދާގެ (ރ) ގެ (2) މި މާއްދާގެ (ރ) ގެ (1) ވަނަ ނަމްބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއެއް ހިންގުމަށް ޓަކައި، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެފަދަ ސަރަހައްދެއްގައި ބިންހިއްކުމާއި، ވެލި ނެގުމާއި، ފަޅު ފުންކުރުން ފަދަ މަސައްކަތެއް ކުރެވިދާނެ އެވެ. އެގޮތުން މަސައްކަތެއް ކުރަންވާނީ، އެދިޔާރު ނުވަތަ އެ މަޝްރޫއު ރާވައި ހިންގާ ފަރާތުން އަންނަނުވު ކަންތައްތައް ފުރިހަމަކުރުމަށް ޝަރުތުކޮށް، ތަންފީޒީ އިދާރާއިން ހުއްދަ ދިނުމަށް ފަހުގައެވެ.

މިފަހަރު ގެނައި ބަދަލުގައި އެ މާއްދާ އިބާރާތްކުރީ ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއެއް ހިންގުމަށް ޓަކައި، ހަމަ ކުރިން ކުރި ޝަރުތުތެއް ފުރިހަމަކޮށް އީޕީއޭގެ ހުއްދަ ނަގައިގެން، އެ ފަދަ މަސައްކަތްތައް ކުރެވިދާނެ ކަމަށް ބަޔާންކޮށެވެ.

އެހެންވެ މިފަހަރުގެ ބަދަލުގައި އެ މާއްދާ އިބާރާތްކުރިއިރު، އެ މަސައްކަތްތައް ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި މާއްދާތައް ތަރުތީބުކޮށްފައި އޮތް ގޮތަށް ބަދަލުގެނެސް، 13 ވަނަ މާއްދާގެ (ރ) އަށް ނަމްބަރުތަކެއްގެ ގޮތުގައި މިކަމަށްޓަކައި ފުރިހަމަކުރަން ޖެހޭ ޝަރުތުތައް ހިމަނާފަ އެވެ.

ބެލެވޭ ގޮތުގައި ގަވާއިދު ބަދަލުކުރީ އިބާރާތް ރަނގަޅުކޮށް، އާންމުކޮށް މާއްދާތައް ތަރުތީބުކޮށްފައި އޮންނަ ގޮތަށް ގަވާއިދު ފެއްތުމުގެ ބޭނުމުގަ އެވެ. ނަމަވެސް އެންވަޔަރަމަންޓް މިނިސްޓްރީން ޖަވާބު ނުދޭތީ ގަވާއިދު ބަދަލުކުރި ރަސްމީ ސަބަބެއް ނޭނގެ އެވެ.