Advertisement

ފިތުރު އީދަށް މާލެ އާއި ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތައް ދިއްލާލަން ދައުލަތުން 42 މިލިއަން ރުފިޔާ ހަރަދުކުރި

9 އޭޕްރީލް 2024 - 14:43 1

އަހުމަދު އާއިދު

އަހުމަދު އާއިދު

"އީދު އަލި" ނަން ދީގެން ސަރުކާރުން ހިންގާ ހަރަކާތް ރައީސް މުއިއްޒު ރަސްމީކޮށް ފައްޓަވައިދެނީ : އީދަށް ސިޓީތަކާއި ވެރިރަށް ދިއްލާލަން ދައުލަތުން 42 މިލިއަން ހަރަދުކުރި - ފޮޓޯ: އިޔާދު / އަދަދު


ފިތުރު އީދަށް މާލެ އާއި ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތައް ދިއްލާލަން ދައުލަތުން 42 މިލިއަން ރުފިޔާ ހަރަދުކުރި

9 އޭޕްރީލް 2024 - 14:43 1

ރައްޔިތުންގެ މެދުގައި ދީނީ އެއްބައިވަންތަކަމާއި އިސްލާމީ ރޫހު އާލާކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މާދަމާ ފެށޭ މި އަހަރުގެ ފިތުރު އީދަށް ސިޓީތަކާއި ވެރި ރަށްތައް ދިއްލާލުމަށް ދައުލަތުގެ ބަޖެޓުން 42.19 މިލިއަން ރުފިޔާ ހަރަދު ކުރިކަމަށް ސިޓީސް، ލޯކަލް ގަވަމަންޓު އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނެފި އެވެ.

މިކަމާ ގުޅިގެން "އަދަދު" އަށް މައުލޫމާތު ދެއްވަމުން ލޯކަލްގަވަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރަޝީދު ވަނީ މި މަޝްރޫއަށް ހަރަދުވެފައިވަނީ އެވަރުކަން ކަށަވަރުކޮށްދެއްވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިންގަލް ސޯސް ޕްރޮކިއުމެންޓުގެ ދަށުން މި މަސައްކަތް ހަވާލުކުރީ ސްޓެލްކޯއަށް ކަމަށެވެ. މި މަސައްކަތުގެ ތެރޭގައި ބޭނުންވާ ލައިޓުތަކާ ގިޑިގެ ފަދަ ސާމާނު ގަނެ ހަރުކުރުމާއި ރަށްރަށާއި ސިޓީތަކަށް ފޮނުވާ ހަރުކުރުން ހިމެނޭ ކަމަށްވެސް އަހުމަދު ރަޝީދު ވިދާޅުވި އެވެ.

ރަށްރަށުގައި މިތަކެތި ހަރުކުރުމުގައި ފެނަކަ ކުންފުނިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސްޓެލްކޯއިން މި ތަކެތި ގަނެފައިވަނީ ޗައިނާގެ ކުންފުންޏަކުންނެވެ. އެ ކުންފުނީގެ މުވައްޒަފުން ކަމަށް ބެލެވޭ މީހުން ވެސް މި ތަކެތި މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރުމުގެ މަސައްކަތުގައި ބައިވެރިވާ މަންޒަރު ފެނިފައިވެ އެވެ.

އަހުމަދު ރަޝީދު ވިދާޅުވީ މާލެ އާއި ހަތަރު ސިޓީ އަދި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްތައް ހިމެނޭހެން ޖުމްލަ 21 ސަރަހައްދެއް "އީދު އަލި" ނަން ދީގެން ސަރުކާރުން ހިންގާ ހަރަކާތުގެ ދަށުން ދިއްލައިލި ކަމަށެވެ.

މި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ ރޭ ޖުމްހުރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ހަރަކާތްތައް ބޭނުންވާ ތަކެތި ގަންނަން ހަރަދުކޮށްފައިވަނީ ލޯކަލްގަވަމަންޓު މިނިސްޓްރީގެ ބަޖެޓުން ނަމަވެސް އެ ތަކެތި ދެން ބަހައްޓަން ނިންމާފައިވަނީ ރަށްރަށާއި ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އަހުމަދު ރަޝީދު ވިދާޅުވި އެވެ.