Advertisement

އަމީން ވިދާޅުވީ ކުޑަފަރިއަށް ސީ-ޕްލޭން ޖެއްސޭނެ ހާލަތެއް އިއްޔެ ނެތް ކަމަށް

9 އޭޕްރީލް 2024 - 11:47 0

ނިމާ ހަސަން

ނިމާ ހަސަން

ސީޕްލޭން އެމްބިއުލާންސް; ސީޕްލޭން އެމްބިއުލާންސްގައި ކުޑަފަރިން ބަލިމީހަކު އުފުލަން ދެކޮޅު ހެދުން މިނިސްޓަރު ދިފާއު ކުރެއްވި -- ފޮޓޯ: އައިލެންޑް އޭވިއޭޝަން


އަމީން ވިދާޅުވީ ކުޑަފަރިއަށް ސީ-ޕްލޭން ޖެއްސޭނެ ހާލަތެއް އިއްޔެ ނެތް ކަމަށް

9 އޭޕްރީލް 2024 - 11:47 0

ސްޓްރޯކެއް ޖެހުނު ނ. ކުޑަފަރީ ދުވަސްވީ މީހަކު އެއާ އެމްބިއުލާންސްގައި އިއްޔެ މާލެ ނުގެނެވުނީ ސީ-ޕްލޭން ޖައްސާނެ ހާލަތެއް އިއްޔެ ނެތުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ސްޓްރޯކެއް ޖެހިގެން ކުޑަފަރިން ބަލިމީހާ މާލެ ގެންދިއުމަށް އެރަށު ސިއްހީ މަރުކަޒުން ލަފާ ދިނީ އިއްޔެ މެންދުރެވެ. އެހެން ނަމަވެސް, އެއާ އެމްބިއުލާންސް އެރަށަށް ދާން ދެކޮޅު ހެދުމުން ބަލިމީހާ މާލެ ފުރުވާލެވުނީ އެ އަތޮޅު މާފަރަށް ގެންގޮސްގެން އިއްޔެ އިރުއޮއްސުނު ފަހުންނެވެ. ކުޑަފަރި ކައުންސިލުން އިއްޔެ ބުނީ ސީ-ޕްލޭން އެރަށަށް ދިއުމަށް ދެކޮޅު ހެދީ ޕްލޭން ޖައްސަން އުނދަގޫ ވާނެ ކަމަށް ބުނެ އެވެ.

އެކަމުގެ ދިފާއުގައި މިނިސްޓަރު އަމީން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, އުދަ އެރުމާއި މޫސުމާ ހެދި ސީޕްލޭން އޮޕަރޭޝަންތަކަށް ކުރިމަތިވާ ދަތިތަކުގެ ސަބަބުން, ކޮންމެ ވަގުތަކު ކޮންމެ ރަށަކަށް ދިއުމަށް ހުރަސް އެޅޭ ކަމަށެވެ. އަދި ރާއްޖޭގެ ގިނަ ރަށްރަށުގައި ސީޕްލޭން ޖައްސަން ހާއްސަ ސަރަހައްދެއް ނެތް ނަމަވެސް, ސީޕްލޭން އެއާ އެމްބިއުލާންސްއަށް އަންނަ 96 ޕަސަންޓަށްވުރެ ގިނަ ރިކުއެސްޓުތަކަށް އިޖާބަ ދޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވި ނަމަވެސް ކުޑަފަރީ ކައުންސިލުގެ ރައީސް އަލީ ޝަމީމް މުހައްމަދު ވިދާޅުވީ, އެރަށަކީ މީގެ ކުރިން ވެސް އާންމުކޮށް ސީޕްލޭން ޖައްސާ ރަށެއް ކަމަށެވެ. އެގޮތުން އެރަށު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވަޑައިގެންނެވީ ސީޕްލޭންގައި ކަމަށާއި އެރަށަށް ނިސްބަތްވާ ސަން ޓްރެވެލް ޝިޔާމް ވެސް އާންމުކޮށް ސީޕްލޭނުގައި އެރަށަށް ދަތުރު ކުރައްވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރަނީ އެއްފަހަރާ ދެ މީހުން އުފުލުމުގެ ކެޕޭސިޓީ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މަތިންދާބޯޓަކާއި އެންމެ މީހަކު އުފުލޭ ގޮތަށް ފަރުމާ ކޮށްފައިވާ ސީޕްލޭނެކެވެ. އެއާޕޯޓު ނެތް ރަށްރަށުން ބަލި މީހުން އުފުލުމަށް ބޭނުން ކުރަނީ ސީޕްލޭނެވެ.

އެ ބޯޓުތަކުގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން އަވަސް ފަރުވާ ދިނުމަށް ތަމްރީނުކޮށްފައި ތިބި 15 ހިދުމަތްތެރިން ހަރަކާތްތެރިވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.