Advertisement

ފެކްޓް ޗެކް: ޔާމީން މިނިވަންކުރަން ގޮވުމުގައި ފާތުން ބައިވެރިވީ އެއް ފަހަރު، އެ ވެސް މުއިއްޒަށް ވޯޓު ހޯއްދަވަން!

8 އޭޕްރީލް 2024 - 13:53 1

ރައީސް ޑރ،،މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ކުރި ކެމްޕެއިނުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:މިރާޝް ނާޝިމް


ފެކްޓް ޗެކް: ޔާމީން މިނިވަންކުރަން ގޮވުމުގައި ފާތުން ބައިވެރިވީ އެއް ފަހަރު، އެ ވެސް މުއިއްޒަށް ވޯޓު ހޯއްދަވަން!

8 އޭޕްރީލް 2024 - 13:53 1

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އަރިހުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ އެމަނިކުފާނަށް އިހުލާސްތެރި ބައެއް ނޫން ކަމަށް ސިފަކުރައްވައި، އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނުގެ އިހުލާސްތެރިކަމާ މެދުގައި ވެސް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އިއްޔެ ސުވާލު އުފެއްދެވި އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ އެންމެ ނުފޫޒު ގަދަ، އިސް ވަޒީރުގެ ގޮތުގައި ހުންނެވި އަބްދުއްރަހީމް އިއްޔެ ވިދާޅުވީ ޔާމީން މިނިވަން ކުރަން ގޮވާލައި ޕީޕީއެމް/ޕީއެންސީން ކުރި މުޒާހަތަކުގައި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ.

ޕީއެންސީ/ޕީޕީއެމްގެ އިސް ބޭފުޅުން އިއް ބޭއްވި ޕެނަލް ޑިސްކަޝަނެެއްގައި އަބްދުއް ރަހީމް ފުރަތަމަ ވަރަށް ތަފްސީލުކޮށް ވާހަކަދެއްކެވީ ޔާމީނުގެ އަރިހުގައި މިހާރު ތިއްބެވި ބޭފުޅުންގެ މާޒީއާ ބެހޭ ގޮތުންނެވެ. ކުރީގެ ނައިބު ރައީސް އަދި ޔާމީނުގެ އިސް ވަކީލު ޑރ.މުހައްމަދު ޖަމީލާ ހިސާބުން ފެށްޓެވި އެވާހަކަ ނިންމަވައިލެއްވީ ޔާމީނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމާއި ދަރިކަލުން ޒެއިންއާ ހިސާބުންނެވެ.

"އަޅުގަނޑު ސުވާލު އުފައްދަން މިއަދު ކީއްވެގެންތޯ ރައީސް ޔާމީނު އެއޮތްހުރިހާ ދުވަހު ޖަލުގައި އޮތް އިރު މެޑަމް ފާތުމަ އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ. ޒޭނު އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ ކީއްވެގެންތޯ؟ މިއީ ސުވާލު އުފައްދަން ޖެހޭ ކަމެއް ނޫންތޯ؟" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް އެ މޭރުމުން ވާހަކަ ދެއްކެވުމުން ފާޑުކިއުން އިތުރުވެފައި ވާތީ އެ ވާހަކައިގެ ތެދު ދޮގު ބަލަން "އަދަދު" އިން ކުރި މަސައްކަތުން އެނގުނީ އަބްދުއްރަހީމް އެ ދެއްކެވި ވާހަކައަކީ މުޅިން ދޮގެއް ނޫން ކަމެކެވެ.

ރައީސް ޔާމީނު މިނިވަންކުރަން މާލޭގެ މަގުމަތީގައި ގޮވައިލި ހިނގާލުމެއްގައި ފާތިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންނެވި އެވެ. އެއީ ސެޕްޓެމްބަރު 4، 2023 ގައި ޕީޕީއެމް/ޕީއެންސީން ބޭއްވި ޖަލްސާއަކަށް ވަޑައިގެންނެވި މަގުމަތީގަ އެވެ.

އެރޭ މެޑަމް ފާތުމަތު އިބްރާހިމް ވަޑައިގަތީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ ބޮޑު ލަޝްކަރަކާ އެކުގަ އެވެ. އެއް އަޑަަކަށް ގޮވަމުން ދިޔައީ ރައީސް ޔާމީން މިނިވަން ކުރުމަށެެވެ. އޭރު އެހެން ގޮވުން ވެސް ވެފައި އޮތީ އޭރުގެ އިދިކޮޅު ކެންޑިޑޭޓް، މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ކުރާ ކެމްޕެއިނަކަށެވެ. މެޑަމް ފާތުމަތު އިބްރާހިމް ވެސް އެރޭ ވަޑައިގަތީ ކާނިވާގައި ހުރި ޕީޕީއެމްގެ ޖަގަހައިގައި އޮތް، ރައީސް މުއިއްޒުގެ ކެމްޕޭނު އިވެންޓަކަށެވެ. "ފްރީ ޔާމީން" ގޮވުމުގައި ފާތުން ބައިވެރިވީ މުއިއްޒަށް ވޯޓު ހޯއްދެވުމަށެވެ.