Advertisement

ފީފާގެ ޓީމެއް މި މަސް ތެރޭ ރާއްޖެ އަންނަނީ

8 އޭޕްރީލް 2024 - 11:48 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އެފްއޭއެމް އިން އެންމެ ފަހުން ބޭއްވި ކޮންގްރެސްގެ ތެރެއިން ބައްސާމް ވާހަކަ ދައްކަނީ.--- ފޮޓޯ: އަދަދު


ފީފާގެ ޓީމެއް މި މަސް ތެރޭ ރާއްޖެ އަންނަނީ

8 އޭޕްރީލް 2024 - 11:48 0

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އާއި އޭއެފްސީގެ ފަރާތްތައް ހިމެނޭ ޓީމެއް ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދެނެގަންނަން މި މަސް ތެރޭ ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް "އަދަދު" އަށް މައުލޫމާތު ލިބިއްޖެ އެވެ.

އެފްއޭއެމްގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން އަންގައި، އޭއެފްސީ އާއި ފީފާ އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދާދި ފަހުން އަންގާފައިވެ އެވެ.

އެ ގޮތުން، ފީފާ އާއި އޭއެފްސީން އެ ކަމަށް ފޮނުވި ސިޓީގައި ވަނީ، އޭއެފްސީ އާއި ފީފާގެ ޓީމެއް، ރާއްޖެ އަންނާނެކަމަށް ބުނެފަ އެވެ. އެއީ، މައްސަލަތައް ފުނިޖެހިފައިވާ ރާއްޖޭގެ ފުޓްބޯޅައިގެ މި ވަގުތުގެ ހާލަތު ދެނެގަތުމަށެވެ.

ފީފާ އާއި އޭއެފްސީގެ ޓީމެއް އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް، އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު) ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، އޭރު ޖައުޝަން ވިދާޅުވީ، ފީފާ/އޭއެފްސީގެ ޓީމު އަންނާނެ ވަކި ތާރީހެއް ބުނަން ނޭނގޭ ކަމަށެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފީފާގެ ޓީމެއް މި މަސް ތެރޭ ރާއްޖެ އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެ ގޮތުން، އެ ޓީމުން ރާއްޖެ އައުމަށް ފަހު، އެފްއޭއެމް އާއި ދިވެހި ފުޓްބޯޅައާ ގުޅޭ އެކި ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށް، ރާއްޖޭގެ ފުޓްބޯޅައިގެ ޖުމްލަ ހާލަތު ދެނެގަނެ، ކުރިއަށްދާނެ ގޮތެއް ކަނޑައަޅާނެ އެވެ.

މީގެ ކުރިން، 2019 ވަނަ އަހަރު ފީފާގެ ޓީމެއް ރާއްޖެ ޒިޔާރާތްކޮށްފައިވެ އެވެ. އެއީ، އޭރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްގެންދަން މަސައްކަތްކުރި ދަނޑިވަޅެއްގަ އެވެ.

އެ ފަހަރު، ފީފާގެ ޓީމުން އައިސް ބެލީ، އެފްއޭއެމްގެ ރައީސް ބައްސާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްދަނީ އުސޫލުތަކާ އެއްގޮތަށް ތޯ އެވެ. އެކަމަކު، އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ކްލަބްތަކުން ގަރާރުގައި ސޮއިނުކުރާ ކަމަށް ބުނުމުން، ފީފާ އިން ނިންމީ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްގެންދެވޭ ވަރަށް ކްލަބްތަކުގެ ތާއީދު ނެތް ކަމަށެވެ.

އޭރުގެ ހާލަތާއި މިހާރު އޮތް ހާލަތު ތަފާތެވެ. އެފްއޭއެމް އަށް ފީފާ އިން ކަންކަމުގައި ދޭ އެއްބާރުލުން ވެސް އަންނަނީ ކުޑަވަމުންނެވެ.

އެ ގޮތުން، ފީފާ އިން ގައުމުތަކަށް ދޭ ޑިވެލޮޕްމަންޓް ފަންޑް ވެސް އެފްއޭއެމަށް ދިނުން ވަނީ ހުއްޓާލައިފަ އެވެ. އެއީ، އެފްއޭއެމްގެ މާލީ މައްސަލަތަކެއް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަމުން އަންނާތީ ކަމަށް އެނގިފައިވެ އެވެ.

އެފްއޭއެެމްގެ ރައީސް، ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ ވެސް ވަނީ އުފުލައިފަ އެވެ.

މާލީ ގޮތުން ބޮޑު މައްސަލަތަކެއްގެ ތެރޭގައި އޮތް އެފްއޭއެމްއާ ދެކޮޅަށް ދާދި ފަހުން ވެސް ވަނީ ކޯޓުން ހުކުމެއް ކޮށްފަ އެވެ. އެ ގޮތުން، ސިވިލް ކޯޓުން ހުކުމް ކުރީ ބީހައިވް ހޮޓަލަށް އެފްއޭއެމުން ދައްކަންޖެހޭ އެއް ލައްކަ ޑޮލަރު ދައްކާ ހަލާސްކުރާށެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ވާ ގޮތުން އެފްއޭއެމުން ބީހައިވް އަށް ދައްކަން ޖެހޭ ދަރަނީގެ ޖުމްލަ އަދަދަކީ 102،186.87 ޑޮލަރެވެ. މީގެ ކުރިން، ވެސް ކޯޓުން މި ކަހަލަ ފައިސާގެ މައްސަލަތަކުގައި އެފްއޭއެމުން ލާރި ދައްކަން އަންގައި، ހުކުމް ކުރި ނަމަވެސް އެއާ އެއްގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ.