Advertisement

ޔުނައިޓެޑާ އެއްވަރުވެ ލިވަޕޫލުން ފުރުސަތު ނަގާލައިފި

8 އޭޕްރީލް 2024 - 02:41 0


ޔުނައިޓެޑާ އެއްވަރުވެ ލިވަޕޫލުން ފުރުސަތު ނަގާލައިފި

8 އޭޕްރީލް 2024 - 02:41 0

ލަންޑަން (އޭޕްރީލް 8) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ 2-2 އިން އެއްވަރުވެ، ލިވަޕޫލުން ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

ލީގުގެ އެއް ވަނައިގައި މި ވަގުތު އޮތް އާސެނަލާއި ދެ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 31 މެޗުން 71 ޕޮއިންޓް ލިބިފަ އެވެ. އާސެނަލް ކުރީގައި އޮތީ ފައިދާ ގޯލުންނެވެ. ލިވަޕޫލުން އެއް ވަނަ އަށް އަރަން ރޭ ޔުނައިޓެޑް އަތުން މޮޅުވާން ޖެހެ އެވެ. އެކަމަކު، ޕޮއިންޓަކުން ޖެހުނީ ފަރުޖައްސާލައިފަ އެވެ.

ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އަށް ވަނީ 31 މެޗުން 70 ޕޮއިންޓް ލިބިފަ އެވެ.

ޔުނައިޓެޑް ދަނޑުގައި ލިވަޕޫލުން ލީޑުނެގީ، 23 ވަނަ މިނިޓްގައި ލުއިޒް ޑިއާޒް ޖެހި ގޯލުންނެވެ. މިއީ، ކޯނަރެއްގައި އައި ހުރަހެއްގައި ޑާވިން ނޫނޭޒް ބޮލުން ޖައްސާލި ބޯޅައަކުން ޑިއާޒް ވޮލީ އަކުން ޖެހި ލަނޑެކެވެ.

ފުރަތަމަ ހާފުގައި ދަށްކޮށް ދިޔަ ނަމަވެސް، މެޗުގެ ދެ ވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ނަތީޖާ އަނބުރާލައިފަ އެވެ. ޔުނައިޓެޑުން އެއްވަރުކުރީ މެޗުގެ 50 ވަނަ މިނިޓްގަ އެވެ. މިއީ ލިވަޕޫލްގެ ޖަރެލް ކުއަންސާ ފަހަތަށް ދިން ބޯޅައެއް ހޯދައި ހާފުގެ މެދެއްހާ ހިސާބުން ބްރޫނޯ ފެނާންޑޭސް ޖެހި ލަނޑެކެވެ. ލިވަޕޫލްގެ ކީޕަރު، ކޮއިމްހިން ކެލަހާ އަރައި ހުއްޓައި، ފެނާންޑޭސް ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ކެލަހާ އަތްމަތިން ގޮހެވެ.

ޔުނައިޓެޑުން ލީޑުނެގީ 67 ވަަނަ މިނިޓްގައި ކޯބީ މައިނޫ ޖެހި ގޯލުންނެވެ. އޭރިއާތެރެއިން މައިނޫ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަަނަށެވެ.

ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގައި ލިވަޕޫލުން ކާމިޔާބެއް ހޯދީ މެޗުގެ 84 ވަނަ މިނިޓްގަ އެވެ. ލިބުނު ޕެނަލްޓީ އަކުން މި ލަނޑު ޖެހީ މުހައްމަދު ސަލާހު އެވެ. މިއީ، ލިވަޕޫލްގެ ހާވީ އެލިއަޓަށް އޭރިއާތެރެއިން ޔުނައިޓެޑްގެ އާރޮން ވަން ބިސާކާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ލީގުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑުން ވަނީ ފަހު ވަގުތު ލަނޑު ޖަހައި، 2-2 އިން ޗެލްސީއާ އެއްވަރުކޮށްފަ އެވެ. ޗެލްސީގެ ތިއާގޯ ސިލްވާ ގޯލު ޖަހައި، އެ ޓީމަށް ލީޑުނަގައިދިން މެޗުގައި، ޝެފީލްޑަށް އެއްވަރުކޮށްދިނީ ޖޭޑަން ބޮގްްލް އެވެ. އަލުން ޗެލްސީ އަށް ލީޑުނަގައިދިނީ ނޯނީ މަޑުއޭކޭ އެވެ. މެޗުގެ އިތުރު ވަގުތުގައި ޝެފީލްޑަށް އެއްވަރުކޮށްދިނީ އޮލީ މެކްބާނީ އެވެ.

ލީގުގެ ނުވަ ވަނައިގައި ޗެލްސީ އޮތީ 30 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ.

ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ ރޭ 3-1 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް، ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެއީ، 31 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ހަތަރެއްގައި އޮތް އެސްޓަން ވިލާ، ފަސް ވަނައިގައި އޮތީ، 32 މެޗުން 60 ޕޮއިންޓާ އެކު އެވެ.

މެޗުގެ 15 ވަނަ މިނިޓްގައި ފޮރެސްޓްގެ މުރީލޯ އަތުން ބައިކޮޅަށް ވަން ގޯލުން ޓޮޓެންހަމް އިން ލީޑުނެގި އެވެ. އޭގެ 12 މިނިޓް ފަހުން، ފޮރެސްޓުން އެއްވަރުކުރީ، ކްރިސް ވުޑް ޖެހި ގޯލުންނެވެ. ޓޮޓެންހަމް މޮޅުވީ ދެ ވަނަ ހާފުގައި، ވެން ޑަ ވެން އާއި ޕެޑްރޯ ޕޯރޯ ޖެހި ލަނޑުތަކުންނެވެ.