Advertisement

ހަރަދުކުރުން ކޮންޓްރޯލްކުރާ ގަވާއިދަށް ވޯޓުނުދިނީ އިނގިރޭސި ތިން ކްލަބަކުން

30 އޭޕްރީލް 2024 - 14:33 0


ހަރަދުކުރުން ކޮންޓްރޯލްކުރާ ގަވާއިދަށް ވޯޓުނުދިނީ އިނގިރޭސި ތިން ކްލަބަކުން

30 އޭޕްރީލް 2024 - 14:33 0

ލަންޑަން (އޭޕްރީލް 30) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ލިބޭ އާމްދަނީ އަށް ބަލާފައި ހަރަދުކުރެވޭނެ މިންވަރު ކޮންޓްރޯލް ކުރެވޭ ގަވާއިދެއް ހަދަން އެކުލަވާލި އެއްބަސްވުމާ ދެކޮޅަށް ތިން ކްލަބަކުން ވޯޓުދީފި އެވެ.

ސްޕެންޑިން ކެޕް މޮޑެލްގެ ނަމުގައި، އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ތައާރަފްކުރާ މި ހަރަދުކުރުމުގެ އޮނިގަނޑާ އެއްކޮޅަށް 16 ކްލަބަކުން ވޯޓު ދިނެވެ. މިއާ ދެކޮޅަށް ވޯޓު ދިނީ، މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް އަދި އެސްޓަން ވިލާ އިންނެވެ.

ޗެލްސީން ނިންމީ ވޯޓުގައި ބައިވެރިނުވާށެވެ.

ޕްރިމިއާ ލީގުގެ ޓީމުތަކުން ހަރަދުުކުރުމުގެ ކަންކަން ކޮންޓްރޯލް ކުރުމަށް އޮތް، ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) އަކީ ބޮޑެތި ކްލަބްތަކަށް ފައިދާވާ ގޮތަށް ހެދިފައި އޮތް އުސޫލެއް ކަމަށް ބުނެ، އެ އަށް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. އެ ގޮތުން، އެފްއެފްޕީއާ ހިލާފުވެފައިވާތީ، އެވަޓަން އާއި ނޮޓިންހަމް ފޮރެސްޓްގެ ޕޮއިންޓް އުނިކުރަން ނިންމިއިރު، 115 މައްސަލަ ފެންމަތިވެފައި އޮތް މެންޗެސްޓާ ސިޓީއާ ދެކޮޅަށް ފިޔަވަޅެއް ނާޅާތީ އެކަމާ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

މިހާރު ޕްރިމިއާ ލީގުގައި އޮތް އެފްއެފްޕީ ގަވާއިދުގައިވާ ގޮތުން، ތިން ސީޒަނެއްގެ ޖުމްލަ، 105 މިލިއަން ޕައުންޑަށް ވުރެ ދަރަނި ބޮޑު ނުވާ ގޮތަށް ކޮންމެ ކްލަބަކަށް ހަރަދުކުރެވިދާނެ އެވެ. އަލަށް ތައާރަފްކުރާ ސްޕެންޑިން ކެޕް ގަވާއިދުގެ ދަށުން ކްލަބަކަށް ހަރަދުކުރެވޭނީ، އެ ޓީމެއް ހޯދާ އާމްދަނީއެއްގެ މައްޗަށް ބަލައި، ދަރަނި ބޮޑުނުވާ ގޮތަށްވަކި ޕަސެންޓެކެވެ.

މި ގަވާއިދު ރަސްމީކޮށް ފާސްކުރަން، އަންނަ ޖޫން މަހު އޮންނަ ޕްރިމިއާ ލީގުގެ އަހަރީ ބައްދަލުވުމުގައި ވޯޓަށް އަހާނެ އެވެ.