Advertisement

ޕީއެންސީގެ ކެމްޕޭން ޖަލްސާތައް ޕީއެސްއެމުން ދައްކަނީ ރައީސް ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި

7 އޭޕްރީލް 2024 - 13:02 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޕީއެންސީގެ ކެމްޕޭން ޖަލްސާތައް ޕީއެސްއެމުން ދައްކަނީ ރައީސް ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި

7 އޭޕްރީލް 2024 - 13:02 2

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރަމުންދާ ކެމްޕޭނުގެ ޖަލްސާތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ދައުލަތުގެ މީޑިއާ, ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ދައްކަން ފަށައިފި އެވެ.

މާޗު 30, އިން ފެށިގެން މިއަދާ ހަމައަށް ޕީއެސްއެމުން ދައްކާފައިވާ ޕީއެންސީގެ 14 ކެމްޕޭން ޖަލްސާއެއް ދައްކާފައި ވަނީ "ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވުން" ނަމުގަ އެވެ. މި ބައްދަލުވުންތައް އެހެން ޓީވީ ޗެނަލްތަކުން ދެއްކީ ޕީއެންސީގެ ކެމްޕޭން ހަރަކާތެއްގެ ނަމުގަ އެވެ.

ޕީއެސްއެމް ޗެނަލްގެ ތިރީގައި ދައުރުވާ ލޭބަލްގައި ވެސް ޖަހާފައި އޮންނަނީ މިހެންނެވެ. އަދި, އެ ޗެނަލްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން އިވެންޓު ލައިވް ކުރަނީ ވެސް އެހެން ޖަހައިގެންނެވެ.

އެޕްރީލް 28, 2015 ގައި އަމަލުކުރަން ފެށި ޕީއެސްއެމްގެ ގާނޫނުގައިވާ ގޮތުން އެ އިދާރަކީ ހުރިހާ ސިޔާސީ ނުފޫޒަކުން އެއްކިބާވެފައިވާ ހަމަހަމަކަމާ އެކު ރައްޔިތުންނަށް ހިދުމަތް ދޭ ތަނަކަށް ވާން ޖެހެ އެވެ.

އެ ގާނޫނުގައި "ނުފޫޒުން އެއް ކިބާވުން" މި ސުރުހީގެ ދަށުން އޮތް ހަ ވަނަ މާއްދާގެ ރ. ގައި އޮތީ "ވަކި ފަރާތެއްގެ ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ އަމަލެއް ޕަބްލިކް ސާވިސް މީޑިއާއިން ހިންގައިގެން ނުވާނެ" ކަމަށެވެ.

ގާނޫނުގައި މިހެން އޮތް އިރު ޕީއެސްއެމްގެ ސޯޝަލް މީޑިއާ ހޭންޑުލްތަކުން އަންނަނީ ރައްޔިތުންގެ މަޖިލީހަށް ޕީއެންސީން ކުރާ ކެމްޕެއިނުގެ ގިނަ އަދަދެއްގެ ވަކިވަކި ކްލިޕްތައް ހަދައި، ސޯޝަލް މީޑިއާ ކެމްޕެއިނެއް ގޮތަށް ގެންދަނީ އާންމުކުރަމުންނެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެމްޕޭނުގައި ދައުލަތުގެ މީޑިއާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަން ފާހަގަކޮށް އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އަދި ދަ ޑިމޮކްރެޓްސްއިން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ.